ރިޔާޒް (އޭޕްރީލް 21) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އައް ނަސްރާ އެކު 100 މެޗު ކާމިޔާބު ކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުޅުނު އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ކުއާޓާ ފައިނަލްގައި، ޔޫއޭއީގެ އަލް ވަސްްލް އާ ވާދަކޮށް 4-0 އިން މޮޅުވެ ސެމީ ފައިނަލްގެ ޖާގަ ހޯދި މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައިފަ އެވެ. މިއާ އެކު، އޭނާގެ ކެރިއަރުގައި ވަނީ 969 ގޯލު ހަމަ ކޮށްފަ އެވެ.

ޑިސެމްބަރު 2022 ގައި ސައުދީ އަރަބިއްޔާގެ އައް ނަސްރާ ގުޅުނު ރޮނާލްޑޯ އެ ކްލަބާ އެކު، 100 މެޗު ކާމިޔާބު ކޮށްފައި މި ވަނީ 141 މެޗު ކުޅެގެންނެވެ.

ރޮނާލްޑޯ އެންމެ އަވަހަށް 100 މެޗު ކާމިޔާބު ކޮށްފައި ވަނީ ރެއާލް މެޑްރިޑްގަ އެވެ. ރެއާލްގައި އޭނާ 100 މޮޅު ހޯދީ 127 މެޗުންނެވެ. ރޮނާލްޑޯ ވަނީ 168 މެޗު ކުޅެގެން މެންޗެސްޓާ ޔުނައިޓެޑާ އެކު 100 މެޗު ކާމިޔާބު ކޮށްފަ އެވެ.

ޕޯޗުގަލްގެ ގައުމީ ޓީމާ އެކު 100 މެޗު އޭނާ ކާމިޔާބު ކޮށްފައި ވަނީ 169 މެޗުންނެވެ.

ރޮނާލްޑޯ އަށް 100 މެޗުން މޮޅު ނުވެވެނީ ޔުވެންޓަސް އާއި އޭނާގެ ކެރިއަރު ފެށި ސްޕޯޓިންގަ އެވެ. ސްޕޯޓިންއާ އެކު 31 މެޗުން 13 މޮޅު ހޯދާފައި ވާއިރު، ޔުވެންޓަސްގައި ކުޅުނު 134 މެޗުން ވަނީ 91 މެޗު ކާމިޔާބު ކޮށްފަ އެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ މި ސީޒަންގައި ހުރީ ވެސް ތަފާތު ފޯމެއްގަ އެވެ. އައް ނަސްރަށް ލީގުގައި ފަސް މެޗު ބާކީ އޮތް އިރު، އެ ޓީމު އެއްވަނައިގައި އޮތީ އަށް ޕޮއިންޓްގެ ތަފާތަކުންނެވެ. ޖެހިޖެހިގެން 15 މެޗުން މޮޅުވެ އެ ޓީމު ވަނީ ސައުދީ ލީގުގެ ރެކޯޑެއް ވެސް ހަދައިފަ އެވެ. އަދި އާދިއްތަ ދުވަހުގެ ރޭގެ މޮޅާ އެކު އެ ޓީމު ވަނީ މި ސީޒަންގައި ޖެހިޖެހިގެން 18 މެޗުން މޮޅުވެފަ އެވެ.