ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ، ސްވިމް މޯލްޑިވްސްއިން އިންތިޒާމުކުރާ "މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް"، މި އަހަރު ކުޅުދުއްފުށީގައި ބާއްވަން ނިންމައިފި އެވެ.
ފެތުމާއި ދުވުމުގެ ރޭސް ހިމެނޭ މި އިވެންޓް މިދިޔަ އަހަރު ބާއްވާފައި ވަނީ ކ. މާފުށީގައި، މިދިޔަ އޮކްޓޯބަރު 31 އަދި ނޮވެމްބަރު އެކެއްގަ އެވެ.
މި އަހަރު ކުޅުދުއްފުށީގައި ބާއްވާ ރޭސް އޮންނާނީ ނޮވެމްބަރު 13 އިން 14 އަށެވެ. ފުރަތަމަ ދުވަހު އޮންނާނީ އިންޑިވިޖުއްލަ އިވެންޓެވެ. ދެވަނަ ދުވަހު އޮންނާނީ ޓީމު އިވެންޓެވެ.
މި މުބާރާތުގައި އެތުލީޓުން ފުރަތަމަ ފަށާނީ ފެތުމުގެ ބައިންނެވެ. އަދި ފަތާ ނިންމުމަށްފަހު ސީދާ ބީޗުގައި ހުރެ ބޫޓަށް އަރައިގެން ނުކުންނާނީ ދުވުމުގެ ބައި ފުރިހަމަކުރުމަށެވެ.
ސްވިމް މޯލްޑިވްސްއިން ބުނީ މުބާރާތުގައި ތިން ކެޓަގަރީއެއް ހިމެނެ އެވެ. އެއީ އެލީޓް، ސްޕްރިންޓް އަދި ޑިސްކަވާ އެކުއަތުލޯން ކެޓަގަރީ އެވެ.
ޓީމު ރިލޭ ބައިގައި ފެތުންތެރިއަކާއި ދުވުންތެރިއަކު އެކުވެގެން ޓީމު ހެދޭނެ އެވެ. ފެތުންތެރިޔާ ނިންމުމުން ދުވުންތެރިޔާ ދުވާ ގޮތަށް އޮންނަ ރިލޭ ބައިގެ ދިގުމިނާއި އުމުރުފުރާގެ ވަނަތައް ހޮވުން އޮންނާނީ އިންޑިވިޖުއަލް ބައެކޭ އެއްގޮތަށެވެ.
އެލީޓް ކެޓަގަރީ
އެ ކެޓަގަރީގައި ހިމެނެނީ އެއް ކިލޯމީޓަރަށް ފެތުމާއި ފަސް ކިލޯމީޓަރަށް ދުވުމެވެ. އެ ކެޓަގަރީ ހާއްސަކޮށްފައި ވަނީ އަންހެން، އަދި ފިރިހެން ބައިން، 15 އަހަރުން މަތީގެ މީހުންނަށެވެ. އެކަމަކު 15 އަހަރުންދަށުގެ ކުއްޖަކު އެ އިވެންޓްގައި ވާދަކުރަން ބޭނުންވިޔަސް އެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.
ސްޕްރިންޓް ކެޓަގަރީ
އެ ކެޓަގަރީގައި ފަތާނީ 500 މީޓަރަށެވެ. އަދި ދުވާނީ 2.5 ކިލޯމީޓަރަށެވެ. އެ ކެޓަގަރީ ހާއްސަކުރެވިފައި ވަނީ 15 އަހަރުންދަށުގެ ކުދިންނަށެވެ. ސްވިމް މޯލްޑިވްސްއިން ބުނީ 15 އަހަރުންމަތީގެ މީހުންނަށް ވެސް އެ ކެޓަގަރީގައި ވާދަކުރެވިދާނެ ކަމަށެވެ. ނަމަވެސް ސްޕްރިންޓް ކެޓަގަރީގައި ވާދަކުރާ 15 އަހަރުންމަތީ އުމުރުގެ މީހުންނަށް ވަނަ ނުލިބޭނެ ގޮތަށް ސްވިމް މޯލްޑިވްސްއިން ވަނީ ގަވާއިދު އެކުލަވާލާފަ އެވެ.
ޑިސްކަވާ އެކުއަތުލޯން
އެ ކެޓަގަރީގައި ހިމެނެނީ 200 މީޓަރުގެ ފެތުމާއި 500 މީޓަރުގެ ދުވުމެކެވެ. އެ ކެޓަގަރީއަކީ ކުޑަކުދިންނަށާއި މުޅިން އަލަށް މިކަހަލަ ޗެލެންޖެއްގައި ބައިވެރިވާ މީހުންނަށް ތަޖުރިބާކޮށްލަން ފުރުސަތު ދިނުމަށް ބާއްވާ، ވާދަވެރި ނޫން އިވެންޓެއްކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ. އެ އިވެންޓްގެ ފެތުން އޮންނާނީ މާފުށީ ބިކިނީ ބީޗުގެ ފަޅުތެރޭގައި، އިސްކޮޅު ޖެހޭ ހިސާބުގަ އެވެ.
ސްވިމް މޯލްޑިވްސްއިން ބުނީ ކޮންމެ އަހަރަކު ވެސް، އެކުއަތުލޯން ޗެމްޕިއަންޝިޕް، ބާއްވާ ރަށްތައް ރޮޓޭޓްވާ އުސޫލުން ކޮންމެ ވެސް އެއް ރަށެއްގައި ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ.