އާޖެންޓީނާގެ ލިއޮނަލް މެސީއަށް ފައިނަލް މެޗުގައި ލަނޑެއް ނުޖެހުމުން، މިފަހަރުގެ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓް އެވޯޑް ފްރާންސްގެ ކީލިއަން އެމްބާޕޭ އަނެއްކާވެސް ދިފާއު ކޮށްފި އެވެ.
މިއީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ޖެހިޖެހިގެން ދެ މުބާރާތެއްގައި (2022 އަދި 2026) ގޯލްޑަން ބޫޓް ހާސިލްކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް އެމްބާޕޭ ވަނީ ހޯދާފަ އެވެ.
ރެއާލް މެޑްރިޑްގެ ފޯވާޑް ވަނީ ތިންވަނަ ހޮވި މެޗުގައި އިންގްލެންޑް އަތުން ފްރާންސް 6-4 އިން ބަލިވި ކުރިމަތިލުމުގައި ވެސް ދެ ލަނޑު ޖަހައިފަ އެވެ.
މުޅި މުބާރާތުގައި އޭނާ ޖެހި ލަނޑުގެ އަދަދު 10 އަކަށް ހަމަކޮށްފަ އެވެ. އެ އަދަދާ އެކު އެމްބާޕޭ ވަނީ ދެ އަދަދުގެ ފިގާއަކަށް، ވޯލްޑް ކަޕްގެ އެއް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފަ އެވެ.
ވޯލްޑް ކަޕްގެ 96 އަހަރުވީ ތާރީހުގައި، މުބާރތުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް އޮތީ އެމްބާޕޭ އަތުގަ އެވެ.
މިފަހަރު މުބާރާތުގެ ރަން ބޫޓް، އެވޯޑްގައި އެމްބާޕޭއާ އެންމެ ގާތުން ވާދަކުރީ އަށް ލަނޑު ޖެހި މެސީ އާއި ހަތް ލަނޑު ޖެހި އާލިން ހާލަންޑް އަދި އިންގްލެންޑްގެ ޖޫޑް ބެލިންހަމް އެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސެނެގާލް އަދި އިރާގު މެޗުގައި އެމްބާޕޭ ދެ ލަނޑު ޖެހި އެވެ. އަދި ގަދަ 32 ގެ މެޗުގައި ސްވިޑަން ކޮޅަށް ދެ ލަނޑު ވައްދާލި އެވެ. ގަދަ 16 ގައި ޕެރަގުއޭ ކޮޅަށް ޕެނަލްޓީއަކުން ލަނޑު ޖެހި އެވެ. ކުއާޓާ ފައިނަލްގައި މޮރޮކޯ ކޮޅަށް ވެސް އޭނާ ވަނީ ލަނޑެއް ޖަހާފަ އެވެ.
މީގެ ހަތަރު އަހަރު ކުރިން 2022 ގެ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ ކޮޅަށް ހެޓްރިކް ހަދައިގެންވެސް އެމްބާޕޭ ވަނީ މެސީ ފަހަތަށް ޖައްސާލުމަށްފަހު ގޯލްޑަން ބޫޓް ހޯދާފަ އެވެ.
ފައިނަލްގައި އާޖެންޓީނާ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ސްޕެއިނުން ވަނީ ފަރުދީ ގިނަ އެވޯޑްތަކެއް ހޯދާފަ އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރޮޑްރީހެނާންޑޭޒެވެ. ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ޕައު ކުބާސީ އެވެ. އަދި މުޅި މުބާރާތުގައި އެންމެ ލަނޑެއް ބައިކޮށް ވަން، އެ ޓީމުގެ ކީޕަރު އުނައި ސިމޮން ވަނީ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދާފަ އެވެ.