ބޮސްޓޮން (ޖޫން 27) - މެޗުގެ 32 މިނިޓު ތެރޭ، އުސްމާން ޑެމްބެލޭ ކާމިޔާބު ކުރި ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ދެވަނައަށް އެންމެ އަވަސް ހެޓްރިކާ އެކު 4-1 އިން ނޯވޭ ބަލި ކޮށް ފްރާންސް ގްރޫޕްގެ އެއްވަނަ ހޯދައިފި އެވެ.

ފްރާންސް ގުރޫޕް އައިގެ އެއްވަނަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅު ވެގެން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްގެން ހަ ޕޮއިންޓް ހޯދާފައިވާ ނޯވޭ އަށް ވަނީ ގުރޫޕްގެ ދެވަނަ ލިބިފަ އެވެ.

ނޮކައުޓް ބުރުގެ ފުރުސަތު ޔަގީން ވެފައި ވުމާ އެކު ނޯވޭގެ ކޯޗު ސްޓޮލޭ ސޮލްބަކެން ވަނީ މުޅި ޓީމު އެއްކޮށް ބަދަލު ކޮށްލައިފަ އެވެ. އާލިން ހާލަންޑާއި ކެޕްޓަން މާޓިން އޮޑެގާޑްގެ އިތުރުން ގޯލްކީޕަރަށް ވެސް މިރޭ ވަނީ ރެސްޓް ދީފަ އެވެ.

އުސްމާން ޑެމްބެލޭ ނޯވޭ ކޮޅަށް ގޯލެއް ޖެހުަމށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އުސްމާން ޑެމްބެލޭ ނޯވޭ ކޮޅަށް ގޯލެއް ޖެހުަމށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޑެމްބެލޭ ވަނީ ހަތްވަނަ މިނިޓުގައި ކިލިއަން އެމްބާޕޭގެ އެސިސްޓަކުން ފުރަތަމަ ގޯލު ޖަހައިފަ އެވެ. އަދި 20 ވަނަ މިނިޓުގައި ލީޑު ފުޅާ ކުރި ލަނޑު ޖަހައިދިނީ ވެސް އެމްބާޕޭގެ އެސިސްޓަކުންނެވެ. އޭގެ މިނިޓެއް ފަހުން، 21 ވަނަ މިނިޓުގައި ނޯވޭގެ ތެލޯ އާސްގާޑް އެ ޓީމަށް ފަރަގު ކުޑަ ކޮށްދީފައި ވަނިކޮށް ޑެމްބެލޭ ހެޓްރިކް ފުރިހަމަ ކުރީ 32 ވަނަ މިނިޓުގައި އޮރޭލިއަން ޗުއަމެނީ ދިން ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.

މިހާތަނަށް ވޯލްޑް ކަޕްގެ އެންމެ އަވަސް ހެޓްރިކް ހަދާފައި ވަނީ 1954 ގައި އޮސްޓްރިއާގެ އެރިޗް ޕްރޮސްޓް އެވެ. އޭނާ ވަނީ 24 މިނިޓު ތެރޭ އެ އަހަރު ޗެކޯސްލޮވާކިއާ ކޮޅަށް ހެޓްރިކް ހަދައިފަ އެވެ.

ދެވަނަ ހާފު ފެށުނުތަނާ މާ ގިނައިރެއް ނުވެ ނޯވޭއަށް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޖޯގެން ސްޓްރޭންޑް ލާސަން ފޮނުވާލި ޕެނަލްޓީ ކީޕަރު މައިކް މައިނާން ވަނީ ދިފާއު ކޮށްފަ އެވެ.

ފްރާންސްގެ ކީޕަރު މައިނާން، ނޯވޭގެ ޕެނަލްޓީ ދިފާއު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ފްރާންސްގެ ކީޕަރު މައިނާން، ނޯވޭގެ ޕެނަލްޓީ ދިފާއު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ބްރެޑީ ބާކޮލާ ނަގައިދިން ހުރަހަކުން ޖަހައިދިނީ ޑިޒިރޭ ޑޫއޭ އެވެ.

ފްރާންސް އާއި ނޯވޭގެ އިތުރުން ގުރޫޕް އައި ގައި ދެން ހިމެނޭ ސެނެގާލް ވަނީ 5-0 އިން އިރާގް ބަލި ކޮށްފަ އެވެ.

އިރާގްގެ ޑިފެންޑަރު ރެބީން ސުލާކާ އަށް 13 ވަނަ މިނިޓުގައި ތަރް ކާޑު ދެއްކި މި މެޗުގައި، ސެނެގާލްގެ ޕޭޕް ގޭއި ދެ ގޯލު ޖަހާފައި ވާއިރު، ހަބީބް ޑީއާރާ އާއި އިސްމާއިލާ ސާ އަދި އިލިމަން އެންޑިއާޔޭ ވެސް ގޯލެއް ޖަހާފައިވެ އެވެ.

ސެނެގާލުން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ސެނެގާލުން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސެނެގާލް ވަނީ މި މެޗުން ހޯދި ތިން ޕޮއިންޓާ އެކު ގުރޫޕްގެ ތިންވަނަ ހޯދައިފަ އެވެ. އިރާގަށް ޕޮއިންޓެއް ނުލިބެ އެވެ.

މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކޮންމެ ގުރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން، ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން ގަދަ އަށް ޓީމަށް ވެސް ނޮކައުޓް ބުރުން ފުރުސަތު ލިބޭނެ އެވެ.

ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން ތިން ޕޮއިންޓް ހޯދާފައިވާ ޓީމުތަކުގެ ތެރޭގައި އެންމެ ކުރީގައި މި ވަގުތު އޮތީ ސެނެގާލް އެވެ.