ސްވިމް މޯލްޑިވްސްއިން ރ. އަތޮޅުގައި "ރ. ކްރޯލް 1.0"  އިވެންޓ ނަމުގައި ބޭއްވި ފެތުމުގެ ހާއްސަ ޓުއާ ބާއްވައި ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

13 އިން 16ގެ ނިޔަލަށް ކުރިއަށްދިޔަ މި ޓްއާ ފެށީ އެ އަތޮޅު ދުވާފަރުންނެވެ. ނިންމާލީ ކޮނޮޅަހަށެވެ. އެކިރަށްރަށުގައި މަޑުކޮށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިޔަ އެވެ. 

އެ ޕްރޮގްރާމްތައް ހާއްސަކުރޯ މޫދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަމާއި، ގެނބުމުގެ ހާދިސާތަކުން ސަލާމަތްވުމަށް ހޭލުންތެރިވުމުގެ މައްޗަށެވެ. އެ ޕްރޮގްރާމްތައް ކުރިއަށްގެންދިޔައީ ރަށްރަށުގަ ކޮމިޔުނިޓީތަކާ ގުޅިގެން އެޗްޕީއޭގެ ވެސް އެއްބާރުލުމާ އެކު އެވެ. 

ސްވިމް މޯލްޑިވްސްއިން ރ. އަތޮޅުގައި ކުރިއަށްގެންދިޔަ ފެތުމުގެ އިވެންޓްގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކަމުގެ ޕްރޮގްރާމެއްގެ ބައިވެރިން
ސްވިމް މޯލްޑިވްސްއިން ރ. އަތޮޅުގައި ކުރިއަށްގެންދިޔަ ފެތުމުގެ އިވެންޓްގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކަމުގެ ޕްރޮގްރާމެއްގެ ބައިވެރިން

ޓްއާގައި ފެތުމުގެ އިވެންޓްތައް ކުރިއަށްގެންދިޔަ ތާވަލު: 

- 13 އޮކްޓޫބަރު (އަންގާރަ): ބައިވެރިން އިފުރަށް ދަތުރުކުރުމަށްފަހު، ރޭގަނޑު މަޑުކޮށްފައިވަނީ ދުވާފަރުގަ އެވެ.

- 14 އޮކްޓޫބަރު (ބުދަ): ދުވާފަރުން މާކުރަތަށް ފެތުމަށްފަހު، ރާޔާ ބައި އެޓްމޮސްފިއާ ރިސޯޓާއި ރަސްގެތީމަށް އެ ދުވަހު ފަތާފައިވެ އެވެ. ރަސްގެތީމުގައި މެންދުރު ކެއުމާއި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިޔަ އެވެ. އެއަށް ފަހު ދެން ފަތާފައި ދިޔައީ އިންނަމާދޫއަށެވެ. އަދި ރޭގަނޑު މަޑުކޮށްފައިވަނީ  އެ ރަށުގަ އެވެ.

- 15 އޮކްޓޫބަރު (ބުރާސްފަތި): އިންނަމާދޫން ފަތާފައި ވަންދޫއަށް ދަތުރު ކުރި އެވެ އަދި ވަންދޫން ބްރެނިއާ ކޮއްޓޭފަރު ރިސޯޓަށް ފެތުމަށްފަހު، އެ ރިސޯޓްގައި މެންދުރު ކެއުން ކުރިއަށްގެންގޮސްފައިވެ އެވެ. އެއަށްފަހު ފަޅުރަށެއްކަމަށްވާ ނެލައަށް ފަތާފައިވެ އެވެ. ރޭގަނޑު މަޑުކޮށްފައިވަނީ އެ ރަށުގަ އެވެ.

- 16 އޮކްޓޫބަރު (ހުކުރު): ނެލައިން ފަތާފައި އިނގުރައިދޫއަށް ދިޔަ އެވެ. އެ ރަށުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގާފައިވެ އެވެ. ހުކުރު ނަމާދުގެ ކުރިން ފައިނަށް ގޮސް، މެންދުރުފަހު ފައިނުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގާފައިވެ އެވެ. އަދި ހަވީރު ކިނޮޅަހަށް ގޮސް، އެ ރަށުގައިވެސް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސް ޓްއާ މުޅިން ނިންމާލީ އެ ރަށުންނެވެ.

ދުވާފަރުން ފަށައިގެން ކިނޮޅަހަށް ނިންމާލި މި ޓުއާއަކީ "ރ ކްރޯލް" ގެ ފުރަތަމަ އެޑިޝަނެވެ.  ސްވިމް މޯލްޑިވްސްއިން ބުނީ ރ. އަތޮޅުގެ ދެވަނަ އެޑިޝަން (ރ. ކްރޯލް 2.0) ގައި ދުވާފަރުން ވާދޫއަށް ފެތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޓްއާގެ ތާރީހު ފަހުން އިއުލާނުކުރާނެ ކަމަށް އެ ކްލަބުން ބުންޏެވެ.

އެ ކްލަބުން މި ޓްއާއަށް ކަނޑައަޅާފައިވާ މި ޓުއަގެ މުހިންމު މަގްސަދުތަކަކީ މޫދުގައި އުޅުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަމާއި ގެނބުމުގެ ހާދިސާތަކުން ސަލާމަތްވުމަށް އާންމުން ހޭލުންތެރިކުރުމެވެ.

ބޭރުގެ ފެތުންތެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ބާރުއެޅުމާ އެކު، ރަށްރަށުގެ ސަގާފަތާއި އާދަކާދަ ދެނެގަނެ، ލޯކަލް ޓޫރިޒަމް އިޝްތިހާރުކުރުމާއި، ރަށްރަށުގެ މުހިންމު ތަންތަނާއި ތާރީހީ ވާހަކަތައް ޑޮކިއުމަންޓްކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އިޝްތިހާރުކުރުން ވެސް މި ހަރަކާތުގެ ތެރެއިން  ކުރިއަށް ގެންގޮސްފައިވާކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.