ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާން އުޅޭ ވާހަކަ ބެންފީކާގެ ކޯޗު ހޯޒޭ މޮރީނިއޯ ދޮގުކޮށްފި އެވެ.
މި ސީޒަނަށްފަހު އޭނާ އެނބުރި މެޑްރިޑަށް ދާނެ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، ބައެއް މީޑީއާތަކުން ބުނީ އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި މޮރީނިއާ އާ ދެމެދު ސީދާގޮތުން ވާހަކަ ދައްކާ ކަމަށެވެ.
ނަމަވެސް މޮރީނިއޯ ބުނީ މިހާތަނަށް އެ ކްލަބުގެ އެއްވެސް އިސްވެރިއަކާ ވާހަކަދައްކާފައި ނުވާނެ ކަމަށެވެ. އަދި މިވަގުތު އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ބެންފީކާގެ ސީޒަން ނިންމާލުމަށެވެ.
"ތެދުތެދަށް ބުނަންޏާ އަހަރެން މިހުރީ މިކަންކަމާ ދުރުގައި. ކްލަބުގެ ރައީސްއާ ނުވަތަ އިސް އެއްވެސް ބޭފުޅަކާ އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވާނެ. މިއީ އަހަރެންގެ އަމިއްލަ ނިންމުމެއް. ކެރިއަރުގެ މިފަދަ މުހިންމު ދަނޑިވަޅުތަކުގައި ހާއްސަކޮށް ސީޒަންގެ ފަހުކޮޅު އަހަރެން އެއްވެސް ކްލަބަކާ ވާހަކައެއް ނުދައްކަން،" މޮރީނިއޯ ބުންޏެވެ އެވެ.
މޮރީނިއޯ ބުނީ ޕޯޗުގަލްގެ ލީގުގައި ބެންފީކާއިން ކުޅޭ ފަހު މެޗާ ހަމައަށް އޭނާ އެއްވެސް ކްލަބަކާ މަޝްވަރާއެއް ނުކުރާނެ އެވެ.
ނަމަވެސް ސީޒަން ނިމުމުން އެއް ހަފުތާގެ މުއްދަތެއް ލިބޭނެކަން ފާހަގަކޮށް މޮރީނިއޯ ބުނީ އެ ދަނޑިވަޅުގައި ބޭނުންވާ ބަޔަކާ ވާހަކަދެއްކުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. މިހާރު ފެތުރެމުންދާ ވާހަކަތަކާއި މަޝްވަރާ ކުރަމުންދާ ކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް މޮރީނިއޯ ބުންޏެވެ.
"ރެއާލް މެޑްރިޑާ އެއްވެސް ގުޅުމެއް ނެތް. ލީގުގެ ފަހު މެޗާ ހަމައަށް އެކަން އޮންނާނީ އެގޮތަށް،" މޮރީނިއޯ ބުންޏެވެ.
"އޭގެ ފަހުން އަހަރެން ވާހަކަދައްކަންޖެހޭ ކަމަށް ފެންނަ ބަޔަކާ ވާހަކަދެއްކުމުގެ މިނިވަންކަން އޮންނާނެ. އެކަމަކު މިހާރު މިދެކެވޭ ބައްދަލުވުންތަކުގެ ވާހަކައަކީ ހުސް ދޮގު."
މި ސީޒަނަކީ ރެއާލަށް ނާކާމިޔާބު ސީޒަނެކެވެ. މިއީ އެ ޓީމަށް އެއްވެސް ތައްޓެއް ނުލިބި ނިމޭ ވިދިވިދގެން ދެވަނަ ސީޒަނެވެ. ކްލަބުގެ އެތެރޭގެ މައްސަލަތައްވެސް ވަނީ އިންތިހާއަށް ގޯސްވެފަ އެވެ.
ވައިސް ކެޕްޓަން ފެޑެރީކޯ ވަލްވާޑޭ އާއި އައުރެލިއަން ޗުއަމެނީގެ މެދުގައި ހިނގި މާރާމާރީއެއްގައި، ވަލްވާޑޭއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުމުން އޭނާއަށް ބާސާއާ ދެކޮޅަށް ރޭގެ މެޗުގައި ނުކުޅެވުނެވެ.
ރެއާލްގެ އެ މައްސަލަތައް ހައްލުކުރަން، ޕެރޭޒް ގެނަން ބޭނުންވަނީ މޮރީނިއޯ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ކުރިން ވެސް ރެއާލަށް ކޯޗުކޮށް ދިން މޮރީނިއޯގެ އެޖެންޓް ހޯޖޭ މެންޑޭޒާއި އެ ކްލަބުން ވާހަކަ ދައްކާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.