ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް 2026 ގެ ފުރަތަމަ ސެމީ ފައިނަލްގައި ނޭޕާލްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައި، ބަންގްލަދޭޝް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މޮޅާއެކު، ހުކުރު ދުވަހު ކުޅޭ ފައިނަލް މެޗުގައި ބަންގްލަދޭޝް ބައްދަލުކުރަން ޖެހޭނީ ދެވަނަ ސެމީ ފައިނަލްގައި އިންޑިއާ ނުވަތަ ބޫޓާންގެ ތެރެއިން މޮޅުވާ ޓީމަކާއެވެ.

މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މިއީ މޯޝެދު ނޭޕާލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް، ބަންގްލަދޭޝްގެ އެމްޑީ މަނިކް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ކުރީކޮޅުން ފެށިގެން ބަންގްލަދޭޝްގެ ޒުވާން ޓީމުން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި، ނޭޕާލްގެ ހާފަށް ބާރުބޮޑުކޮށްފަ އެވެ. ލަނޑު ޖެހިތާ މިނެޓެއް ފަހުން ބަންގްލަދޭޝްގެ ރޮނާން ސުލްވާން އަށް އިތުރު ލަނޑެއް ޖެހުނުކަމަށް ހީކުރެވުނެވެ. އެކަމަކު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ނޭޕާލުން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން 60 ވަނަ މިނެޓުގައި ނޭޕާލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ނޭޕާލްގެ ހަޑްކާ ބޮލުން ފޮނުވާލި ނަމަވެސް، އެ ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި ނޭޕާލުން ވަރުގަދަ ހަމަލާތަކެއް އުފެއްދި އެވެ. ނަމަވެސް ބަންގްލަދޭޝްގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާ އެކު އެ ހަމަލާތައް ދިފާއުކޮށްފަ އެވެ. ، މެޗުން މޮޅުވެ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

ބަންގްލަދޭޝް ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި އެޓީމު ވަނީ ޕާކިސްތާން އަތުން 2-0 އިން މޮޅުވެ، އިންޑިއާއާ 1-1 އިން އެއްވަރުކޮށްފަ އެވެ.

އަނެއްކޮޅުން ނޭޕާލް ސެމީ ފައިނަލަށް އައީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ނޭޕާލުން ވަނީ ބޫޓާން އަދި ސްރީލަންކާ ބަލިކޮށް، ރާއްޖެއާ އެއްވަރުކޮށްފަ އެވެ.