ސެމީ ފައިނަލްގައި އެސްޓީއޯއާ ވާދަ ކޮށް 5-3 އިން މޮޅު ވެގެން ކްލަބް އެޗްޑީސީ، މި އަހަރުގެ ކްލަބް މޯލްޑިވްސް އެއިޓީން ތާޓީ ކްލަސިކް މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.

އެޗްޑީސީ ވަނީ މެޗު ފެށީގެން ފުރަތަމަ މިނިޓުގައި ލީޑު ނަގައިފަ އެވެ. މި ގޯލަކީ ފަރަހް އަހުމަދު ނަގައިދިން ކޯނަރެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި އެސްޓީއޯގެ ފަދުވާ ޒާހިރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ތިން މިނިޓު ފަހުން ފާތިމަތު ސާލިޔާ ދިން ބޯޅައަކުން ލީޑު ފުޅާ ކުރި ލަނޑު ޖަހައިދިނީ ފިރުޝާނާ ނަސީރެވެ.

މި ހާފު ނިމެން ފަސްވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ޝިޔާނާ އަހުމަދު ޒުހެއިރު ނަގައިދިން ބޯޯޅައެއް ފަދުވާ ޖެހި ވަގުތު ކީޕަރު އަތުގައި ޖެހިފައި ބޭރަށް ދަނިކޮށް ގޯލަށް ފޮނުވާލައިގެން އެސްޓީއޯ އަށް ފަރަގު ކުޑަ ކޮށްދިނީ އާމިނަތު ޝަފްނާ އެވެ.

އެސްޓީއޯ ވަނީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. ފަދުވާގެ ބޯޅަ ހޯދައި އެޗްޑީސީ ކުޅުންތެރިއެއް ކައިރިން ނައްޓާފައި ކުރިއަށް އަރައި އޭނާ ދިން ބޯޅަ، ސުމައްޔާ ބިންތި އަބްދުލް ހަމީދު ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.

އެޗްޑީސީ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗަކަށް ފަހު.-- ފޮޓޯ: އެޗްޑީސީ
އެޗްޑީސީ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗަކަށް ފަހު.-- ފޮޓޯ: އެޗްޑީސީ

މި ހާފުގެ 10 ވަނަ މިނިޓުގައި އާމިނަތު ރިސާލާ ވަނީ އަލުން އެޗްޑީސީ އަށް ލީޑު ހޯދައިދީފަ އެވެ. ފިރުޝާނާ ފޮނުވާލި ބޯޅަ ރިސާލާ ގޯލަށް ފޮނުވާލީ ބެކް ހީލް އަކުންނެވެ. މި ގޯލަށް މިނިޓެއް ނުވަނީސް ފަދުވާ ވަނީ އެޗްޑީސީ ކުޅުންތެރިން އަތުން ބޯޅަ ހޯދައި އަނެއްކާ ވެސް އެ ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އަލުން ކުޅުން ފަށައިގެން 15 ސިކުންތު ތެރޭ ރިސާލާ ވަނީ ރީތި ލަނޑެއް ޖަހައި އެޗްޑީސީ އަށް މި ހާފުގައި ދެވަނަ ފަހަރަށް ލީޑު ހޯދައިދީފަ އެވެ. އޭނާ ވަނީ ސާލިޔާ ދިން ބޯޅައެއް ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިފަ އެވެ.

އެޗްޑީސީގެ ފަސްވަނަ ލަނޑު މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ސާލިޔާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރިސާލާ އެވެ.

މިއީ އެޗްޑީސީގެ އަންހެން ޓީމެއް ކްލަބް މޯލްޑިވްސްގެ މުބާރާތެއްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. އެޗްޑީސީ ސެމީ އަށް ދަތުރު ކޮށްފައި ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅު ވެގެންނެވެ.

އެސްޓީއޯ ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. ކުއާޓާއާ ހަމައިން އެސްޓީއޯ ކެޓީ ސްޓެލްކޯ އަތުން ބަލި ވެގެންނެވެ.

މި އަހަރުގެ ފައިނަލްގައި އެޗްޑީސީ ނުކުންނާނީ ސެމީގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޕްރިޒަން ކްލަބް ބަލި ކުރި ސްޓެލްކޯއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8:45 ގަ އެވެ.