ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ އާއި ރޭ ކުޅުނު މެޗުތަކުން ކްލަބް އީގަލްސް އާއި ބިސް ބުރު ސްޕޯޓްސް ކްލަބުން ކާމިޔާބު ހޯދައިފި އެވެ. 

ގައްދޫ ފުޓްބޯޅަ ގްރައުންޑުގައި އެ ޓީމާ ދެކޮޅަށް އިއްޔެ ހަވީރު ކުޅުނު މެޗުން  އީގަލްސް ކުރިހޯދީ 2-0 އިންނެވެ۔

ގައްދުއަށް އީގަލްސް ހިފަހައްޓާލެވުނީ ފުރަތަމަ ހާފު ނިމެންދެންނެވެ. އެކަމަކު ދެވަނަ ހާފަށް ނުކުމެ އީގަލްސްއިން ނަތީޖާ ބަދަލުކުރި އެވެ. 

ފުރަތަމަ ލަނޑު 68 ވަނަ މިނެޓުގައި އިސްމާއިލް އީސާ (އީސަ) ކާމިޔާބުކޮށްދިނެވެ. ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ މުހައްމަދު ޖައިލަމް އެވެ۔

ލީގުގައި ގައްދޫން މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެ ތިން މެޗު ވެސް ކުޅުނީ އެ ޓީމުގެ އަމިއްލަ ދަނޑުގަ އެވެ. މި ތިން މެޗަށް ފަހު ދެން އެ ޓީމު އަންނާނީ މާލެ އަށެވެ. 

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް ފަހު ލީގު އަލުން ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ ރޭ މާލޭގައި ގައްދޫން ނުކުންނާނީ އޮޑި ސްޕޯޓްސްއާ ދެކޮޅަށެވެ. 

ލީގުގައި ރޭ މާލޭގެ ގަލޮޅު ދަނޑުގައި ކުޅުނު މެޗު ދިއްދުއާ ދެކޮޅަށް ބިސް ބުރު ސްޕޯޓްސް ކްލަބުން ކާމިޔާބު ހޯދީ 1-0 ންނެވެ. 

މިއީ މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން ހޯދި ފުރަތަމަ މޮޅެވެ. ގައުމީ ކޯޗު އިސްތަވާން އުރްބާނީ ހޮނިހިރު ދުވަހުގެ ރޭ ބުނެފައިވަނީ ދިއްދޫ ޓީމުން ލީގުގެ އެހެން ޓީމުތަކާ ދެކޮޅަށް ވެސް ވަދަކުރާނެކަމަށް އޭނާ އަށް ގަބޫލު ކުރެވޭ ކަމަށެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު ބިސް ބުރު ޖަހައިދިނީ 74 ވަނަ މިނެޓުގައި ނައިޖީރީއާގެ ފޯވާޑް ބާނަބަސް ފްރައިޑޭ އެވެ۔

މި މެޗާ އެކު ލީގު މެދުކަނޑާލަނީ އިންޓަނޭޝަނަލް ބްރޭކަށެވެ. އަލުން ލީގު ފަށައިގެން ދިއްދޫގެ އަނެއް ތިން މެޗު ކުޅޭނީ އަމިއްލަ ރަށުގަ އެވެ. ދިވެހި ލީގު ފުރަތަމަ ފަހަރަށް ތިލަދުންމަތީގައި ހޯސްޓް ކުރުމުގެ ޝަރަފް ދިއްދުއަށް ލިބޭނީ އަންނަ މަހު 10 ވަނަ ދުވަހު ކުޅޭ މެޗުންނެވެ. 

އެ މެޗުގައި އެ ޓީމާ ދެކޮޅަށް ކުޅޭނީ ނިއު ރޭޑިއަންޓެވެ.