ނިއު ޔޯކް ސިޓީ (ޖޫން 23) - އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލާ އެކު 3-2 އިން ސެނެގާލް ބަލި ކޮށް ނޯވޭ ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުން ޖާގަ ހޯދައިފި އެވެ.
ނޯވޭ ވަނީ މިއަދު ހެނދުނު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް މާކަސް ހޮމްގްރެން ޕެޑަސަންގެ ގޯލަކުން ލީޑު ނަގައިފަ އެވެ.
ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ނޯވޭ އަށް ލީޑު ފުޅާ ކޮށްދުން ލަނޑު ޖަހައިދިނީ ހާލަންޑް އެވެ. އޭގެ ފަސް މިނިޓް ފަހުން އިސްމާއިލާ ސާ، ސެނެގާލަށް ފަރަގު ކުޑަ ކޮށްދިނެވެ. ނަމަވެސް ހާލަންޑް ވަނީ ފަސް މިނިޓް ތެރޭ އަލުން ނޯވޭ އަށް ދެ ގޯލުގެ ލީޑު ހޯދައިދީފަ އެވެ.
ސެނެގާލްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ޖަހައިދިނީ ސާ އެވެ.
މި ނަތީޖާ އާއެކު ގުރޫޕް އައި އިން ފްރާންސްގެ އިތުރުން ނޯވޭ ވެސް މި ވަނީ މުބާރާތުގެ ގަދަ 32 ޓީމުގެ ތެރޭން ޖާގަ ހޯދައިފަ އެވެ. ދެ ޓީމަށް ވެސް ދެ މެޗުން ހަ ޕޮއިންޓް ލިބިފައި ވާއިރު، ގޯލެއްގެ ތަފާތުން ކުރީގައި އޮތީ ފްރާންސް އެވެ. ސެނެގާލް އާއި އިރާގަށް ދެ މެޗުން ވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
ނޯވޭ މީގެ ކުރިން ވޯލްޑް ކަޕްގައި އެންމެ ފަހުން ވާދަ ކޮށްފައި ވަނީ 1998 ވަނަ އަހަރު އެވެ. އެ އަހަރު ނޯވޭ ވަނީ ގުރޫޕް ސްޓޭޖު ފަހަނައަޅައި ގަދަ 16 ގައި ވާދަ ކޮށްފަ އެވެ.
މި އަހަރުގެ މުބާރާތުގައި ކޮންމެ ގުރޫޕަކުން ގަދަ ދެ ޓީމުގެ އިތުރަށް، ތިންވަނައަށް ދާ ޓީމުގެ ތެރެއިން އެންމެ ރަނގަޅު އަށް ޓީމަށް ވެސް ނޮކައުޓް ބުރުގެ ފުރުސަތު ލިބޭނެ އެވެ.
މި ގުރޫޕްގެ ފަހު މެޗުގައި ފްރާންސް އާއި ނޯވޭ ބައްދަލު ކުރާއިރު ސެނެގާލް ނުކުންނާނީ އިރާގާ ދެކޮޅަށެވެ.