ޗެމްޕިއަން އާޖެންޓީނާ އިން އުރދުންއަތުން 3-1 އިން ފަސޭހަ މޮޅެއް ހޯދައި ސައްތައިން ސައްތަ ރެކޯޑަކާ އެކު ވޯލްޑް ކަޕްގެ ގުރޫޕް ސްތޭޖް ނިންމާލައިފި އެވެ. 

މިއީ މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ދެވަނަ ބުރަށް ދަތުރުކުރި ތިން ޓީމުގެ ތެރެއިން އެއް ޓީމެވެ. އަނެއް ދެ ޓީމަކީ ފްރާންސާއި މެކްސިކޯ އެވެ.

ގްރޫޕް ޖޭ ގެ އެއްވަނަ ކުރިންވެސް ކަށަވަރުވެފައި އޮތުމުން، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކޮލޯނީ ވަނީ، ކުރިން ދެ މެޗުގައި ކުޅުނު ފުރަތަމަ އެގާރަ އަށް ނުވަ ބަދަލެއް ގެނެސްފަ އެވެ. ކެޕްޓަން ލިއޮނަލް މެސީ ވެސް، ސްކޮލާނީ ބޭންދީން ބެންޗުގައި އެވެ. 

ބަދަލުތަކާ އެކު ވެސް އާޖެންޓީނާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑުގެ ލީޑެއް ނަގާފަ އެވެ. އެކަމަކު އެ ޓީމަށް ބައިކޮޅެއް ލަނޑެއް ނުވަދެ، ގުރޫޕް ސްޓޭޖް ނިންމާލެވޭ ގޮތެއް ނުވި އެވެ. އުރުދުންއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 54 ވަނަ މިނެޓުގައި ޖެހީ  މޫސާ އަލް ތަމަރީ އެވެ.

މެޗުގެ 19 ވަނަ މިނެޓުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު ހިލޭ ޖެހުމަކުން ޖެހީ ޖިއޮވާނީ ލޮ ސެލްސޯ އެވެ. އަދި އޭގެ ފަހުން ލިބުނު ޕެނަލްޓީއަކުން ލައުޓާރޯ މާޓިނޭޒް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފަ އެވެ.

މިއީ މާޓިނޭޒް ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ލަނޑެވެ.

ފަހު ހާފުގައި މެސީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، އާޖެންޓީނާގެ ތިންވަނަ ލަނޑު ޖަހައި ދިނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ހަވަނަ ލަނޑެވެ.

މިއީ ވޯލްޑް ކަޕް ތާރީހުގައި އޭނާ ކާމިޔާބުކުރި 19 ވަނަ ލަނޑެވެ.

ދެވަނަ ބުރުގައި އާޖެންޓީނާއިން ނުކުންނާނީ ކޭޕް ވާޑޭއާ ދެކޮޅަށެވެ. އެފްރިކާ ބައްރުގެ ކުޑަކުޑަ ގައުމުން ވަނީ، ވޯލްޑް ކަޕްގައި އެ ޓީމުގެ ފުރަތަމަ މެޗުގައި ވަރުގަދަ ސްޕެއިން ހުއްޓުވައިފަ އެވެ.