އޭޝިއަން ގޭމްސް 2026 ގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސް އިވެންޓުގެ ފުރަތަމަ މަރުހަލާގެ މެޗުގައި ރާއްޖޭގެ އާއިޝަތު ރަފާ ނާޒިމް މޮޅެއް ހޯދައިފި އެވެ.
އައިޗި، ނަގޯޔާގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ސިންގަލްސް ފުރަތަމަ މެޗުގައި ރަފާ ވަނީ ބަނގްލަދޭޝްގެ ނައުރީން މާހީގެ މައްޗަށް 4-2 ސެޓުން ކުރިހޯދާފަ އެވެ.
މިއަދު ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓު 11-9 އިން ނައުރީން ކާމިޔާބުކުރި އެވެ. ނަމަވެސް ރަފާ ވަނީ ދެވަނަ ސެޓު 12-10 އިން ހޯދައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ތިންވަނަ ސެޓު 11-7 އިން ގެންގޮސް، ނައުރީން އަލުން ކުރި ހޯދި އެވެ. ރަފާ ވަނީ ހިތްވަރު ދޫނުކޮށް ކުޅެ ވިދިވިދިގެން ފަހު ތިން ސެޓު، 11-6، 11-5 އަދި 11-9 ން ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ.
މިއަދު ކުޅުނު ސިންގަލްސް އަނެއް މެޗުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ އުތރު ކޮރެއާގެ ކުމް ޔޮން ކިމް އަތުން ސީދާ ހަތަރު ސެޓުން ބަލިވެފަ އެވެ.
އަންހެން ޓީމު އިވެންޓުގައި ދުނިޔޭގެ ވަރުގަދަ ބާރެއް ކަމަށްވާ ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުތަކުން ވެސް ރާއްޖެ ވަނީ 3-0 އިން ބަލިވެފަ އެވެ.
ނަމަވެސް ވަކިވަކި އިވެންޓުތަކުގެ ޑަބަލްސް މެޗުތަކުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ބައިނަލްއަގުވާމީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ފާހަގަކޮށްލެވޭ ކުޅުމެއް ދައްކައިފަ އެވެ.
އަންހެނުންގެ ޑަބަލްސް އިވެންޓުގައި ދީމާ އާއި ރަފާގެ ޕެއާއިން ވަނީ އިންޑޮނޭޝިއާގެ ޕެއާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި މެޗު ފަހު ސެޓަށް ގެންގޮސްފަ އެވެ. ތިންވަނަ ސެޓަށް ފަހު ވާދަވެރިކޮށް ދިޔަ މި މެޗުން ރާއްޖޭގެ ޕެއާ ބަލިވީ 3-2 ސެޓުންނެވެ.
އިންޑޮނޭޝިއާ އަށް މެޗުން މޮޅު ކަށަވަރުވި ފަސްވަނަ ސެޓު އިންޑޮނޭޝިއާއިން ގެންދިޔައީ 11-09 ގެ ހަނި ނަތީޖާއަކުންނެވެ.
މިކްސްޑް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ޝައްފާން މުހައްމަދު އިސްމާއީލް އާއި ދީމާގެ ޕެއާއިން ވަނީ އިންޑިއާގެ އެއްވަނަ ޑިވެލޮޕްމަންޓް ޕެއާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެ މެޗުން ރާއްޖޭގެ ޕެއާ ބަލީވީ 3-2 ސެޓުންނެވެ. ދީމާ އާއި ޝައްފާންގެ ޕެއާއިން ވަނީ ފަސް ސެޓަށް މެޗު ގެންގޮސްފަ އެވެ.