ހއ. ދިއްދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް، ވިކްޓަރީން 4-3 ން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ވިކްޓަރީ އަށް ކާމިޔާބުވީ، ފަހު ވަގަުތު ދިއްދޫ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ވިކްޓަރީން ނިންމާލީ ތިން ލަނޑުގެ ލީޑަކާ އެކު އެވެ. ދެވަނަ ހާފުގައި ހިތްވަރުގަދަ ދިއްދޫން ވަނީ އެ ޑެފިސިޓް ނައްތާލައި ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ.
ވިކްޓަރީގެ ފުރަތަމަ މެޗުގައި ޓީސީއާ ދެކޮޅަށް، ދެ ލަނޑު ޖެހި އަހްމަދު ރިޒްވާން ވަނީ ދިއްދޫ ކޮަޅަށް ވެސް ދެ ލަނޑު ޖަހާފަ އެވެ.
މެޗުގެ ފުރަތަމަ ލީޑް ނަގައި ދިނީ ވެސް އޭނާ އެވެ. މެޗުގެ ތިންވަނަ މިނެޓްގައި ވިކްޓަރީ އުޒްބެކިސްތާނުގެ ފޯވާޑް މިރްޖަލޮލް ގާސިމޯވް (ކާސިމޯވް) އޭރިއާގެ އަރިމަތިން ބޯޅަ އަށް ކުރިއަށް އެރުމުން، އޭނާ އަށް ވުރެ ކުރިން ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން ޕެނަލްޓީ އޭރިއާގެ ބޭރަށް ނުކުމެ ބޯޅަ ސާފްކޮށްލަން ދުރަށް ފޮނުވާލި އެވެ.
ކީޕަރު ކުރި މަސައްކަތް ފަނުފުލަށް ދިޔައީ އެ ބޯޅަ ބޭރަށް ދިއުމުގެ ކުރިން ރިޒޭ، ބޯޅަ ހޯދުމުންނެވެ. ކީޕަރު ޝިފާން ގޯލް ދޫކޮށް ކުރިއަށް ނުކުމެ ހުރުމުން، ބަލާލާފައި ރިޒޭ ވަނީ ހާފުގެ މެދެއްހާ ހިސާބުން އަރިމަތީގައި ހުރެފައި ބޯޅަ ގޯލްގެ ތެރެއަށް އޮއްސާލާފަ އެވެ.
ވިކްޓަރީން ވަނީ އޭގެ ދެ މިނެޓް ފަހުން ކެޕްޓަން ނާއިޒު ހަސަން (ދާދު) ގެ ލަނޑުން ލީޑް ފުޅާކޮށްފަ އެވެ.
ހާފުގެ މެދެއްހާހިސާބުން ވިކްޓަރީއަށް ލިބުނު ހިލޭޖެހުން ކާސިމޯވް އޭރިއާ ތެރެއަށް ނަގައިދިނުމުން ދިއްދޫގެ ކުޅުންތެރިންނަށް ރަނގަޅަށް ދިފާއު ނުކުރެވުމުން އެ ބޯޅަ ލިބުނީ ރިޒޭއަށެވެ.
އޭނާ އެ ބޯޅަ ނާއިޒު އަށް ތަނަވަސްކޮށްދިނުމުން، އޭނާ ވަނީ ފަސޭހަ ކަމާ އެކު ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ. ބޯޅަ ދިޔައީ ކީޕަރު ޝިފާން އަތުގައި ޖެހިލާފަ އެވެ.
ވިކްޓަރީގެ ތިންވަނަ ލަނޑު ރިޒޭ ޖެހީ މެޗުގެ 41 ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ފަހަތުން، ދިއްދޫގެ ހާފުގެ ތެރެއަށް ދިން ތުރޫ ޕާސް ރިޒްވާން ލިބިގަތެވެ. ދެން އޭނާގެ ސްޕީޑް ބޭނުންކޮށްގެން ބޯޅަ ހިފައިގެން ދުވެފައި ގޮސް ކީޕަރު ޝިފާން ވެސް ކަޓުވާލުމަށް ފަހު ގޯލްގެ ތެރެއައް ވައްދާލި އެވެ.
މެޗަށް ވިކްޓަރީން ނުކުތީ އެ ޓީމުގެ ޒުވާން ކީޕަރު މުހައްމަދު ޔާމީން ހިމަނައިގެންނެވެ. އެޓީމުގެ އެއްވަނަ ކީޕަރު މުހައްމަދު ޝަފީއު (ޗެކް)ގެ އަތުގެ އިނގިޔެއްގެ ކަށިގަނޑުގައި ރެނދުލާފައިވުމުން، އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. ގާތްގަނޑަކަށް ތިން ހަފުތާ އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހޭނެކަމަށް ކަމަށް ބެލެވެ އެވެ.
ޔާމީން ބެލެހެއްޓި ގޯލަށް ދިއްދޫން ދެވަނަ ހާފުގައި ތިން ލަނޑު ވައްދާލި އެވެ.
އެ ޓީމުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ގިޑިއަން ޓެޓޭ އެވެ.
ދިއްދޫގެ ދެވަނަ ލަނޑަކީ ކީޕަރު ޔާމީން އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ހުސައިން ޒިމްޔާން ޖެހި ލަނޑެކެވެ.
ވިކްޓަރީގެ އޭރިއާގެ އަރިމަތިން އެ ޓީމުގެ ޑިފެންޑަރު ފުރުކަތު ހަސަންބޯއެވް ޔާމީނަށް ޖައްސާލި ބޯޅަ، އޭނާ އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވުނެވެ.
ދިއްދޫގެ ޒިމްޔާން ބޯޅަ އަށް އރައި ޔާމީން ފައިދަށުން ބޯޅަ ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.
ދިއްދޫން ނަތީޖާ ހަމަހަމަ ކުރި ލަނޑު ޓެޓޭ ޖެހީ ވިކްޓަރީގެ ހާފުގެ ތެރެއިން ސެންޓަ ސާކަލާ ކައިރިންނެވެ. އޭނާ އަށް ލިބުނު ބޯޅަ އެއްފަހަރުން ޖަހައި ގޯލަށް ފޮނުވާލި އެވެ. ކީޕަރު ޔާމީން ހުރީ ކުރިއަށް ނުކުމެ އެވެ. ބޯޅަ ގޯލަށް ވަނީ އޭނާގެ ބޯ މަތިން އޮހިގެން ގޮހެވެ.
ލީގުގައި ދިއްދޫގެ ފުރަތަމަ މެޗުގައި، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބުރު ސްޕޯޓްސްގެ މައްޗަށް ކާމިޔާބު ހޯދި ދިއްދުއަށް، ވިކްޓަރީ އަތުން މަދުވެގެން ޕޮއިންޓެއް ހޯދިދާނެ ކަމުގެ އުއްމީދު ލިބުނެވެ.
ނަމަވެސް އެ ހިތްހަމަޖެހުމުގައި ދިއްދޫއަށް މާ ގިނަ އިރަކު ނުތިބެވުނެވެ. ނަތީޖާ ހަމަހަމަ ކުރިތާ ދެ މިނެޓް ފަހުން، ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕެ) ދިއްދޫގެ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޓީމުގެ ކެޕްޓަން އާދަމް ނަސީމް، އަތުން ބޯޅަ ވަނީ އަމިއްލަ ގޯލްގެ ތެރެއަށެވެ.