އިންޑިއާގެ ޝިމްލާގައި ކުރިއަށްދިޔަ، ދެކުނު އޭޝިއާގެ ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ތިން ރިހި މެޑައްޔާ އެކު ރާއްޖޭން ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.
މި މަހު 8 ން 11 އަށް ކުރިއަށްގެންދިޔަ މުބާރާތުން ރާއްޖޭން ވަނީ ޖުމުލަ7 މެޑަލް ހޯދާފައެވެ. އެއީ ތިން ރިހި މެޑަލް އަދި ހަތަރު ލޯ މެޑަލް އެވެ.
ރާއްޖޭގެ 15 އަހަރުންދަށުގެ އަންހެން ޓީމުން ވަނީ އެ އުމުރުފުރާގެ ޓީމު އިވެންޓުން ރިހި މެޑަލް ހޯދާފަ އެވެ. އެ ޓީމުގައި ހިމެނެނީ އާއިޝަތު މަލާކް ތަސީން، އާއިޝަތު އަލްސާ ނާފިޒް އަދި ސާރާ މޫސާ ޖަލީލެވެ.
މި ޓީމުން ރިހި މެޑަލް ކަށަވަރުކުރީ ގްރޫޕް ސްޓޭޖާއި ސެމީ ފައިނަލްގައި ސްްރީލަންކާ އާއި ނޭޕާލް ފަދަ ވަރުގަދަ ޓީމުތަކުގެ މައްޗަށް 3-2 ސެޓުން ކުރިހޯދައިގެންނެވެ. ފައިނަލްގައި އިންޑިއާއާ ވާދަކޮށް ބަލިވި ސީދާ ތިން ސެޓުންނެވެ.
ފައިނަލުން ބަލިވި ނަމަވެސް މިއީ މި އުމުރުފުރާއިން ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވިދާޅުވީ 15 އަހަރުންދަށުގެ އަންހެން ޓީމުގެ ކާމިޔާބަކީ ރާއްޖޭގެ ޓީޓީ އަށް ތާރީހީ ކާމިޔާބެއް ކަމަށެވެ.
"މީގެކުރިއަކުން 15 އަހަރުންދަށުގެ ޓީމު އިވެންޓަކުން ރާއްޖެއަކަށް ނެތް ރިހި މެޑައްޔެއް ލިބިފައެއް،" އަލީ ވިދާޅުވި އެވެ.
މުބާރާތުގެ މިކްސްޑް ޑަބަލްސް ބައިންވެސް މުހައްމަދު ހަލަފް ރާފއިު އާއި އައިޝަތު އަލްސާ ނާފިޒްގެ ޕެއާ ވެސް ވަނީ ރިހި މެޑަލް ހޯދާފަ އެވެ. ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދަރިކަލުން ހަލަފް، ވަނީ ތިން މެޑަލް ރާއްޖެ އަށް ހޯދައިދިނުމުގައި ހިއްސާވެފަ އެވެ.
ރިހި މެޑަލް ލިބުނު އިވެންޓްތައް
- މަލާކް، އަލްސާ އަދި ސާރާ ހިމެނުނު 15 އަހަރުންދަށުގެ އަންހެން ޓީމު
- ހަލަފް އަދި އަލްސާގެ ޕެއާ އަށް 15 އަހަރުންދަށުގެ މިކްސްޑް ޑަބަލްސްއިން
- ދީމާ އަދި ހަލަފް، ހިމެނުނު 19 އަހަރުންދަށުގެ މިކްސްޑް ޑަބަލްސް
ރިހި މެޑަލް ހޯދި ރާއްޖޭގެ 15 އަހަރުންދަށުގެ އަންހެން ޓީމާއި، މިކްސްޑް ޑަބަލްސް ޕެއާތައް ވަނީ މިއަހަރުގެ ޖޫން މަހު އޮމާންގެ މަސްކަޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ޔޫތު ޗެމްޕިއަންޝިޕަށް ކޮލިފައިވެފަ އެވެ.
ލޯ މެޑަލް ލިބުނު އިވެންޓްތައް
- ފާތިމަތު ދީމާ އަލީ (19 އަހަރުންދަށުގެ ސިންގަލްސް)
- 19 އަހަރުންދަށުގެ އަންހެން ޑަބަލްސް (ދީމާ އަދި މިޝްކާ)
- 19 އަހަރުންދަށުގެ އަންހެން ޓީމު
19 އަހަރުންދަށޫގެ ފިރިހެން ޓީމު