އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި 4.4 ބިލިއަން ޑޮލަރު (3.3 ބިލިއަން ޕައުންޑް) ހޭދަކޮށް، އާ ރެކޯޑެއް ހަދައިފި އެވެ.
މިއީ މިދިޔަ ސީޒަނުގެ ރެކޯޑު ކަމަށްވާ 3.14 ބިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދކެވެ. ލީގުގައި ވާދަކުރާ ކްލަބްތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކްލަބުން ވަނީ އެ ކްލަބްތަކުގެ ތާރީހުގައިވެސް އެންމެ އަގުބޮޑު ކުޅުންތެރިން މިފަހަރުގެ ޕީރިއަޑްގައި ސޮއިކުރުވާފަ އެވެ.
ޓްރާންސްފާ ބާޒާރުގެ އެންމެ ފަހު ވަގުތު ލިވަޕޫލުން ވަނީ 106 މިލިއަން ޕައުންޑަށް ޕީއެސްޖީގެ ބްރެޑްލީ ބާކޯލާ ސޮއިކުރުވާފަ އެވެ. އަދި މެންޗެސްޓާ ސިޓީން ވަނީ 125 މިލިއަން ޕައުންޑުގެ ރެކޯޑު އަގަކަށް ޗެލްސީގެ އެންޒޯ ފެނާންޑޭޒް ގެންގޮސްފަ އެވެ. މީގެ އިތުރުން ސިޓީން ވަނީ އެލިއޮޓް އެންޑަސަން 116 މިލިއަން ޕައުންޑަށް ގަނެފަ އެވެ.
މޯގަން ރޮޖާސް ސޮއިކުރުވަން، ޗެލްސީން 117 މިލިއަން ޕައުންޑް ހޭދަކުރި އެވެ.
ޓްރާންސްފާ މާކެޓްގައި އެކަށީގެންވާ މިންވަރަށް ހަރަދު ނުކުރާތީ މިދިޔަ އަހަރުތަކުގައި އަމިއްލަ ސަޕޯޓަރުންގެ ފާޑުކިޔުމާ ކުރިމަތިލާން ޖެހުނު ކްލަބަކީ ލަންޑުނުގެ ކްލަބް ޓޮޓަނަމް ހޮޓްސްޕާސް އެވެ.
އެ ކްލަބުން ވަނީ 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއްކޮށްފަ އެވެ. ސަންޑްރޯ ޓޮނާލީ ސޮއި ކުރުވަން، އޭނާގެ ކުރީގެ ކްލަބް ނިއުކާސަލްއަށް ޓޮޓަނަމުން 92.5 މިލިއަން ޕައުންޑަދިނެވެ. އެއީ ޓޮޓެންހަމްގެ ތާރީހުގައިވެސް އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިޔާ އެވެ.
ލީގުގެ ޖުމްލަ 11 ކްލަބަކުން އެ ކްލަބްތަކުގެ ތާރީހުގައި ޓްރާންސްފާ ރެކޯޑު މުގުރާލީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ނިމުމުނު ޓްރާންސްފާ ޕީރިއަޑްގަ އެވެ. މި ޓްރާންސްފާ ބާޒާރުގައި ކޮވެންޓްރީން، ހަތަރު ފަހަރެއްގެމަތިން އެ ކްލަބުގެ ޓްރާންސްފާ ރެކޯޑް މުގުރާލި އެވެ.
ކުޅުންތެރިން ވިއްކައިގެން އެންމެ ބޮޑު އާމްދަނީއެއް ހޯދީ ނިއުކާސަލް އެވެ. އެ ކްލަބުން ޓޮނާލީ، ގިމާރޭސް އަދި އެންތަނީ ގޯޑަން ވިއްކާލައިގެން 235 މިލިއަން ޕައުންޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި އެވެ.