ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށް ފަހު އެ ޓީމުގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް ކްލަބުގެ ބޯޑަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ނިދިޖެހިފައިވާ ކުރީގެ ވަރުގަދަ ބާރަށް މި ސީޒަނުގައި ވެސް މިހާތަނަށް އެކަށީގެންވާ ނަތީޖާތަކެއް ނުހޯދެ އެވެ. ޕްރިމިއާ ލީގުގައި މިއީ މިދިޔަ 40 އަހަރުގެ ތެރޭގައި އެ ޓީމުގެ އެންމެ ދަށް ފެށުމެވެ. ލީގާއި، ޗެމްޕިއަންސް ލީގު ހިމަނައިގެން އެ ޓީމަށް މިދިޔަ ފަސް މެޗުން ވެސް މޮޅެއް ނުވެވެ އެވެ.
"ވަރަށް ދަށްކޮށް ފެނުނީ،" ޓީމުގެ ކުޅުމާ ބެހޭގޮތުން ސުވާލުކުރުމުން މާޓިނޭޒް ބުންޏެވެ.
އޭނާ ބުނީ މިދިޔަ ސީޒަން ތިން ވަނައިގައި ނިންމާލައި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުން ކްލަބުން ކުޅުންތެރިންނަށް އިންވެސްޓްކުރާނެ ކަމަށް ގަބޫލުކުރި ކަމަށެވެ.
"ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު (ޖޭސަން ވިލްކޮކްސް) ގެ ފަރާތުން ވަރަށް ބޮޑެތި އުއްމީދުތަކެއް ކުރިން. އަހަރެން ބޭނުންވަނީ ތެދަށް ވާހަކަ ދައްކަން. ކުޅުންތެރިންގެ ހައިސިއްޔަތުން އަހަރެމެން އެބަޖެހޭ މިއަށް ވުރެ ރަނގަޅަށް މަސައްކަތްކުރަން. ހަމައެއާ އެކު ވަރަށް މުހިއްމު މިފަދަ މެޗުތަކާ ކުރިމަތިލެވޭ ވަރުގެ ސްކޮޑެއް (ބޯޑުން) އެކުލަވާލުމަކީ ވެސް،" އާޖެންޓީނާ ޑިފެންޑަރު ބުންޏެވެ.
އޭނާ ބުނީ މިދިޔަ ސީޒަނުގައި ރަނގަޅު ޓީމެއް ބިނާކުރަން ކްލަބުން ވަރުގަދަ ބިންގަލެއް އެޅި ކަމަށާއި، އެކަމަކު އެ މަސައްކަތް އިތުރަށް ކުރިއަށް ނުދާ ކަމަށެވެ.
ކޯޗު މައިކަލް ކެރިކަށް ޕްރެޝަރު ބޮޑުވެފައިވާއިރު، މާޓިނޭޒް ބުނީ އޭނާ މަގާމުން ވަކިކުރުމަކީ ހައްލެއް ނޫން ކަމަށެވެ.
"ކޯޗު ބަދަލުކޮށްކޮށް ނުތިބެވޭނެ. ކޮބާ ޓީމުގެ އެހެން ދިމަދިމާތައް؟ ނެތް އިތުރަށް އެއްޗެއް ބުނެވޭކަށް،"
ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ވޭން ރޫނީ ބުނީ މާޓިނޭޒް ފާޑުކީ މާބޮޑަށް ކަމަށާއި، އެއީ ޓީމުގެ އެތެރޭގައި ދައްކަން ޖެހޭ ވާހަކަތަކެއް ކަމަށެވެ.
ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި 185 މިލިއަން ޑޮލަރު ހޭދަކޮށްގެން ކާލޯސް ބަލޭބާ އާއި ޔޫރީ ޓިއެލެމަންސް އަދި، އަންދްރޭ ސަންތޯސް ގަތެވެ. އެކަމަކު އެހެން ބައެއް ޑިޕާޓްމަންޓްތައް ވަރުގަދަނުކުރާތީ ސަޕޯޓަރުންގެ ޝަކުވާ ބޮޑުވި އެވެ.
އެތުލެޓިކޯގެ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި އެ ޓީމުގެ ޕަބްލޯ ބަރިއޮސް ފުރަތަމަ މިނެޓުގައި ގޯލެއް ޖެހި އެވެ. ޔުނައިޓެޑުގެ ލެނީ ޔޯރޯ އަށް 74 ވަނަ މިނެޓުގައި ރަތްކާޑެއް ދައްކާފައިވަނިކޮށް އެތުލެޓިކޯ އަށް ދެ ވަނަ ގޯލް ޖަހައިދިނީ 79 ވަނަ މިނެޓުގައި އަޑެމޯލާ ލުކްމަން އެވެ.