އަލްޖީރިއާ އަތުން 2-1 އިން ބަލިވެ، ވޯލްޑް ކަޕުގައި އަލަށް ވާދަކުރާ އުރުދުން މުބާރާތުން ކަޓައިފި އެވެ.

ގްރޫޕް ޖޭ ގައި ވާދަކުރާ އުރުދުން އަށް ދެ މެޗުން ޕޮއިންޓެއް ނުލިބެ އެވެ. ފަހު މެޗުގައި އާޖެންޓީނާ އަތުން މޮޅުވިޔަސް، އެ ޓީމަށް ކުރިއަށް ދެވޭނެ ގޮތެއް ނެތެވެ.

މި ގްރޫޕުން އެއް ވަނަ މަގާމާ އެކު ދެ ވަނަ ބުރު ޔަގީންކޮށްފައިވަނީ ހަ ޕޮއިންޓް ހޯދާފައިވާ އާޖެންޓީނާ އެވެ. އޮސްޓްރިއާ އާއި އަލްޖީރިއާ އަށް ލިބިފައިވަނީ، ކޮންމެ ޓީމަކަށް ތިން ޕޮއިންޓެވެ. ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދާނީ އޮސްޓްރިއާ އާއި އަލްޖީރިއާ ކުޅެ މޮޅުވާ ޓީމެކެވެ. ބަލިވާ ޓީމަކަށް ފުރުސަތެއް އޮންނާނީ، ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމުތަކުގެ ތެރޭ ހިމެނިގެންނެވެ.

އެމެރިކާގެ ސަންޓަ ކްލަރާގެ ލެވީސް ސްޓޭޑިއަމުގައި ރާއްޖެ ގަޑިން މިއަދު ހެނދުނު ކުޅުނު މެޗުގައި ލީޑު ނެގީ އުރުދުން އިންނެވެ. މި ގޯލް 36 ވަނަ މިނެޓުގައި ޖެހީ އަލް-ރަޝްދާން އެވެ. އަލްޖީރިއާ އިން އެއްވަރުކުރީ 69 ވަނަ މިނެޓުގައި އަހުމަދު ބެންބޫއަލީ ޖެހި ގޯލުންނެވެ. އަދި އެ ޓީމު މޮޅުވީ 82 ވަނަ މިނެޓުގައި އަމީނޭ ގޫއިރީ ޖެހި ލަނޑުންނެވެ.