އާލިންޓަން (ޖޫން 15) - ނެދަލެންޑްސް އިން ދެ ފަހަރަށް ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރައި ޖެހި ލަނޑުތަކުން ޖަޕާން ގުރޫޕް އެފްގެ ފުރަތަމަ މެޗު 2-2 އިން އެއްވަރު ކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑެއް ޖެހިފައި ނުވާއިރު، މި ހާފުގައި ނެދަލެންޑްސް އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ޑޮންޔެލް މާލަން ފޮނުވާލި ދެ ހަމަލާ ވެސް ޖަޕާންގެ ކީޕަރު ޒިއޯން ސުޒުކީ ވަނީ ދިފާއު ކޮށްފަ އެވެ.
ދެވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނެދަލެންޑްސް އެވެ. ރަޔާން ގްރަވެންބްރެކް ހުރަސް ކޮށްލި ބޯޅައަކުން މި ގޯލު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ.
ނަމަވެސް އޭގެ ހަ މިނިޓު ފަހުން ޓަކެފޫސާ ކޫބޯ ދިން ބޯޅައަކުން ކެއިޓޯ ނަކަމޫރާ ޖަޕާނަށް އެއްވަރު ކޮށްދިން ގޯލު ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅަ ހިފައިގެން، އޭރިއާގެ ބޭރަށް ޖެހިލާފައި ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެންނެވެ.
ނެދަލެންޑްސް އިން ބޮޑަށް ކުރިއަށް ޖެހިގެން ހޯދި އިތުރު ފުރުސަތުތަކުގައި އެ ޓީމުން އަލުން ލީޑު ނެގީ 64 ވަނަ މިނިޓުގަ އެވެ. މި ލަނޑު ޖަހައިދިނީ ކްރަސެންސީއޯ ސަމަވިލް އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
މި ނަތީޖާއިން ނެދަލެންޑްސް މޮޅު ވާނެ ކަމަށް ހީކުރެވުނު ނަމަވެސް މެޗުގެ 88 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން ޖަޕާނަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްދިނީ ޑައިޗީ ކަމާޑާ އެވެ. މި ގޯލު ވަނީ ކޮކީ އޮގާވާ ބޮލުން ފޮނުވާލި ބޯޅަ ކަމާޑާ ބޮލުގައި ޖެހިފަ އެވެ.
ގުރޫޕް އެފްގައި ޖަޕާނާއި ނެދަލެންޑްސް އާއެކު ދެން ހިމެނެނީ ސްވިޑެން އާއި ޓިއުނީޝީއާ އެވެ.