ދިވެހި ޕްރިމިއާ ލީގުގައި މުޅިން އަލަށް ވާދަކުރާ، ހއ. ދިއްދޫ ސްޕޯޓްސް ކްލަބްގައި ގިނަ ކުޅުންތެރިންނަކީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ކުޅުންތެރިން ކަމަށާއި ޓީމު އެކުގައި ޕްރެކްޓިސް ކުރަން ލިބެނީ މަދު ފުރުސަތެއް ކަމަށް ކޯޗު މޫސާ އިބްރާހީމް ބުނެފި އެވެ. 

ދިއްދޫގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗު ބުނިގޮތުގައި އެ ޓީމުގެ ކުޅުންތެރިންގެ ތެރެއިން 50 ޕަސަންޓަަށް ވުރެ ގިނަ ކުޅުންތެރިން ވަޒީފާ އަދާކުރާނީ ރިސޯޓްތަކުގަ އެވެ. އޭނާ ބުނި ގޮތުގައި ކުޅުންތެރިން ޓީމަށް ލިބެނީ މެޗުގެ އެއް ދުވަސް ކުރިންނެވެ. ނުވަތަ މެޗު އޮންނަ ދުވަހު އެވެ. 

"އަޅުގަނޑުމެންނަށް އޮތް ޗެލެންޖެއް އެއީ، ގާތްގަނޑަކަށް ބުނަންޏާ ސްކޮޑްގެ މޯ ދެން 50 ޕަސަންޓް (ކުޅުންތެރިން) އުޅެނީ ރިސޯޓްތަކުގައި. ދެން ޕްރެކްޓިސް އަށް ކުޅުންތެރިން ނުލިބުން އެއީ އުނދަގޫ ކަމެއް. (ކުޅުންތެރިން) މި ލިބެނީ މެޗު ޑޭ ގެ ޕްރީ މެޗަށް،" ވިކްޓަރީއާ ދެކޮޅަށް މިއަދު ކުޅޭ މެޗަށް ހާއްސަކޮށް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މޫސަ ބުންޏެވެ.

އެކަމަކު އެ ގޮންޖެހުމުގެ އަސަރެއް ލީގުގައި، އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން ނުފެނުނެވެ. މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗު ބުރު ސްޕޯޓްސްގެ މައްޗަށް ދިއްދޫން ވަނީ 1-0 ން ކާމިޔާބުކޮށްފަ އެވެ. 

މޫސަ ބުނި ގޮތުގައި ދިއްދޫގެ ކޯޗުން ޓީމުން ޓެކްނިކަލް ވިސްނުމުން ތައްޔާރު ވަނީ އެ ގޮންޖެހުމަށް ރިޔާޔަތްކޮށްގެންނެވެ. މިއަދު ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗަށް ވެސް ޓެކްނިކަލީ ކުރަންޖެހޭ މަސައްކަތަށް ކޯޗިން ޓީމުން ތައްޔާރުވެފައިވާކަން އޭނާ ފާހަގަ ކުރި އެވެ. 

ޕްރީ މެޗު ޕްރެސް ފަށަމުން މޫސަ ފާހަގަ ކުރީ ވިކްޓަރީގެ ތާރީހާއި އެ ކްލަބްގައި އޮތް ވަރުގަދަ ސްކޮޑެވެ. ނަމަވެސް ދިއްދޫ ޖެހިލުން ނުވާނެކަމުގެ ޔަގީންކަން އޭނާ ދިނެވެ.

"އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ ދިއްދޫ މި މެޗުގައި ވެސް ތަފާތު ކުޅުމެއް ދިވެހި ފުޓްބޯޅަ އަށް ދައްކާނެ. އަތޮޅުތެރޭގެ ކްލަބަކުން އައިސް ގަލޮޅު ދަނޑުގައި ފުރަތަމަ ޑިވިޝަންގެ ތާރީހީ ކްލަބްތަކާ ދެކޮޅަށް ހަމަ ޖެހިުލުމެއް ނެތި އެ ހިތްވަރު ދިއްދޫން ދައްކާނޭ،" މޫސާ ބުންޏެވެ. 

"އެހެން ނަމަވެސް ނަތީޖާއަކީ މެޗުގެ އޮއިވަރަށް އަންނަ ބަދަލާ އެކު ބަދަލުވެގެން އައިސްދާނެ އެއްޗެއް. ... އަޅުގަނޑު ކުރިން ދެންނެވިހެން ދިއްދޫ ހަމަ ތަފާތު ފުޓްބޯޅައެއް ދިވެހި ފުޓްބޯޅަ އަށް ދައްކާނެ." 

ވިކްޓަރީގެ ކޯޗު މުހައްމަދު ޝިޔާޒު މޯހަން ބުނީ ދިއްދޫ ފުރަތަމަ މެޗުން މޮޅުވެފައި ވުމުން އެ ޓީމުގެ އިތުބާރު ބޮޑުވާނެ ކަމަށެވެ. އެ ޕްރެޝަރު ވިކްޓަރީއަށް އޮންނާނެކަމަށް މޯހަން ބުންޏެވެ. 

"ދިއްދުގެ ކޮލިޓީ އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. ފަސޭހަ ނުވާނެކަން އެނގިގެން ހިނގައްޖެ. ދިއްދުއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ވަރަށް ބޮޑު އިތުބާރެއް އެ ކުޅުންތެރިންނަށް ލިބިގެންދާނެ. އެ ކުޅުންތެރިންނަށް އެ ދެއްކުނު ކުޅުމާ އެކު އިތުބާރު ވަރަށް ބޮޑުވެގެން އަންނާނެ މި މެޗަށް އަންނަ އިރު،" މޯހަން ބުންޏެވެ. 

"މެޗުގެ ޕްރެޝަރު އަޅުގަނޑުމެންނަށް ބޮޑުވެގެންދާނެ ކަންކަން މި ހުންނަނީ. ދިއްދުއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ އެ މެޗު އެ ނަތިޖާއިން ކާމިޔާބު ކުރުން. އަނެއްކާ ކާމިޔާބު ކުރި އިރު އެ ދެއްކި ކުޅުން ވެސް ފާހަގަކޮށްލަންޖެހޭ. ވަރަށް ރަނގަޅު އެޓޭކިން ފުޓްބޯޅައެއް ކުޅުނީ."