މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ކިންގް އޮފް ފުޓްސަލްގެ މަގާމް އާރުއާރުސީގެ ޝަނާން ރަޝާދު ހޯދައިފި އެވެ.

ސީއެމްސީގެ ކިންގް އޮފް ފުޓްސަލް އަށް ކްލަބް މޯލްޑިވްސް އިން ވަނީ މިދިޔަ އަހަރު ހާއްސަ "14 ރާތަ" މަރުތޭލެއް ތައާރަފް ކޮށްފަ އެވެ.

ޝަނާން އަށް ރަސްވެރި ގައުން އާއި ތާޖުގެ އިތުރުން ޓްރޮފީ އާއި 14 ރާތަ ހަވާލު ކޮށްދިނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

ކ. ގާފަރަށް އުފަން، އުމުރުން 21 އަހަރުގެ ޝަނާން ވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި އާރުއާރުސީ އަށް ގޯލެއް ވެސް ޖަހައިދީފަ އެވެ. ފައިނަލް މެޗުގައި އާރުއާރުސީ މޮޅުވީ އެސްޓީއޯއާ ވާދަ ކޮށް 3-2 އިންނެވެ.

އާރުއާރުސީގެ ކޯޗު އިސްމާއިލް ޝަރީފް ތަށި އުފުލާލަނީ، މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެސް އޭނާ.-- ފޮޓޯ: ކްލަބް މޯލްޑިވްސް/ ފޮޓޯމާސްޓާ / ވިޝާހު ޒަރީރު
އާރުއާރުސީގެ ކޯޗު އިސްމާއިލް ޝަރީފް ތަށި އުފުލާލަނީ، މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެސް އޭނާ.-- ފޮޓޯ: ކްލަބް މޯލްޑިވްސް/ ފޮޓޯމާސްޓާ / ވިޝާހު ޒަރީރު

ފައިނަލް މެޗުގެ އިތުރުން ސެމީ ފައިނަލާއި ކުއާޓާ ފައިނަލްގައި ވެސް ލަނޑު ޖަހައި، ޝަނާން ވަނީ މުބާރާތުގައި ޖުމްލަ ހަތް ގޯލު ކާމިޔާބު ކޮށްފަ އެވެ.

އުމުރުން އެންމެ 17 އަހަރުގައި ދިވެހި ޕްރިމިއާ ލީގުގައި ޔުުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެމުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޝަނާން ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެ، 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އަދި އޭނާ އަކީ ފުޓްސަލްގައި މަގުބޫލު ގާފަރު ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އޭނާ އަންނަނީ ކްލަބް މޯލްޑިވްސް ކަޕްގައި 2024 އިން ފެށިގެން އާރުއާރުސީ އަށް ކުޅެމުންނެވެ.

ޝަނާން ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި، އެ ޓީމުގެ އާދަމް ނާސިހް (އާދަންނާ) އާއެކު ނުވަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދައިފަ އެވެ. ނަމަވެސް މި އަހަރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދީ ޖުމްލަ 12 ގޯލު ޖެހި ކްލަބް އެމްޓީސީސީގެ މުހައްމަދު އިސާމް (ޝަންޓެ) އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން.-- ފޮޓޯ: ކްލަބް މޯލްޑިވްސް/ ފޮޓޯމާސްޓާ / ވިޝާހު ޒަރީރު
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން.-- ފޮޓޯ: ކްލަބް މޯލްޑިވްސް/ ފޮޓޯމާސްޓާ / ވިޝާހު ޒަރީރު

މި އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޝަނާން ވަނީ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.

ޝަނާންގެ އިތުރުން ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެ ޓީމުގެ މުހްސިން މޮންޓަޒޭމީ އަދި އެސްޓީއޯގެ ހުސެއިން ޝަރީފް (އޮންލީ) އާއި އަހުމަދު ރާހިލް ރަޝީދު އަދި ގޯލްކީޕަރު މުހައްމަދު ޒުހަލް އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ވެސް ހޮވުނީ އާރުއާރުސީގެ އިސްމާއިލް ޝަރީފް އެވެ.

އާރުއާރުސީ ވަނީ މުބާރާތުގެ ބެސްޓް ސަޕޯޓާސް ޓީމްގެ އެވޯޑް ވެސް ހޯދައިފަ އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް އެޗްޑީސީ އަށް ކުޅޭ ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން ފޯވާޑް މުޒްދާން ހަސަން ހޮވުނު އިރު، ފެއާޕްލޭ ކުޅުންތެރިއަކީ އެޗްޑީސީގެ ޒުވާން ކުޅުންތެރިޔާ އަލީ އަލްސަން އެވެ. އަދި ފެއާޕްލޭ ޓީމަކީ ކްލަބް އެމްޓީސީސީ އެވެ.