ވޯލްޑް ކަޕްގެ ގްރޫޕް 'ކޭ' ގައި ކޮލަމްބިއާއިން އުޒްބެކިސްތާނާ ދެކޮޅަށް ފޯރިގަދަ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.

މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުރީކޮޅު ކޮލަމްބިއާއިން ބޯޅަ ހިފަހައްޓައިގެން އުޒްބެކިސްތާނުގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން ގިނަ މަސައްކަތްތަކެއް ކުރި އެވެ.

ރާއްޖޭ ގަޑިން ބުރާސްފަތި ދުވަހު ހެނދުނު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ޖަހައި ދިނީ އެ ޓީމުގެ ޑިފެންޑަރު ޑެނިއަލް މުނޯޒް އެވެ. އޭނާ މި ލަނޑު ޖެހީ ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ހިތްގައިމު ފުރުސަތަކުންނެވެ. 

މުނޯޒް ލަނޑު ޖެހީ އުޒްބެކިސްތާނުގެ ކީޕަރު އުޓްކިރް ޔުސުޕޯވް ކައިރިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އުޒްބެކިސްތާން ވޯލްޑް ކަޕަށް ކޮލިފައިވީ މުޅިން އަލަށެވެ. އެ ޓީމުގެ ތާރީހުގައި ކުޅުނު ފުރަތަމަ ވޯލްޑް ކަޕް މެޗުގެ ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އެލްޑޯރް ޝޮމުރޮޑޯވް ފޮނުވާލި ހަމަލާއެއް ކޮލަމްބިއާގެ ކީޕަރު ކެމީލޯ ވާގަސް އަތުން ބޯޅަ ދޫވުމާ އެކު، ލިބުނު ފުރުސަތުގައި އެއްވެސް ޖެހިލުމެއް ނެތި ބޯޅަ ގޯލަށް ވައްދާލައިގެން އައްބޮސްބެކް ފައިޒުއްލައޭވް ވަނީ އެ ގައުމުގެ ވޯލްޑް ކަޕް ތާރީހީ ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ. 

ވޯލްޑް ކަޕްގެ ތާރީހުގައި އުޒްބެކިސްތާނުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ މިޑްފީލްޑަރު އައްބޮސްބެކް ފައިޒުއްލައޭވް އުފާފާޅުކުރަނީ --- ފޮޓޯ: އޭއެފްޕީ
ވޯލްޑް ކަޕްގެ ތާރީހުގައި އުޒްބެކިސްތާނުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ މިޑްފީލްޑަރު އައްބޮސްބެކް ފައިޒުއްލައޭވް އުފާފާޅުކުރަނީ --- ފޮޓޯ: އޭއެފްޕީ

އުޒްބެކިސްތާނުގެ މި އުފާވެރިކަން ދެމިއޮތީ އެންމެ ފަސް މިނެޓަށެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ގުސްޓާވޯ ޕުއެރްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ލުއިސް ޑިއާޒް ފޮނުވާލި ހަމަލާ، އުޒްބެކިސްތާނުގެ ކީޕަރު ޔުސުޕޯވްގެ އަތުގައި ޖެހިފައި ގޯލަށް ވަދެ ކޮލަމްބިއާއަށް ދެވަނަ ފަހަރަށް ކުރި ލިބުނެވެ.

އިޓަލީގެ ކުރީގެ ލެޖެންޑް ފަބިއޯ ކަނަވާރޯގެ އިރުޝާދުގެ ދަށުން ކުޅޭ އުޒްބެކިސްތާނުން ހަމަލާއަށް ކުރިއަށް އަރާ ކުޅުންތެރިންގެ އަދަދު އިތުރު ކުރި އެވެ. 

ކޮލަމްބިއާގެ ފޯވާޑް ހުއާން ކަމީލޯ ހެނާންޑޭޒް ބޯޅަ ފޮނުވާލަނީ. --- ފޮޓޯ: އޭއެފްޕީ
ކޮލަމްބިއާގެ ފޯވާޑް ހުއާން ކަމީލޯ ހެނާންޑޭޒް ބޯޅަ ފޮނުވާލަނީ. --- ފޮޓޯ: އޭއެފްޕީ

މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގައި ކޮލަމްބިއާގެ ޖަމިންޓަން ކަމްޕާޒް ވަނީ ބޮލުން ލަނޑެއް ޖަހައި އެ ޓީމަށް މޮޅު ތިން ޕޮއިންޓް ކަށަވަރުކޮށް ދީފަ އެވެ.  

ޕޯޗުގަލް އާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ވެސް ހިމެނޭ، ގުރޫޕްގެ އެއްވަނައިގައި އޮތީ ކޮލަމްބިއާ އެވެ. މިހާރު ކޮންމެ ޓީމަކުން ވެސް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި މެޗެއް ކުޅެފަ އެވެ.