ދިވެހި ޕްރީމިއަ ލީގުގައި ހއ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު އެ ޓީމާ ދެކޮޅަށް ކުޅެ ޓީސީ ސްޕޯޓްސް ކްލަބުން މެޗު ކާމިޔާބުކޮށްފި އެވެ.
މިއަދު މެޗާ ހަމައަށް، އަމިއްލަ ދަނޑުގައި ދިއްދޫން ބަލިވެފައެއް ނުވެ އެވެ. ލީގުގައި އަމިއްލަ ރަށުގައި ކުރިން ކުޅުނު ދެ މެޗުގައި ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ބޮޑު ދެ ޓީމު ކަމަށްވާ، ނިއު ރޭޑީއަންޓާއި އީގަލްސް އަތުން ދިއްދޫން ޕޮއިންޓް ހޯދި އެވެ. އެއާއެކު އެ ރަށު ދަނޑަކީ ވާދަވެރި ޓީމުތަކަށް ސަލާމަތްވާން އުނދަގޫ ދަނޑަކަށް ހެދި އެވެ.
އެކަމަކު މިއަދު ހަވީރު ކުޅުނު މެޗުން، ޓީސީ އެ ފުރުސަތެއް ދިއްދުއަކަށް ނުދިނެވެ.
ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ގިނަ ވާހަކަތަކެއް ދައްކަން ބޭނުން ނުވި ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފްގެ ރޭވުންތެރި ގޭމުން، ދިއްދޫގެ ޑިފެންސް ފޫއަޅުވާލައި، މެޗުގެ ކޮންޓްރޯލް ޓީސީން ހޯދި އެވެ. އަދި ޓީސީގެ ދިފާއީ ފާރު ފޫއަޅުވާލާނެ އެއްވެސް ފުރުސަތެއް، އެ ޓީމުން ދިއްދުއަކަށް ނުދިނެވެ.
ދިއްދޫގެ ކޯޗު މޫސާ އިބްރާހީމް މެޗުގެ ކުރިން ބުނީ އަމާޒަކަށް އޮތީ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ދަނޑުގެ ރެކޯޑު ދަމަހައްޓައި މޮޅެއް ހޯދުން ކަމަށެވެ.
ޓީސީން ދިއްދޫގެ އުންމީދުތައް ފެނަށް ދުއްވާލީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގަ އެވެ. މެޗުގެ އެ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޓީސީއަށް މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހޮޒޭ މެގްސަން ބެޒެރާ ޑޯރާޑޯ އެވެ.
މެޗުގެ ދެވަނަ ހާފުގައި ދިއްދޫގެ ކޯޗު މޫސަ ވަނީ ޓީމުގެ އެޓޭކް ވަރުގަދަކުރުމަށް ބަދަލުތަކެއް ގެނެސްފަ އެވެ. ނަމަވެސް ޓީސީގެ ޑިފެންސާއި ގޯލުކީޕަރު ވަނީ ދިއްދޫގެ ހަމަލާތައް ހުއްޓުވާލައި، މެޗު ނިމުމާ ހަމައަށް އެ ލީޑު ހިފަހައްޓާފަ އެވެ.
މީގެކުރިން، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ޕްލޭއޮފްގައި، މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ވެސް ޓީސީން، ދިއްދޫ އަތުން މޮޅުވި އެވެ. އެ މެޗު ޓީސީން ކާމިޔާބު ކުރީ 3-0 ންނެވެ.