ހޯމަ ދުވަހުގެ ރޭ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭޕް ވާޑޭގެ ކީޕަރު ވޮޒީނިއާ ޖޮސިމާ ޑިއާޒަށް ވޯލްޑް ކަޕްގެ ރެކޯޑެއް މުގުރާލައިފި އެވެ.

ސްޕެއިން ހުއްޓުވި ކޭޕް ވާޑޭ އަށް ވަނީ ބޮޑު މަގުބޫލު ކަމެއް ލިބިފަ އެވެ. އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދި  އުމުރުން 40 އަހަރުގެ ވޮޒީނިއާ އެވެ.

ވޮޒީނިއާ ވަނީ ސްޕެއިން އިން ފޮނުވާލި ގުމްލަ 27 ހަމަލާގެ ތެރެއިން ގޯލާ އަމާޒުކޮށް ފޮނުވާލި ހަތް ހަމަލާ ވެސް ހުށިޔާރުކާމަ އެކު ދިފާއު ކޮށްފަ އެވެ. މިއީ 1966 ގެ ވޯލްޑް ކަޕަށް ފަހު މުބާރާތުގެ މެޗެއްގައި 40 އަހަރުން މަތީ ކީޕަރަކު އެންމެ ގިނަ ހަމަލާ ދިފާއު ކުރި މެޗެވެ. އެ އަހަރު ނޮދާން އަޔަލެންޑްގެ ކީޕަރު ޕެޓް ޖެނިންސް ވަނީ އޭނާގެ 41 ވަނަ އުފަންދުވަހު ބްރެޒިލްއާ ދެކޮޅަށް 10 ހަމަލާ ދިފާއު ކޮށްފަ އެވެ.

ފެރާން ޓޯރޭޒް އާއި ޕެޑްރީ އަދި ފަބިއަން ރުއީޒް އާއި މާކް ކުކުރެޔާ ފަދަ ކުޅުންތެރިންނަށް ވެސް މެޗުގައީ ވޮޒީނިއާ ބެލެހެއްޓި ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

ސްޕެއިންއާ ދެކޮޅަށް ވެބޯ ވާޑޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
ސްޕެއިންއާ ދެކޮޅަށް ވެބޯ ވާޑޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގެ ޗާވޭސް އަށް ކުޅެމުން އަންނަ ވޮޒީނިއޯ އަކީ މުބާރާތުގައި ކުޅޭ ދެވަނައަށް އެންމެ ދުވަސްވީ ކީޕަރެވެ. އެންމެ ދުވަސްވީ ކީޕަރަކީ 45 އަހަރުގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު މިސްރުގެ އިއްސާމް އަލް ހާދަރީ އެވެ.

މީގެ އިތުރުން ކޭޕް ވާޑޭގެ ފަރާތުން މުޅި މެޗުގައި ވެސް ފެނުނީ އެންމެ ފައުލެކެވެ. މިއީ 1966 އިން ފެށިގެން ވޯލްޑް ކަޕް މެޗެއްގައި އެންމެ މަދުން ފައުލް ރެކޯޑް ކުރެވުނު މެޗެވެ. ފުރަތަމަ ހާފުގައި ސިންޑީ ލޯޕްސް ކާބަލް ކުރި މި ފައުލަށް އޭނާއަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ.

ގޯލްކީޕަރު ވޮޒީނިއާގެ މޮޅު ކުޅުމާ އެކު އޭނާގެ 50،000 ފޮލޯވަރުން ތިބި އިންސްތަގްރާމް އެކައުންޓަށް ވަނީ ޖުމްލަ 5.8 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ލިބިފަ އެވެ.

