ސައުތުހެމްޓަން އަތުން 2-1 އިން މޮޅުވެ އެފްއޭ ކަޕުގެ ފައިނަލުން ޖެހިޖެހިގެން ހަތަރު އަހަރު ޖާގަ ހޯދި ފުރަތަމަ ޓީމުގެ ޝަރަފް މެންޗެސްޓާ ސިޓީން ރޭ ހޯދައިފި އެވެ.

ސިޓީ ވަނީ އެންމެ ފަހުން ކުޅުނު އެފްއޭ ކަޕުގެ ދެ ފައިނަލުން، ކްރިސްޓަލް ޕެލަސް އާއި، މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. އެކަމަކު މި ސިލްސިލާގެ ފުރަތަމަ އަހަރު، 2023 ގައި ފައިނަލުން ޔުނައިޓެޑް އަތުން މޮޅުވި އެވެ.

މި އަހަރުގެ ފައިނަލުގައި ސިޓީ ވާދަކުރާނީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ޗެލްސީ އާއި ލީޑްސް ޔުނައިޓެޑް ކުޅެ މޮޅުވާ ޓީމަކާ އެވެ.

"މިއީ އާދަޔާހިލާފު ކަމެއް،" ޖެހިޖެހިގެން ހަތަރު ވަނަ ފައިނަލަށް ދިއުމާ ގުޅޭގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ. "އުއްމީދުކުރަނީ ފައިނަލް މެޗާ ކުރިމަތިލާއިރު ރަނގަޅު ހާލަތެއްގައި ޓީމު އޮންނާނެ ކަމަށް."

ވެމްބްލީ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗަށް ގާޑިއޯލާ ޓީމު ނެރުނީ ބަދަލުތަކާ އެކު އެވެ. ޕްރިމިއާ ލީގުގައި ބާންލީ އަތުން 1-0 އިން މޮޅުވި މެޗަށް ނެރުނު ކުޅުންތެރިންގެ ތެރެއިން 8 ކުޅުންތެރިން ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފު ސައުތުހެމްޓަން އިން ޑޮމިނޭޓްކުރުމެވެ.

ދެ ވަނަ ހާފަށް ސިޓީން އާލިން ހާލަންޑާއި، ޖެރެމީ ޑޮކޫ، އަދި ބެނާޑޯ ސިލްވާ ނެރުމުން ކުޅުން ރަނގަޅުވި އެވެ. އެކަމަކު 79 ވަނަ މިނެޓުގައި އިސާކް އަޒާޒްގެ ގޯލުން ސައުތުހެމްޓަން އިން ކުރި ހޯދި އެވެ. އެ ލީޑު މާގިނަ ވަގުތު ދެމި އޮންނަ ގޮތެއް ނުވި އެވެ. މެޗުގެ 82 ވަނަ މިނެޓުގައި ޖެރެމީ ޑޮކޫ ސިޓީ އަށް އެއްވަރުކޮށްދިނެވެ. ސިޓީ މޮޅުވީ 87 ވަނަ މިނެޓުގައި ނިކޯ ގޮންޒާލެސް ޖަހައިދިން ގޯލުންނެވެ.

"އުނދަގޫ މޮޅެއް މިއީ،" ގާޑިއޯލާ ބުންޏެވެ.