ރެފްރީ ފަހު ކަށިގަނޑު ފުމުނުތާ އޭރުވާނީ ހިނދުކޮޅެކެވެ. ސްޕެއިން ކުޅުންތެރިން އުފާފާޅުކުރަން ދުއްވައިގަތްތަނާއި، ރުޅިގަދަވެފައި ތިބި އާޖެންޓީނާގެ ބައެއް ކުޅުންތެރިން ހުއްޓުވަން އެ ޓީމުގެ ކޯޗު ލިއޮނަލް ސްކޮލޯނީ އުޅުނު މަންޒަރު ފެނުނެވެ. އެކަމަކު ދެން ހިނގި އެއްވެސް އެއްވެސް ކަމެއް ނުފެނުނެވެ. މީޑިއާނެޓުގެ ހިދުމަތް ކެނޑުނީ އެވެ. ކޮންމެ މީހަކު ވެސް ހީކުރީ އެގޭގެ ޓީވީ، ޑިކޯޑަރު ނޫނީ އިންޓަނެޓުގެ މައްސަލައެއް އުޅެނީ ކަމަށެވެ.

"މީޑިއާނެޓު ލިބޭތަ؟،"

ވަޓްސްއަޕުންނާއި، ސޯޝަލް މީޑިއާއިން މި ސުވާލު އަންނަން ފެށުމުން މިއީ އެންމެންނަށް ވެސް ދިމާވެގެން އުޅޭ ކަމެއްކަން އެނގުނެވެ.

"އަނެއްކާ އާޖެންޓީނާ ބަލިވީމަ މީހަކު ކޭބަލެއް ބުރިކޮށްލީތަ،" އެކަކު ސޯޝަލް މީޑިއާގައި ލިޔުނެވެ.

"ރެފްރީގެ ކަށިގަނޑާ އެކު ކަވަރޭޖް ނިމޭގޮތަށްބާ މިހާރު އޮންނަނީ؟،"

މީހަކު ސަމާސާއަކަށް ބުނީ އިނާމު ދިނުމުގެ ރަސްމިއްޔާތު ބަލަން އިތުރު ޕެކޭޖެއް ނަގަން ޖެހެނީ ކަމަށް ވެދާނެ ކަމަށެވެ.

"އިންޓަނެޓު މައްސަލައެއްހެން ހީވަނީ!" އެހެން މީހަކު ބުންޏެވެ.

ވެގެން އުޅޭ ގޮތް އެނގުނީ އިރުކޮޅެއް ފަހުން މީޑިއާނެޓުން ފޭސްބުކުގައި ޖެހި ޕޯސްޓުންނެވެ. އެތަނުން ކަރަންޓު ދިޔައީ އެވެ.

"ކަރަންޓު ލިބުނާ އަވަހަށް ހިދުމަތް ފެށޭނެ. އަދި ނުފެނި ދިޔަ ބައި އަލުނު އަޅުވާނެ،" މީޑިއާނެޓުން ބުނެފައިވެ އެވެ.

"ކުޅިވަރަކީ ވަގުތުން ބަލަން އޮންނަ އެއްޗެއް،" މީހަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

"ޑީވީޑީއަކަށް އަޅާފައި ފޮނުވާލާ. އޭރަށް މާދަން ބަލާލާނަން،" އެހެން މީހަކު ބުންޏެވެ.

އޭރު ބައެއް މީހުން ދިޔައީ އިންޓަނެޓް ލިންކުތަކާއި، ވީޕީއެން ބޭނުންކޮށްގެން އިނާމް ދިނުމުގެ ރަސްމިއްޔާތު ބަލަމުންނެވެ. އެކަމަކު ގިނަ މީހުންނަށް ޖެހުނީ ޓީވީގެ ކަޅު ސްކްރީނަށް ބަލައިގެން، ހިދުމަތް ފެށޭނެ އިރެއްގެ އިންތިޒާރުގައި ތިބޭށެވެ.

އެންމެ ދެރަވީ ސްޕެއިނުގެ ސަޕޯޓަރުންނެވެ. އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ދެ ވަނަ ފަހަރަށް ވޯލްޑް ކަޕުގެ ތަށި ހޯދި މަންޒަރު ފެންނަ ގޮތް ނުވީ އެވެ. ޖުމްލަކޮށް ހުރިހާ އެންމެން ވެސް މާޔޫސްވި އެވެ. ސްޕެއިނުގެ ލަމީން ޔަމާލް އާއި އާޖެންޓީނާގެ ލިއޮނަލް މެސީ ބައްދާލި މަންޒަރު ވެސް ނުފެނުނީ އެވެ. އެކަމަކު ހީވާ ގޮތުން އާޖެންޓީނާގެ ބައެއް ސަޕޯޓަރުން ހިތުގެ އަޑިން ތިބޭނީ ހީލަހީލަ އެވެ. އެހެންޏާ އިދިކޮޅު ޓީމު ތަށި އުފުލާލާ މަންޒަރު ނުބަލަން މި ލިބުނީ ކިހާ ރަނގަޅު އުޒުރެއް ހެއްޔެވެ؟

އެކަމަކު ހަގީގަތުގައި މިއީ މީޑިއާނެޓަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. ބޮޑު އަގުގައި ރައިޓްސް ގަނެ، ވަރަށް ފުރިހަމަ ކަވަރޭޖެއް ގެނެސްދީފައި ވަނިކޮށް، އެންމެ ފަހު ވަގުތު މިހެންވުމުންނެވެ. އެތަނުގެ ސީދާ މައްސަލައަކުން ވީ ކަމެއް ނޫނަސް، އެންމެންގެ ހިތްހަމަނުޖެހުން އަމާޒުވީ މީޑިއާނެޓަށެވެ.

"ހަތަރު އަހަރުން އެއް އަހަރު ބަލާލަން ލިބޭ މި އިވެންޓުގެ އެންމެ މުހިއްމު އެއް ބައި ފެންނަ ގޮތް ނުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،"