ގްރީން ސްޓްރީޓްސްގައި ހަ އަހަރު ހޭދަކުރުމަށް ފަހު، މި ހަފުތާ ކުރީކޮޅު އެ ޓީމުގެ ކޯޗުކަން ދޫކޮށްލި އަލީ ނިސްތާރު މުހައްމަދު ނިންމުން ބަދަލުކޮށް، އަލުން އެ ކްލަބާ ހަވާލުވެއްޖެ އެވެ.
އެހެން ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމުގެ ވިސްނުމާ އެކު ނިސްތާރު ކްލަބްގެ ކޯޗުކަން ދޫކޮށްލީ، ދިވެހި ޕްރިމިއާ ލީގުގެ ޕްލޭއޮފް މަރުހަލާ ޓީމުގެ ކުރިމަތީގައި އޮއްވަ އެވެ.
އެ ނިންމުން ބަދަލުކޮށް ނިސްތާރު ވަނީ އަލުން އެ ކްލަބާ ހަވާލުވާން އެއްބަސްވެފަ އެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައި އޭނާ ބުނީ އަލުން ގްރީންއާ ހަވާލުވީ ކްލަބްގެ އިސް ހިންގުންތެރިޔާ މުއާވިޔަތު އިލްހާމް (މުއާބެ) އާއި ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) "އަށްޓަކައި" ކަމަށެވެ.
އަވަސް އަވަހަށް ކޯޗުން ބަދަލުކުރުމުގެ ސަގާފަތެއް އޮތް ރާއްޖޭގެ ކްލަބްތަކުގައި، ނިސްތާރަކީ މި ފަހުން އެއް ކްލަބެއްގައި އެންމެ ދިގު މުއްދަތެއް ހޭދަ ކުރި ކޯޗެވެ.
ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން، 2020 ގައި ގައުމީ ޓީމުގެ ކޯޗިން ޓީމާ ގުޅެން ގްރީންގެ ކޯޗުކަން ދޫކޮށްލުމުން، އެ ކްލަބުން އެ މަގާމު ހަވާލު ކުރީ އޭގެ ކުރިން އއ. މާޅޮހާއި ށ. ފޯކައިދޫގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ނިސްތާރެވެ.
އެންމެ ފަހުގެ ޕްރިމިއާ ލީގުގެ ގަދަ ހައެއްގައި ލައްވާނުލައި، ގްރީންއިން ނިންމާލީ އަށްވަނައިގަ އެވެ. އެހެންވެ އެ ޓީމުން ކުޅެން ޖެހޭނީ ޕްލޭއޮފް މަރުހަލާ އެވެ.
ޕްރިމިއާ ލީގުގެ 2022-2023 ގެ މުބާރާތުގެ ފަހު ބުރު ނުކުޅެ ދޫކޮށްލި ގްރީންއިން ވަނީ މިފަހަރުގެ ލީގުގެ ދެވަނަ ބުރުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް މެޗު ނުކުޅެ ދޫކޮށްލާފަ އެވެ. އެއީ ޓީމު ހަމަވާ ވަރަށް ކުޅުންތެރިން ދަނޑަށް ހާޒިރު ނުވުމުންނެވެ.
ގްރީން މެޗަށް ހާޒިރު ނުވިކަމަށް ބަލައި އެފްއޭއެމުން ނިންމީ 2-0 ން އެ ޓީމު ބަލިވެފައިވާ ކަމަށެވެ.
ނިސްތާރާއި ކްލަބްގެ ކޯޗިން ޓީމުން އެ ދުވަހުގެ މެޗަށް ހާޒިރުވި އެވެ. އެކަމަކު ކުޅުންތެރިން މެޗަށް ހަމަކުރުމުގައި، އޭނާ އާއި ކްލަބްގެ މެނޭޖްމެންޓަށް ކާމިޔާބެއް ނުހޯދުނެވެ. ކްލަބްގެ ބޯޑުން ބުނީ ގަސްތުގައި މެޗު ދޫކޮށްލަން ތަރުހީބު ނުދޭނެ ކަމަށެވެ. އެކަމަކު، މެޗަށް ހާޒިރު ނުވި ކުޅުންތެރިންނަށް ފިޔަވަޅު އަޅާނެ ކަމަކަށް އެ ކްލަބުން ނުބުނެ އެވެ.