ފީފާ ވޯލްޑް ކަޕް ގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް އެމެރިކާ އިން އިރާން ޓީމަށް ވިސާގެ ލުއި ދީފި އެވެ.

މީގެ ކުރިން އިރާނަށް މެޗު ކުޅެން އެމެރިކާއަށް ދިޔުމަށް ހުއްދަ އޮތީ މެޗު ފެށުމުގެ 24 ގަޑިއިރު ކުރިންނެވެ. 

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ވަނީ، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، އަންނަ ހޮނިހިރު ދުވަހު ރާއްޖެ ގަޑީން ހެނދުނު 8 ޖަހާއިރު މިސްރާ ދެކޮޅަށް ކުޅޭ މެޗުގެ ދެ ދުވަސް ކުރިން އިރާން ޓީމު އެމެރިކާއަށް އެތެރެ ވުމުގެ  ފުރުސަތު ދީފަ އެވެ.

ނަމަވެސް މިހާރެކޭ އެއްގޮތަށް މެޗު ނިންމާ ގޮތަށް އިރާން ޓީމު އަނބުރާ މެކްސިކޯ ކޭމްޕަށް ފުރަން ޖެހޭނެ ކަމަށް އެމެރިކާއިން ވަނީ ހާމަ ކޮށްފަ އެވެ.

"ޖޫން 26 ގައި ސީޓްލްސްގައި އިރާން ޓީމު ކުޅޭ ތިންވަނަ މެޗަށް، މެޗުގެ ދެ ދުވަސް ކުރިން އެ ޓީމު އެމެރިކާއަށް އެތެރެ ވުމުގެ ފުރުސަތު ވަނީ ދީފައި. އެހެނަސް މެޗު ނިމުމާ އެކު އިރާން ޓީމު އެމެރިކާއިން ފުރަން ޖެހޭނެ،" ޔޫއެސް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ބަޔާނުގައިވެ އެވެ.

އެމެރިކާގެ މި ނިންމުން މި އައީ، އިރާން ޓީމާ މެދު ބޭއިންސާފުން ކަންކަން ކުރާ ކަމަށް ފީފާއަށް ރަސްމީކޮށް މައްސަލަ ހުށަހަޅާނެކަން، އިރާން ފުޓްބޯޅަ ފެޑެރޭޝަނުން ހާމަ ކޮށްފައި ވަނިކޮށެވެ.

އިރާންގެ ހެޑް ކޯޗު އާމިރު ޣަލެނޯއީ ވަނީ، އެ ޓީމަކީ ވޯލްޑް ކަޕްގައި އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތި ވެފައިވާ ގައުމު ކަމަށް ބުނެފަ އެވެ. އެ ޓީމަށް މެޗުތަކަށް ތައްޔާރު ވުމަށް ފަހި ކޮށްދޭން ޖެހޭ ކަންކަން ފަހި ކޮށްދިނުމުގައި އެހެން ޓީމުތަކާ ތަފާތު ކުރުން އެމެރިކާއިން ގެންގުޅޭ ކަމަށް ކޯޗު ފާހަގަ ކޮށްފައިވެ އެވެ.