ސްކޫލް ކުޅިވަރުގައި ވާދަވެރި މުބާރާތްތަކާއި ފެސްޓިވަލްތަކުގައި ބައިވެރި ކުރުވާނެ އުމުރުފުރާތަކަކީ ކޮބައިކަން ކަނޑައަޅަންޖެހޭ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.
ސްކޫލް ކުޅިވަރު މުބާރާތްތަކުން 14 އަހަރުންދަށުގެ އުމުރުފުރާ އުނިކުރުމުން ބެލެނިވެރިންނާއި ކޯޗުން އަދި ކުޅިވަރު ދާއިރާގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ރާފިއު ވިދާޅުވީ، ސްކޫލް ކުޅިވަރު މުބާރާތާ ބެހޭގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާއި އެޑިއުކޭޝަން މިނިސްޓްރީއާ އެކު، މާދަމާ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމާ ބެހޭގޮތުން ދެ މިނިސްޓްރީގެ ދެމެދުގައި މިހާރު ވެސް މަޝްވަރާ ކުރަމުން ގެންދެ އެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލް މަރުހަލާގެ އުމުރުފުރާތަކުގެ ތެރެއިން އެއްވެސް އުމުރުފުރާއެއް ކުޅިވަރުތަކުގައި ބައިވެރި ނުކުރާ ގޮތަށް ނިންމާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން އެކަން ވަކި ގޮތަކަށް މެންޑޭޓް ކުރަން ވެސް ބޭނުން. ކޮން އުމުރުފުރާއަކުންތޯ ފެސްޓިވަލް އުސޫލުން ކުޅޭނީ، އަދި ކޮން އުމުރުފުރާއަކުންތޯ އިންޓަ ސްކޫލް ވާދަވެރި މުބާރާތްތަކުގައި ކުޅޭނީ. މިއީ އަޅުގަނޑުމެން މިހާރު މަޝްވަރާ ކުރަމުންދާ ކަމަކީ،" ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއް ކުއްޖަކަށް އެންމެ ގިނަވެގެން އަދި އެންމެ މަދުވެގެން ބައިވެރިވެވޭނީ ކިތައް ކުޅިވަރުގައިތޯ ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ޓީމު ކުޅިވަރުތަކާއި އިންޑިވިޖުއަލް ކުޅިވަރުތަކުގައި ކުދިން ބައިވެރި ކުރުވުމުގައި އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
ރާފިއު ފާގަހަކުރެއްވި ގޮތުގައި އެކި ކުޅިވަރުތަކުން ކުދިންގެ ކިބައިގައި ހަރުލަނީ އެކި ހުނަރުތަކެވެ. އެހެންވެ ފެސްޓިވަލްތަކާއި ކޮމްޕިޓޭޓިވް މުބާރާތްތައް ވަކ އުމުރުފުރާއަކަށް ކަނޑައަޅަން ޖެހޭ ކަމަށް ރާފިއު ވިދާޅުވި އެވެ.
"މިސާލަކަށް 12 އަހަރުން ދަށް ކަމަށް ވަންޏާ އެކި ކުޅިވަރުތަކުގައި ބައިވެރިކުރަން އެބަޖެހޭ. އެއީ އެކި ކުޅިވަރުތަކުން އެކި ސްކިލްސް ޑިވެލޮޕް ވަނީ. އެހެންވީމާ ކުޑައިރު ކުދިން އެބަ ބައިވެރިކުރަންޖެހޭ އެކި ހަރަކާތްތަކުގައި. އެހެން ނަމަވެސް ވާދަވެރި ފެންވަރެއްގައި ކުޅެންޖެހޭ ވަކި އުމުރުފުރާއެއް ކަނޑައަޅަންޖެހޭ،" ރާފިއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރަކީ ދިރާސީ އަހަރު އެހެން އަހަރުތަކަކާ ތަފާތުވުމުން އެކަޑަމިކް ދުވަސްތައް ވީހާ ވެސް ދިގު ކުރެވޭނެ ގޮތަކަށް ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް، ކުރިން މަޝްވަރާ ކުރި ކަމަށެވެ.