ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އިސްކޮށް ހުރެ އުފައްދާފައިވާ ކޮންސޯޓިއަމަކުން، އޭނާގެ ކުރިން ކުޅުނު ސެވިއްޔާ ގަތުމަށް 444 މިލިއަން ޔޫރޯގެ އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އުމުރުން 40 އަހަރުގެ ރާމޯސްއާ އެކު މި މުއާމަލާތުގައި ބައިވެރިވަނީ "ފައިވް އިލެވަން" ފަންޑުންނެވެ.

"ފައިވް އިލެވަން" ކެޕިޓަލަކީ އުތުރު އެމެރިކާގެ އިންވެސްޓަރުން ހިމެނޭ، ފުޓްބޯޅަ ދާއިރާއަށް ޚާއްސަ އިންވެސްޓްމަންޓް ފަންޑެކެވެ. އެ ކުންފުނީގެ ބައެއް އޮފީސްތައް ޔޫރަޕްގެ މޯލްޓާ ފަދަ ގައުމުތަކުގައި ވެސް ހުރެ އެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު، އަންގާރަ ދުވަހު، އެއްބަސްވުމަކަށް ވަނީ ގޮސްފަ އެވެ. އެ ކްލަބް ގަތުމުގެ މަރުހާލަތައް މިހާ ދިގަު މުއްދަތަކަށް ދެމިގެން ދިޔައީ މިހާރުގެ ހިއްސާދާރުންނާ އެކު ދިގުލައިގެންދިޔަ މަޝްވަރާތަކާ ހެދި އެވެ. 

މި އެއްބަސްވުމުގެ ދަށުން ކްލަބް ގަތުމުގެ މަރުހަލާ މި މަހު ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ނިމޭނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް މި މުއާމަލާތުގެ ފައިނަލް އަގުން ކްލަބްގެ ދަރަނި ކަމަށްވާ ގާތްގަނޑަކަށް 90 މިލިއަން ޔޫރޯ އުނިކުރެވޭނެ އެވެ.

ފާއިތުވި އަހަރުތަކުގައި ސެވިއްޔާގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން 2023-2024 ވަނަ އަހަރު އެ ކްލަބަށް 81.8 މިލިއަން ޔޫރޯގެ ގެއްލުމެއް ކުރިމަތިވި އެވެ.

މިހާރު އެ ޓީމު އޮތީ ލަލީގާގެ ރެލިގޭޝަނާ ވަރަށް ގާތުގަ އެވެ. ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ. އެއީ ރެލިގޭޝަން ޒޯނަށްވުރެ އެންމެ ތިން ޕޮއިންޓް ކުރީގަ އެވެ.

ސީޒަން ނިމެން ތިން މެޗު ބާކީ އޮތްއިރު، ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ ނަމަ ކްލަބްގެ އަގު 20 އިން 30 ޕަސަންޓަށްށް ވެއްޓޭނެ ކަމަށް ލަފާކުރެވެ އެވެ.

ސްޕެއިންގައި އުފެދުނު އެންމެ ކާމިޔާބު ޑިފެންޑަރު ރާމޯސް ކެރިއާ ފެށީ ސެވިއްޔާއިންނެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން އެ ކްލަބަށް 87 މެޗު ކުޅެދީފަ އެވެ.

އެންމެ ފަހުން މެކްސިކޯގެ މޮންޓެރޭއަށް ކުޅުމަށްފަހު ރާމޯސް މިހާރު ހުރީ އެއްވެސް ކްލަބަކާ ގުޅުމެއް ނެތި ހުސްކޮށެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ފެނުމުގެ ފުރުސަތަށް ވުރެ، ދެން އޭނާ ފެނުން ގާތީ ކްލަބް ހިންގުމުގައި ބައިވެރިވާ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ.