ފައިނަލްގައި ފަހަތުން އަރައި 3-1 އިން ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ބަލި ކޮށް ކްލަބް ވެމްކޯ، މި އަހަރުގެ ކްލަބް މޯލްޑިވްސް އެއިޓީން ތާޓީ އަންހެން ފުޓްސަލް މުބާރާތް ކާމިޔާބު ކޮށްފި އެވެ.

ރެހެންދި ޓާފް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފަސްވަނަ މިނިޓުގައި ސިފައިންގެ ޓީމުގެ ސުމައްޔާ މަޓްސުސްޝިމާ ވަނީ ލީޑު ނަގައިދީފަ އެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ގާތްގާތުގައި ދެ ގޯލު ޖަހައި ވެމްކޯ ވަނީ ލީޑު ހޯދައިފަ އެވެ.

ވެމްކޯ އެއްވަރު ކުރި ލަނޑު 17 ވަނަ މިނިޓުގައި އާމިނަތު ފަޒްްލާ ޖެހި އިރު، ދެ މިނިޓް ފަހުން ލީޑު ނެގި ލަނޑު ޖަހައިދިނީ، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު މަޔާރާ ކެސިއާ ބަލްޑަސޯ އެވެ.

ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި ވެމްކޯގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ ފަޒްލާ އެވެ.

މި އަހަރުގެ އެއިޓީން ތާޓީ މުބާރާތުގައި ވާދަ ކުރީ ތިން ޓީމެވެ. އެއީ ސިފައިންނާއި ވެމްކޯގެ އިތުރުން މުޅިން އަލަށް ބައިވެރިވި ބިސް ބުރު ސްޕޯޓްސް ކްލަބެވެ. ފައިނަލަށް ދެ ޓީމު ހޮވުނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ދެ މެޗު ކުޅުމަށް ފަހު އެވެ.

އެއިޓީން ތާޓީގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ ސިފައިންގެ ޓީމުގެ ސުމައްޔާ އާއި ސަބީނާ ކަތުންގެ އިތުރުން ވެމްކޯގެ އަޝްލޭ ލެރިސާ އޮލިވިއޭރާ ޑަ ސިލްވާ އާއި މަރިޔަމް ނޫރާ އަދި ގޯލްކީޕަރު ފާތިމަތު ސައުސަން އެވެ.

ވެމްކޯ ވަނީ މިދިޔަ އަހަރަު އެއިޓީން ތާޓީގެ ސެމީ ފައިނަލްގައި ސިފައިން އަތުން ބަލި ވެފަ އެވެ. ސިފައިން މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދާފައި ވަނީ ފައިނަލްގައި އެމްޕީއެލް ބަލި ކޮށްފަ އެވެ.

މިއީ ވެމްކޯ، އެއިޓީން ތާޓީގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ވެމްކޯ ވަނީ، 2023 ވަނަ އަހަރު ކްލަބް މޯލްޑިވްސް އިން ފެށި އެއިޓީން ތާޓީ ކްލަސިކް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.