ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން 3-2 ން ނެދަލޭންޑްސް ބަލިކޮށް މޮރޮކޯއިން މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފި އެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 ން އެއްވަރުވެފަ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ނެދަލަންޑްސްއިންނެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ކްރައިސެންސިއޯ ސަމަވިލް ދިން ފުރުސަތަކުން ނެދަލޭންޑްސްއަށް ލަނޑު ޖަހައިދިނީ ކޯޑީ ގަކްޕޯ އެވެ. މި ލަނޑަށްފަހު އޭނާ ވަނީ ވަރަށް ބޮޑަށް އަސަރާ އެކު އުފާފާޅުކޮށްފަ އެވެ. އެއީ ދާދިފަހުން އޭނާގެ ދަރިޔަކު ލިބެން ގާތްވެފައި ވަނިކޮށް، އެ ދަރިފުޅު އުފަން ނުވަނީސް މަރުވުމުގެ ހިތާމަ އެވެ.
އެ ލަނޑާ އެކު ނެދަލެންޑްސް އޮތީ މޮޅުވުމާ ދާދި ކައިރިގަ އެވެ. އެކަމަކު ހިތްވަރުގަދަ މޮރޮކޯއިން ދުލެއް ނުދިނެވެ. މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ފުރަތަމަ މިނެޓުގައި ޝެމްސުއްދީން ތޯލްބީ ނަގައިދިން ހުރަހަކުން، މޮރޮކޯގެ ސެންޓަ ބެކް އީސާ ދިއޮޕް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިތުރު ވަގުތުގެ ދެ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މޮރޮކޯގެ ސްފިޔާން ރާހިމީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް، ނެދަލަންޑްސްގެ ކީޕަރު ބާޓް ވެބްރޫގަން ވަނީ ފައިން މޮޅަކަށް ދިފާއުކޮށްފަ އެވެ.
މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގެ ފުރަތަމަ ޕެނަލްޓީގައި ނެދަލަންޑްސްގެ ޓުން ކޫޕްމީނާސް ޕެނަލްޓީ ކާމިޔާބުކުރި އެވެ. މޮރޮކޯގެ ފުރަތަމަ ޕެނަލްޓީ ނާއިލް އައިނާއުއީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ޕެނަލްޓީގައި ނެދަލެންޑްސްގެ ޖަސްޓިން ކްލައިވަޓް ޖެހި ޕެނަލްޓީ ދަނޑިއަށް އަމާޒުވި އެވެ. މޮރޮކޯގެ ދެވަނަ ޕެނަލްޓީ ސުފިޔާން ރާހިމީ ވަނީ ޕެނަލްޓީ ވައްދާލަލައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ތިންވަނަ ޕެނަލްޓީގައި ނެދަލަންޑްސްގެ ވައުޓް ވެހޯސްޓް އަދި މޮރޮކޯގެ ޝެމްސުއްދީން ތޯލްބީ ވެސް ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ 2-2 ގައި ހިފެހެއްޓި އެވެ. ހަތަރުވަނަ ޕެނަލްޓީގައި ދެ ޓީމަށް ވެސް ނާކާމިޔާބުވީ އެވެ. ނެދަލަންޑްސްގެ ކުއިންޓަން ޓިމްބާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. މޮރޮކޯގެ އަޝްރަފް ހަކީމީ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މޮރޮކޯ މެޗުން މޮޅުވީ ފަސްވަނަ ޕެނަލްޓީގަ އެވެ. ނެދަލަންޑްސްގެ ކްރައިސެންސިއޯ ސަމަވިލް ފޮނުވާލި ޕެނަލްޓީ މޮރޮކޯގެ ކީޕަރު ޔާސީން ބޯނޫ ދިފާއުކުރި އެވެ. އޭގެ ފަހުން މޮރޮކޯގެ އިސްމާއިލް ސައިބާރީ ވަނީ ފަހު ޕެނަލްޓީ ކާމިޔާބުކޮށް، 3-2 ން މޮރޮކޯއަށް މޮޅުކޮށްދީފަ އެވެ.
މި މޮޅާ އެކު ގަދަ 16 ގެ ބުރުގައި މޮރޮކޯ ނުކުންނާނީ ކެނަޑާއާ ދެކޮޅަށެވެ.