ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުގައި އޮސްޓްރިއާ އާއި އަލްޖީރިއާ އެއްވަރުވެ، ހިތްވަރުގަދަ އިރާނަށް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ނުދެވި މުބާރާތާ ވަކިވާން ޖެހިއްޖެ އެވެ.

ގްރޫޕް ޖޭގައި އޮސްޓްރިއާ އާއި އަލްޖީރިއާ ރާއްޖޭ ގަޑިން މިއަދު ހެނދުނު ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

އިރާނަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލުނީ ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު އަށް ޓީމުގެ ތެރޭގައި ނުހިމެނުމުންނެވެ.

ގްރޫޕްތަކުގެ ތިންވަނަ އަށް ދަތުރުކުރާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު އަށް ޓީމަށް ގަދަ 32 ގެ ބުރުން ޖާގަ ލިބެ އެވެ. އިރާން ކުރިން އޮތީ ތިން ޕޮއިންޓާ އެކު ކޮލިފައިވާ ލިސްޓުގެ އެންމެ ފަހު ޖާގަ ކަމަށްވާ އަށް ވަނައިގަ އެވެ.

އެއީ ބެލްޖިއަމް، ނިއުޒީލޭންޑް އަދި މިސްރާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް އެއްވަރުވެގެން ހޯދި ޕޮއިންޓާ އެކު އެވެ.

މުބާރާތަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމުތަކުގެ ލިސްޓްގައި އިރާން ހިމެނުނެވެ. އެކަމަކު މި އަހަރު ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލް އިސްވެ، އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން އިރާންގެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް ހުއްޓާލަން ޖެހުނެވެ. 

އެ ގައުމު ވޯލްޑް ކަޕްގައި ބައިވެރި ނުވެދާނެކަމުގެ ބިރު ވެސް އޮތެވެ. އެމެރިކާގެ ފަސްގަނޑުގައި، އެ ޓީމުގެ ތިން މެޗު ކުޅެން ހަމަޖެހިފައި އޮތް އިރު ވެސް، އެމެރިކާގެ ފުރިހަމަ ވިސާއެއް އިރާނަށް ނުލިބުނެވެ. އެ ޓީމު ކޭމްޕް ކުރަން ޖެހުނީ ވެސް އެމެރިކާއިން ބޭރުގަ އެވެ. 

އެ ގައުމުގެ މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދޭމް އިރާނުން އެދުނެވެ. އެކަމަކު ފީފާއިން އެ ހުށަހެޅުން ގަބޫލެއް ނުކުރި އެވެ. 

އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ އަށްވަނަ ޓީމުގެ ޖާގަ ހޯދީ އަލްޖީރިއާ އެވެ. އެކަމަކު އެ މެޗުން، މޮޅުވުމުގެ ފުރުސަތު އަލްޖީރިއާއަށް ލިބުނެވެ. 

އެމެރިކާގެ ކެންސަސް ސިޓީގެ އެރޯހެޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފަހު މިނެޓުތަކުގެ ތެރޭގައި އަލްޖީރިއާ އިން 3-2 ގެ ލީޑެއް ނެގިއެވެ. އެކަމަކު އޮސްޓްރިއާ ސަލާމަތްކޮށްދިނީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކަލައިޖިޗް ޖެހި ލަނޑުންނެވެ.

މި މެޗުގައި އޮސްޓްރިއާގެ އަނެއް ދެ ލަނޑު ޖަހައިދިނީ މާކޯ އަރްނައުޓޮވިޗް އާއި މާސެލް ސަބިޓްޒާ އެވެ. އަލްޖީރިއާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި ރިޔާދު މަހްރޭޒް އާއި ރަފީގް ބެލްގާލީ އެވެ.

މި ނަތީޖާއާ އެކު ގްރޫޕްގެ ދެވަނަ ހޯދި އޮސްޓްރިއާ ގަދަ 32 ގެ ބުރުގައި ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. އަދި ގްރޫޕްގެ ތިންވަނަ ލިބުނު އަލްޖީރިއާ ބައްދަލުކުރަން ޖެހޭނީ ސްވިޒަލޭންޑާ  އެވެ.

ދެވަނަ ބުރުގެ ކުރިމަތިލުން

| ޖަރުމަނު - ޕެރަގުއޭ |  ފްރާންސް - ސްވިޑެން | * ދެކުނު އެފްރިކާ - ކެނެޑާ | ނެދަލޭންޑްސް - މޮރޮކޯ | ޕޯޗުގަލް - ކްރޮއޭޝިއާ | ސްޕެއިން - އޮސްޓްރިއާ | އެމެރިކާ - ބޮސްނިއާ ހާޒެގޮވީނާ | ބެލްޖިއަމް - ސެނެގާލް | ބްރެޒިލް - ޖަޕާން | އައިވަރީ ކޯސްޓް - ނޯވޭ | މެކްސިކޯ - އިކުއެޑޯ | އިނގްލެންޑް - ޑީއާރު ކޮންގޯ | އާޖެންޓީނާ - ކޭޕް ވާޑޭ | އޮސްޓްރޭލިއާ - މިސްރު | ސްވިޒަލޭންޑް - އަލްޖީރިއާ | ކޮލަމްބިއާ - ގާނާ