ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމުތަކުން ޖާގަ ދޭނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ އެތުލީޓުންނަށް އެކަނިކަމަށް ހެދުމުގެ އަމާޒު ހާސިލުކުރުމަށް ކެބިނެޓުން ނިންމައިފި އެވެ. 

ރައީސް އޮފީހުން ބުނި ގޮތުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ މެދު ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާ ގުޅޭ ކެބިނެޓްގެ ސަބް ކޮމިޓީން ނިންމުންތަކެއް ހުށަހަޅާފައިވާ ކަމަށެވެ. 

އެ ހުށަހެޅުންތަކުގެ ތެރެއިން އެއް ނުކުތާއަކީ ގައުމީ ޓީމުތަކުގައި ބައިވެރިވާ އެތުލީޓުންނަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުވެފައި ތިބި ބަޔަކަށް ހެދުމުގެ ހާއްސަ އަމާޒުތަކެއް ކަނޑައަޅުމަށެވެ. އަދި ނިކޮޓިންގެ ނުރައްކަލާ މެދު ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭން ފުޅާކޮށް ކުޅިވަރުގައި ބައިވެރިވާ ފަރާތްތައް ބައިވެރި ކުރުމަށް ވަނީ ނިންމާފަ އެވެ.

ސަބް ކޮމިޓީގެ އެ ހުރިހާ ހުށަހެޅުންތަކެއް ވެސް ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. 

ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅޭ މަސައްކަތްތައް ސްކޫލްގެ މަރުހަލާއިން ފެށިގެން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ. 

ދުންފަތާއި ނިކޮޓީންއާ ދެކޮޅު ކެމްޕޭނުގައި، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައިވެރިވާނެ ފަރާތެއް ހެލްތު މިނިސްޓްރީން ކަނޑައަޅަން ވަނީ ނިންމާފަ އެވެ. އަދި ކެމްޕޭންގެ ފުރަތަމަ މަރުހަލާގައި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމިއްޔާ އާއި މާލެ ސަރަހައްދުން ގިނަ ޖަމިއްޔާތަކެއް ބައިވެރި ކުރުމަށް ވެސް ކެބިނެޓުން ނިންމި ކަމަށް ރައީސް އޮފީހުން ބުންޏެވެ.