އުރުގުއޭގެ ޓީމަށް ހާއްސަކޮށް، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖެއްސި ޗާޓަރު ފްލައިޓް، ވޯލްޑް ކަޕުން އެ ޓީމު ކެޓުމުން ކެންސަލްކޮށްފި އެވެ.
ވޯލްޑް ކަޕްގެ ގުރޫޕް އެޗްގައި ވާދަކޮށް ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ހޯދި އުރުގުއޭ ދިޔައީ ތިންވަނައަށެވެ.
ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ އާއި ލިވަޕޫލްގެ ފޯވާޑް ޑާވިން ނޫނޭޒް، ނަގާކިޔާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޓީމު ވޯލްޑް ކަޕަށް ދިޔައީ އެ ގުރޫޕްގެ އެއް ފޭވަރިޓުންގެ ގޮތުގަ އެވެ. މުޅިން އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ކުޑަކުޑަ ކޭޕް ވާޑް އާއި ސައުދީ އަރަބިއާ އަތުން ވެސް އުރުގުއޭ އަށް މޮޅެއް ނުވެވުނެވެ. ސްޕެއިން އަތުން ވީ ބައްޔެވެ.
ގިނަ ބަޔަކު އުއްމީދު ކުރީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އުރުގުއޭ ދެވަނަ ބުރަށް ދާނެ ކަމަށެވެ. ރަނގަޅު ކާމިޔާބީއަކަށް އުއްމީދުކޮށްގެން އެ ގައުމުގެ އެފްއޭއިން ވަނީ ހަރުދަނާ އިންތިޒާމުތަކެއް ވެސް ޓީމަށް ހަމަޖައްސައި ދީފަ އެވެ. އޭގެ ތެރެއިން އެއް ހިދުމަތަކީ ޓީމަށް ހަމަޖެއްސި ޗާޓަރު ފްލައިޓެވެ.
ޓީމު ވޯލްޑް ކަޕަށް ދިޔައީ ވެސް، އުރުގުއޭ އެފްއޭއިން ހާއްސަކުރި ޗާޓަރު ފްލައިޓްގަ އެވެ.
އެކަމަކު މިޑިއާ ރިޕޮޓްތައް ބުނާގޮތުގައި މުބާރާތުން ކެޓުމުގެ ނުތަނަވަސްކަމުގައި އެފްއޭއިން ވަނީ ޗާތަރު ފްލައިޓް ކެންސަލް ކޮށްފަ އެވެ. އެނބުރި ދިއުމަށް އާންމު ފްލައިޓްތަކުގައި ދަތުރު ކުރަން، ޓީމަށް އަންގާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ހަރަދު ކުރަންޖެހޭނީ ވެސް ކުޅުންތެރިން އަމިއްލައަށް ކަމަށް ވެސް، އުރުގުއޭގެ އެފްއޭއިން އަންގާފައިވާ ކަމަށްވެ އެވެ.
ޓެކްޓިކްސް އާއި ގޭމް ފިލޯސަފީ އަށް މަޝްހޫރު މާސެލޯ ބިއެލްސާގެ ކޯޗުކަމުގެދަށުން ވޯޅްޑް ކަޕަށް ކޮލިފައިވި ނަމަވެސް އެ މުބާރާތުގައި އޭނާގެ ޕްލޭން ދިމާނުކުރެވުނެވެ. ބިއެލްސާ ވެސް ވަނީ އޭނާ އަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު ކަމަށް އެއްބަސްވެފަ އެވެ.
އޭނާ ބުނީ އޭނާގެ ކޯޗުކަމުގެދަށުން ދެކުނު އެމެރިކާގެ ގަދަ ހަތަރު ޓީމުގެ ތޭރަގައި ހިމެނިގެން ވޯލްޑް ކަޕަށް ކޮލިފައިވުމާއި ކޮޕާ އމެރިކާގެ ސެމީ ފައިނާލާ ހަމައަށް ދެވިފައި އޮތަސް އެއީ އެއްވެސް އަގެއް ހުރި މަސައްކަތްތަކެއް ނޫން ކަމަށެވެ.
ބިއެލްސާއަކީ ވޯލްޑް ކަޕަށް ބަލި ކޯޗެކެވެ. މިއީ އޭނާ ކޯޗުކޮށްދިން ޓީމަކަށް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖަށް ފަހަނައަޅައި ނުދެވުނު ދެވަނަ ފަހަރެވެ. އޭނާގެ އަމިއްލަ ގައުމު އާޖެންޓީނާ އަށް 2002 ގެ ވޯލްޑް ކަޕްގައި ކޯޗުކޮށްދިން އިރު ވެސް އެ މުބާރާތުން އެ ޓީމު ކެޓީ ގުރޫޕް ސްޓޭޖުންނެވެ.
ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި އޭނާ އަށް ދެވުނީ އެންމެ ފަހަރަކު އެވެ. ދެކުނު އެފްރިކާގައި 2010 ބަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ޗިލީގެ ޓީމު ގޮވައިގެން ދެވަނަ ބުރަށް އޭނާ ދަތުރު ކުރި އެވެ.