އަމިއްލަ ދަނޑުގައި ކުޅެ، ކެނެޑާއިން ބޮސްނިއާ އެންޑް ހާޒެގޮވީނާއާ 1-1 ން އެއްވަރު ކޮށްފި އެވެ.

ކެނެޑާގެ ވެރިރަށް ޓޮރޮންޓޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާއިން ބޯޅަ ހިފަހައްޓައި، ނުވަ ކޯނަރު ހޯދި ނަމަވެސް، އެ ޓީމުގެ އެޓޭކްތައް ލަނޑަކަށް ހަދާލެވޭ ގޮތެއް ނުވި އެވެ. ފުަރަތަމަ ހާފުގައި  ތަފާތަކަށް ވީ 20 ވަނަ މިނިޓުގައި ބޮސްނިއާގެ ޖޯވޯ ލޫކިޗް ޖަހައިދިން ލަނޑެވެ

މި ލަނޑަކީ ބޮސްނިއާއަށް ލިބުނު ކޯނަރެއްގެ ބޭނުންހިފައި ސައީދު ކޮލަސިނަކް ބޮލުން ގޯލް ކުރިމައްޗަށް ބޯޅައެއް، ލޫކިޗް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖެހި ލަނޑެކެވެ.

މެޗުގެ ކުރީކޮޅުގައި ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުޞަތެއް ކެނެޑާގެ ޖޮނަތަން ޑޭވިޑަށް ލިބުނެވެ. ގޯލާ ވަރަށް ކައިރިން އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ސީދާ ބޮސްނިއާގެ ކީޕަރާ ދިމާލަށެވެ. މީގެއިތުރުން ކެނެޑާގެ ޓާނީ އޮލުވަސޭއީއަށް ވެސް އޭރިއާ ތެރެއިން ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.

ކެނެޑާ ކޮޅަށް ލަނޑު ޖެހުމަށްފަހު، ބޮސްނިއާގެ ފޯވާޑް ޖޯވޯ ލޫކިޗް އުފާފާޅުކުރަނީ . (ފޮޓޯ: ކޯލް ބާރސްޓަން / އޭއެފްޕީ)
ކެނެޑާ ކޮޅަށް ލަނޑު ޖެހުމަށްފަހު، ބޮސްނިއާގެ ފޯވާޑް ޖޯވޯ ލޫކިޗް އުފާފާޅުކުރަނީ . (ފޮޓޯ: ކޯލް ބާރސްޓަން / އޭއެފްޕީ)

ދެވަނަ ހާފު ފެށިގޮތަށް ކެނެޑާއިން ހަމަލާތައް އުފައްދަން ފެށި އެވެ.

ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ރިޗީ ލަރިއޭ އޭރިއާ ތެރެއިން ފޮނުވާލި ނުރައްކާތެރި ހަމަލާއަކުންނެވެ. ނަމަވެސް ބޮސްނިއާގެ ކެޕްޓަން ކޮލަސިނަކް ވަނީ ވަރަށް ހުޝިޔާރުކަމާ އެކު އެ ބޯޅައިގެ ނުރައްކާ ކަނޑުވާލާއިފަ އެވެ. އޭނާގެ މި ހިތްވަރުގަދަ ޑިފެންސިވް ކުޅުމާ އެކު ބޮސްނިއާއިން ވަނީ ލީޑު ދަމަހައްޓާފަ އެވެ.

އޭގެ ފަހުން ކެނެޑާގެ ފޯވާޑް ޓާނީ އޮލުވަސޭއީ އޭރިއާ ތެރެއަށް ދޫވި ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި، ބޮސްނިއާގެ ގޯލްކީޕަރު ނިކޮލާ ވަސިލްއާ ދެކުޅުންތެރިން ޖެހި ޕެނަލްޓީއެއް ކަމަށް ކެނަޑާއިން އެޕީލް ވެސް ކުރި އެވެ.

މެޗުގެ ދެވަނަ ހާފުގައި ކެނެޑާއިން ބޮސްނިއާގެ ގޯލަށް ބާރުބޮޑު ކުރި އެވެ. ކެނެޑާއިން މެޗު ކޮންޓްރޯލް ކުރި އެވެ. މަދުވީ ލަނޑެއް އެކަންޏެވެ. 

މެޗުގެ 78 ވަނަ މިނިޓުގައި އެކަން ފިލުވައި ދިނީ ސައިލް ލާރިން އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕްރޮމިސް އެކިންޕެލޫ އޭރިއާ ތެރެއަށް ވަރަށް ރީތި ބޯޅައެއް ހުރަސްކޮށްދީފަ އެވެ. އެ ބޯޅަ ހޯދުމަށްފަހު، ތަޖުރިބާކާރު ފޯވާޑް ލާރިން ވަނީ ބޮސްނިއާގެ ގިނަ ޑިފެންޑަރުންތަކެއްގެ ތެރެއިން ވަރަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ހިތްގައިމު ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. 

މިއީ ވޯލްޑް ކަޕް ތާރީހުގައި ކެނެޑާއިން ޖެހި އެ ަގައުމުގެ ތިންވަނަ ލަނޑެވެ. އަދި މިއީ ކެނެޑާގެ އަމިއްލަ ކުޅުންތެރިއަކު ސީދާކޮށް ވޯލްޑް ކަޕްގައި ޖެހި އެ ޤައުމުގެ ދެވަނަ ލަނޑު ވެސް މެ އެވެ.