ސެންޓަ ކްލާރާ (ޖޫން 17) - ފީފާ ވޯލްޑް ކަޕްގައި މުޅިން އަލަށް ވާދަ ކުރާ ޖޯޑަންގެ މައްޗަށް 3-1 އިން ކުރި ހޯދައިގެން އޮސްޓްރިއާ 36 އަހަރު ތެރޭ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

އޮސްޓްރިއާ އެންމެ ފަހުން ވޯލްޑް ކަޕް ކުޅެފައި ވަނީ 1998 ގަ އެވެ. އެ އަހަރު އެ ޓީމަށް އެންމެ މެޗަކުން ވެސް މޮޅެއް ނުހޯދުނު އިރު، އެންމެ ފަހުން މޮޅެއް ހޯދުނީ 1990 ގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގަ އެވެ. އެ މެޗުގައި ވަނީ 2-1 އިން އެމެރިކާ ބަލި ކޮށްފަ އެވެ.

މެޗުގައި އޮސްޓްރިއާ ފުރަތަމަ ލީޑޫ ނެގި ގޯލު ޖެހި ޝްމިޓް.-- ފޮޓޯ: ގެޓީ އިމޭޖަސް
މެޗުގައި އޮސްޓްރިއާ ފުރަތަމަ ލީޑޫ ނެގި ގޯލު ޖެހި ޝްމިޓް.-- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް އޮސްޓްރިއާ އެވެ. އޮސްޓްރިއާ ލީޑު ނެގީ 20 ވަނަ މިނިޓުގައި ރޮމާނޯ ޝްމިޓް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެންނެވެ. މިއީ މި ހާފުގައި އެ ޓީމުން ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ އެވެ.

ނަމަވެސް ޖޯޑަން ވަނީ ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ. އޮސްޓްރިއާގެ ގޯލަށް ފަހު ކުޑަ އިރުކޮޅެއް ތެރޭ ޖޯޑަން ނަތީޖާ އެއްވަރު ކުރުމާ ގާތަށް ވެސް ދިޔަ އެވެ. ނަމަވެސް އަލީ އުލްވާން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އުލްވާޏް ޖޯޑަން އަށް އެއްވަރު ކޮށްދިން ގޯލު ޖަހަނީ.-- ފޮޓޯ: އެލްއޭ ޓައިމްސް
އުލްވާޏް ޖޯޑަން އަށް އެއްވަރު ކޮށްދިން ގޯލު ޖަހަނީ.-- ފޮޓޯ: އެލްއޭ ޓައިމްސް

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި އުލްވާން ވަނީ ރީތި ގޯލެއް ޖަހައި ޖޯޑަން އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

އޭގެ ފަހުން އޮސްޓްރިއާ އިތުރު ގޯލެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ވަނީ ކުޅުންތެރިޔާ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ގޯލު ކެންސަލް ކޮށްފަ އެވެ. އަދި މެޗުގެ އޮއެވަރު ބަދަލުވީ 76 ވަނަ މިނިޓުގައި ޖޯޑަންގެ ޑިފެންޑަރު ޔަޒާން އަލް އަރަބް އަތުން ބައިކޮޅަށް ވަން ގޯލާ ހަމައިންނެވެ.

އޮސްޓްރިއާއިން ފަހު ވަގުތު ގިނަ ފުރުސަތު ހޯދި އިރު، މެޗު ނިންމާލީ ވެސް ގޯލަކުންނެވެ. މެޗުގެ އިތުރު ވަގުތުގެ 10 ވަނަ މިނިޓުގައި ވީއޭއާރު ރިވިއު އަކަށް ފަހު ރެފްރީ ދިން ޕެނަލްޓީ ކާމިޔާބު ކުރީ މާކޯ އާނައުޓޮވިޗް އެވެ.