މެޗުގެ ފަހު ވަގުތު ނަތީޖާ 2-2 ން ހަމަހަމަކޮށް، ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫން އަމިއްލަ ރަށުގައި މޮޅުވިޔަ ނުދީ އީގަލްސްއިން ހިފަހައްޓައިފި އެވެ. 

ދިއްދޫގެ އެ ދަނޑު ވެފައިވަނީ، އެއްވަނަ ޑިވިޝަނުގެ ތަޖުރިބާކާރު ޓީމުތަކަށް އުނދަގޫ ދަނޑަކަށެވެ. މީގެ ކުރިން، ނިއު ރޭޑިއަންޓާ ދެކޮޅަށް ވެސް ދިއްދޫން ވަނީ އަމިއްލަ ދަނޑުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ނިއު ވެސް ދިއްދޫ އަތުން ބަލިނުވެ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. 

ލަނޑު ޖަހަން، އެންމެ ތަނަވަސް ފުރުސަތެއް ފުރަތަމަ ލިބުނީ ދިއްދުއަށެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ގާނާގެ ގިޑިއަން ޓެޓާ ފޮނުވާލުމުން އީގަލްސްގެ ކީޕަރު ޕާކިސްތާނުގެ ސާގިބް ހަނީފް ދިފާއު ކުރި އެވެ. 

މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސް އަށް ވެސް ވީ އެހެންނެވެ. މެޗުން ބަލިނުވެ އެ ޓީމު ސަލާމަތްވީ ފަހުވަގުތުގައި ޖެހި ލަނޑުންނެވެ. 

ދިއްދު އާއި އީގަލްސް މިއަދު ކުޅުނު މެޗުގެތެރެއިން --- ފޮޓޯ: އެފްއޭއެމް
ދިއްދު އާއި އީގަލްސް މިއަދު ކުޅުނު މެޗުގެތެރެއިން --- ފޮޓޯ: އެފްއޭއެމް

މެޗުގެ ފުރަތަމަ ހާފު އީގަލްސްއިން ނިންމާލީ ލީޑްގައި އޮވެގެންނެވެ. އެ ހާފުގެ ފަހުކޮޅުގައި އެ ޓީމުގެ ލަނޑު ޖެހީ މުހައްމަދު ޖައިލަމް (އޮގީ) އެވެ. 

އީގަލްސްގެ ހާފުގެ ތެރެއިން މެދުރޮނގާ ކައިރިން އެ ޓީމުގެ މިސްރުގެ ފޯވާޑް  އަމީރު ޝުއައިބު އަލް ސޯދިގް ދިން ތުރޫ ޕާސް ލިބިގަނެ، ޖައިލަމް ވަނީ ބޯޅަ ކޮންޓްރޯލްކޮށް ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން ކަޓުވާލާފަ އެވެ. ކީޕަރު ޝިފާން ޑައިވް ކުރީ ޖައިލަމްގެ އަތުން ބޯޅަ ހޯދާށެވެ. އެކަމަކު ކީޕަރު ގައިމަތިން އޮފގީ ބޯޅަ ހިއްލާލާއި، ދެން ބޯޅަ ފޮނުވާލީ އެއްވެސް ހުރަހެއް ނެތް ގޯލްގެ ތެރެއަށެވެ. 

ދެވަނަ ހާފުގެ ކުރީކޮޅު ދިއްދޫން، ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް، ދިން ސުވާލު އުފެދޭ ޕެނަލްޓީއަކުންނެވެ. 
އީގަލްސްގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ޓެޓާ މަތިމަތިން ހުރަސްކޮށްދިން ބޯޅަ ފުންމައިގެން އަރައި ކީޕަރު ސާގިބް ޕައންޗުކޮށް ދިފާއު ކުރި އެވެ. އޭނާ ބޯޅައަށް އެރި ވަގުތު އޭރިއާގެ ތެރޭގައި ހުރި ދިއްދޫގެ ކުޅުންތެރިޔަކު ވެސް ވެއްޓޭ މަންޒަރު ފެނުނެވެ. 

މެޗުގެ ރެފްރީ މުހައްމަދު އިސްމާއީލް ވަގުތުން، ޕެނަލްޓީއެއްކަމަށް އިޝާރާތް ކުރި އެވެ. އެ ޕެނަލްޓީ ދިން ގޮތާ މެދު ކީޕަރު ސާގިބް ސުވާލުވެސް އުފެއްދި އެވެ. 

ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި ދިއްދޫގެ ސަޕޮޓަރުން --- ފޮޓޯ: އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި ދިއްދޫގެ ސަޕޮޓަރުން --- ފޮޓޯ: އެފްއޭއެމް

އެ ބޯޅަ ޓެޓޭ އޭރިއާ ތެރެއަށް ފޮނުވާލުމުގެ ކުރިން، ޓެޓޭ ވެސް ވަނީ އީގަލްސްގެ ކުޅުންތެރިޔެއްގެ ކައިރިން ބޯޅަ ހޯދަން ކައިރިވެ ކުރި ޗެލެންޖްގައި އީގަލްސްގެ ކުޅުންތެރިޔާ އޭރިއާގެ ބޭރަށް ވެއްޓުނެވެ. ފައުލެއް ކަމަށް އީގަލްސްގެ ކުޅުންތެރިން ވެސް އެޕީލް ކުރި އެވެ.  

ލިބުނު ޕެނަލްޓީން މިފަހަރު ފޮނުވާލީ ކެމެރޫންގެ މިޑްފީލްޑަރު ޗިއާ ފީލިކްސް ގުވައިން އެވެ. އޭނާ ވަނީ ކީޕަރު ސާގިބަށް ބޯޅައިގެ މިސްރާބު އޮޅުވާލުމަށް ފަހު ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. 

ދެވަނަ ހާފުގެ ބޮޑުބައެއް އީގަލްސްއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ 66 ވަނަ މިނެޓްގައި އެ ޓީމުގެ އަލީ އިޝްފާގް ހަސަން މަޖީދަށް ދެވަނަ ރީނދޫކާޑާ އެކު ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލި އެވެ. 

ދިއްދޫން ނަތީޖާ ބަދަލު ކުރީ މެޗުގެ 74 ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ އާދަމް ޝިޔާން މުހައްމަދު ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޓެޓާ ވަނީ ފަސޭހަކަމާ އެކު ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ. 

އަމިއްލަ ރަށުގައި ފުރަތަމަ ތިން ޕޮއިންޓް ހޯދާނެ ފުރުސަތެއް އީގަލްސްއިން، ދިއްދުއަކަށް ނުދިނެވެ. މެޗުގެ 89 ވަނަ މިނެޓްގައި މުހައްމަދު ޝަމްހާން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، ލައިބީރިއާގެ ފޯވާޑް ވެން ޑޭވް ހާމަން، ވަނީ ގޯލްގެ އެތެރެއިން މަތީދާގަނޑަށް ބޯޅަ ވައްދާލައިފަ އެވެ. 

ދިއްދޫން ވެސް މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ އިތުރު ވަގަުތުގެ ދެވަނަ މިނެޓްގައި އެ ޓީމުގެ ޝިޔާނަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑް ދެއްކި އެވެ.