ސްޕެއިންއާ ދެކޮޅަށް ވެބޯ ވާޑޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
ސްޕެއިންއާ ދެކޮޅަށް ވެބޯ ވާޑޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ގާތްގަނޑަކަށް 500،000 މީހުންގެ އާބާދީއެއް އޮތް ކޭޕް ވާޑޭގެ 70،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މިންޑެލޯ ސިޓީއަށް އުފަން ވޮޒީނިއޯ އަށް އޭނާގެ ބައްޕަ ފުރަތަމަ ކިޔަން ނިންމީ އާޖެންޓީނާގެ ސްޓައިކަރު ގޯޖް ވޮލްޑާނޯއާ ގުޅުވައިގެން، ވޮލްޑާނޯ އެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން އެ ނަން ކިޔަން ހުއްދަ ނުލިބުމުން ވޮޒީނިއޯގެ ނަން  ދިނީ އެވެ.

އޭނާ ކުޅެން އިހްތިޔާރު ކުރީ ސްޓައިކަރަކަށް ނޫނެވެ. އޭނާ އިހްތިޔާރު ކުރީ ފުޓްބޯޅަ ދަނޑުގައި އެންމެ އުނދަގޫ މަގާމު ކީޕަރަކަށް ކުޅުމަށެވެ.  ވޮޒީނިއޯ އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ އުމުރުން 25 އަހަރުގައި، އެ ގައުމުގެ ބަޓޫކް އެފްސީއާއެކު އެވެ. އެއީ ސްޕެއިންގެ ތަރި ލަމީން ޔަމާލް އުފަންވި އަހަރެވެ.

އޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ކޭޕް ވާޑޭގެ 10 މެޗުގެ ތެރެއިން ހަތް މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ފުރިހަމަ ކޮށްފަ އެވެ. އަދި އޭނާ ބެލެހެއްޓި ގޯލަށް ޖުމްލަ ވަދެފައި ވަނީ އެންމެ އަށް ގޯލެވެ.

ސްޕެއިންއާ ދެކޮޅަށް ވެބޯ ވާޑޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
ސްޕެއިންއާ ދެކޮޅަށް ވެބޯ ވާޑޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

"އަހަރެން ކުޅުން ހުއްޓާލަން ވެސް އެތައް ފަހަރަކު ހިޔާލަށް އައި، އެކަމަކު ހުވަފެނެއް އޮތީމަ ކުޅުން ހުރިއަށް ގެންދިޔައީ. އަހަރެންނަށް މޭން އޮފް ދަ މެޗް ޓްރޮފީ ލިބުނަސް މިއީ މުޅި ޓީމާ ނުލައި ލިބޭނެ އެއްޗެއް ނޫން،" މެޗަށް ފަހު ވޮޒީނިއާ ބުނެފައިވެ އެވެ.

"އަހަރެންނަށް ރޮވުނީ އަހަރެންގެ މާމާ އާއި ކާފަ އާ އެކު މުޅި އުމުރު ހޭދަކުރީ، އެކަމަކު މިހާރު އެމީހުން މި ދުނިޔޭގައި ނެތް ކަމުގެ އިހުސާސް ކުރެވުނީ. އަދި އަހަރެންގެ މަންމައަށް ވެސް ނާދެވުނު ވިސާއާ ގުޅިގެން. ވިސާގެ ކަންކަމަށް ހަރަދު ކުރާނެ ވަރު އަހަރެމެންނަށް ވަގުތަށް ހަމަނުޖެއްސުނީ."

ކޭޕް ވާޑޭ އާއި ސްޕެއިން އާއެކު ގުރޫޕް އެޗްގައި ހިމެނެނީ އުރުގުއޭ އާއި ސައުދީ އަރަބިއްޔާ އެވެ. ސައުދީ އާއި އުރުގުއޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މި މެޗުގައި އުމުރުން 34 އަހަރުގެ ސައުދީ ކީޕަރު މުހައްމަދު އަލް އުވައިސް ވަނީ ނުވަ ހަމަލާ ދިފާއު ކޮށްފަ އެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ކޭޕް ވާޑޭގެ ދެވަނަ މެޗުގައި އުރުގުއޭއާ ދެކޮޅަށް ކުޅެ، ފަހު މެޗުގައި ސައުދީއާ ދެކޮޅަށް ކުޅޭނީ ހަފްތާ ބަންދުގަ އެވެ.