ސެމީ ފައިނަލްގައި ކްލަބް އެޗްޑީސީއާ ވާދަކޮށް ފަހަތުން އަރައި 3-1 އިން މޮޅުވެ، އެސްޓީއޯ ރެކްރިއޭޝަން ކްލަބުން މި އަހަރު ވެސް ކްލަބް މޯލްޑިވްސްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މެޗުގެ ހަތަރުވަނަ މިނިޓްގައި ނާއިޒް ހަސަން (ދާދު) ގެ ގޯލަކުން އެޗްޑީސީން ލީޑު ނެގި އެވެ. ނަމަވެސް ލީޑް ހިފަހައްޓާލެވުނީ އެންމެ މިނިޓަކަށެވެ. އެސްޓީއޯއިން އެއްވަރު ކުރި ގޯލު ޖަހައިދިނީ އަލީ ހައިސަމް (ޗުމްޕު) އެވެ.
ފަހު ހާފު ފަށައިގެން މިނިޓެއް ނުވަނީސް އަލީ ހުމޭޒު ވަނީ އެސްޓީއޯ އަށް ލީޑު ނަގައިދީފަ އެވެ. އަދި 10 ވަރަކަށް މިނިޓް ފަހުން އެ ޓީމުގެ ފަހު ލަނޑު ޖަހައިދިނީ ސޮރޫޝް ޝެއިޚޮލަރަމް މަޝަޑީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެސްޓީއޯގެ ގޯލްކީޕަރު މުހައްމަދު ޒުހަލް އެވެ.
އެޗްޑީސީ މިދިޔަ އަހަރު މުބާރާތުން ކެޓީ ގަދަ 16 ގައި އެސްޓީއޯ އަތުން ބަލި ވެގެންނެވެ. އެސްޓީއޯ ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާ ވާދަ ކޮށްފަ އެވެ.
މި އަހަރުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މިރޭ، ކްލަބް އެމްޓީސީސީ އާއި އެންމެ ފަހުގެ ޗެމްޕިއަން އާރުއާރުސީ ބައްދަލު ކޮށް މޮޅުވާ ޓީމަކަށެވެ.
ރެހެންދި ޓާފް ދަނޑުގައި މިރޭގެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 8:30 ގަ އެވެ.