ކުޅިވަރާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތައް ހައްލު ކުރަން މި ސަރުކާރުން އިސްނަގައިގެން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މިހާތަނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެ ކަމުގައި ކާމިޔާބީތަކެއް ހާސިލް ވެފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ އޭސީސީން ތައްޔާރުކުރި "ކުޅިވަރު އިންތިޒާމްކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުުމުގެ ދިރާސާ ރިޕޯޓް" ނެރުމަށް ބޭއްވި ހާއްސަ ހަފުލާގަ އެވެ.
އޭސީސީގެ ރައީސް ޝާމިލް އާދަމާއި އެ ކޮމިޝަންގެ އިސްވެރިން އަދި ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ބައިވެރިވި ހަފުލާގައި މިނިސްޓަރު ރާފިއު ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތަކަށް ދައުލަތުން ދޫކުރާ ފައިސާ ހަރަދުކުރާ ގޮތް ވަރަށް ކައިރިން ބަލައި އޮޑިޓް ކުރުމުގެ ނިޒާމު މިހާރު ހަރުދަނާ ކޮށްފައި ވާނެ ކަމަށެވެ.
"ހަމަ އެއާއެކު، މާލީ މުއާމަލާތްތައް ދެފުށް ފެންނަ ގޮތަށް ބެހެއްޓުމަށްޓަކައި ހަރުދަނާ މާލީ އުސޫލުތަކަކާއި ގައިޑްލައިންތަކެއް ތައާރަފުކޮށް، އެ ކަންކަމަށް އަމަލު ކުރަން މިހާރު ވަނީ ލާޒިމްކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ރާފިއު ވިދާޅުވި ގޮތުގައި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ވެސް މިހާރު ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އަދި އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާ ގުޅުން ހުރި ކަންކަމަށް ހާއްސަ ކޮށްފައިވާ އުސޫލުތައް ވެސް މިހާރު ހަރުދަނާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކުޅިވަރު ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ދެމުން އަންނަ މުސާރަ މިވަނީ ބޮޑުކުރެވި، އެއްހަމައެއްގައި ދޭން ފަށާފައި. ބައިނަލްއަގްވާމީ މުބާރާތްތަކުން ހޯދާ ކާމިޔާބީތަކަށް ދެވޭ އިނާމު ފައިސާގެ އުސޫލު ވެސް މިވަނީ ރިވައިޒް ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދާރީ ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަންތަކުގެ މައްސަލަތައް ވެސް ބަލައި މިހާރު ވަނީ ހައްލުކޮށްފައި ކަމަށެވެ. ހާއްސަކޮށް ބައިނަލްއަގްވާމީ އިދާރާތަކުގެ އުސޫލުތަކާއި ރާއްޖޭގެ ކުޅިވަރުގެ ގާނޫނާ އެއްގޮތްވާ ގޮތަށް އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތައް ވަނީ ބަދަލުކޮށްފައި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ރާފިއު ފާހަގަކުރެއްވި އިތުރު ބައެއް ކުރިއެރުންތައް:
- ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ދޭން ވަނީ ފަށާފައި.
- ގައުމީ އަދި ބައިނަލްއަގްވާމީ މުބާރާތްތަކާ ގުޅޭ ތަންތަނުގައި ހުރުން ލާޒިމް މިނިމަމް މެޑިކަލް ރިކުއާމަންޓުތަކަށް ވަނީ އަމަލުކުރަން ފަށާފައި.
- ކުޅިވަރުގައި ދެ ޖިންސުގެ ހަމަހަމަކަން ގާނޫނުން މިހާރު ވަނީ ގެނެސްފައި.
- ވޯލްޑް އެންޓި ޑޯފިން ކޯޑާ އެއްގޮތަށް އަމަލުކުރަން ވަނީ ފަށާފައި.
މިނިސްޓަރު ރާފިއު ވިދާޅުވި ގޮތުގައި ކުޅިވަރުގެ ދާއިރާގައި ހިންގާ ނޭދެވޭ އަމަލުތަކާއި ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީ އާއި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ނަޒާހަތްތެރިކަން ކުރިއަރުވަން އޭސީސީއާ ގުޅިގެން 2024 ގައި "ޕަޗަސް" ކެމްޕެއިން ފަށަާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަން ހުރި ހިރާސް ދެނެގަތުމުގެ ރިޕޯޓް މިއަދު އާންމު ކުރުމަކީ އޭސީސީއާ ގުޅިގެން ކުރެވުނު މަސައްކަތުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް،" ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުޅިވަރުގެ ހިންގުން ހަރުދަނާ ކުރުން ގަވާއިދުތައް ހަދައިގެން ކުރިއަށް ގެންދިއުމަކުން އަދި ނުފުދޭ ކަމަށެވެ. އެއާ އެކު، ކުޅިވަރުގެ އިދާރާތައް ހިންގަން ތިބި މީހުންނާއި ކޯޗުންނާއި އެތުލީޓުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރި ކުރުވުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ރާފިއު ވިދާޅުވި އެވެ. އެހެންވެ، ގަވަނަންސް ރަނގަޅު ކުރުމާއި ފައިނޭންޝަލް މެނޭޖުމަންޓު ދަސްކޮށްދިނުމަށް ހާއްސަ ތަމްރީން ޕްރޮގްެރާމްތައް ސިލްސިލާކޮށް ހިންގަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބެލެމުގެ ދަށުން ކުރެވެމުން އަންނަ މި މަސައްކަތުގައި އެސޯސިއޭޝަންތަކުން ރަނގަޅު އެއްބާރުލުމެއް ލިބެމުން އަންނަކަން ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.
ސްޕޯޓްސް މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ސާފު، ދެފުށް ފެންނަ އަދި އިތުބާރު ހިފޭ ކުޅިވަރުގެ ވެއްޓެއް ޒުވާނުންނަށް ހޯދައި ދިނުމެވެ.
"މި މަސައްކަތުގައި އެއްވެސް ފަސްޖެހުމެއް ނެތި ދިވެހި ކުޅިވަރުގެ ހައްގުގައި ސަރުކާރުން ސާބިތުކަމާ އެކު ދެމިއޮންނާނެކަން އަޅުގަނޑު ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.