ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކޯމޯ އަތުން 4-1 އިން މަންޗެސްޓާ ޔުނައިޓެޑް ލަދުވެތި ގޮތަކަށް ބަލިވުމާ ގުޅިގެން، އެ ޓީމުގެ އެތެރެ ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.
ކުރިމަތިވި ބައްޔާ އެކު މައިކަލް ކެރިކް ހުރީ ހިތްހަމަނުޖެހިފަ އެވެ. އޭނާ މުސްތަގުބަލާމެދު ބޮޑެތި ސުވާލުތަކެއް ކުރިން ވެސް ވަނީ އުފެދިފަ އެވެ. މިހާރު އޭނާގެ މަގާމު ދެމެހެއްޓޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.
އޭނާ މަގާމުން ވަކިކުރާނެކަމުގެ ބިރު މިހާރު ބޮޑުވެފައި ވަނީ ކެޕްޓަން ބްރުނޯ ފެނާންޑޭޒް، ފާޅުގައި ކޯޗަށް ފާޑުކިޔުމުންނެވެ.
މި ސީޒަނުގައި ކުޅުނު 11 މެޗުގެ ތެރެއިން ޔުނައިޓެޑަށް ކާމިޔާބުކުރެވުނީ އެންމެ ދެ މެޗެވެ. އެ ޓީމު މިހާރު އޮތީ ޕްރިމިއާ ލީގުގެ 13 ވަނައިގަ އެވެ. މިދިޔަ މަހު ވަނީ ލީގު ކަޕުން ވެސް ކަޓައިފަ އެވެ.
އަންނަ އާދީއްތަ ދުވަހު ބޯންމަތާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ކެރިކްގެ މުސްތަގުބަލާ ގުޅޭގޮތުން ކްލަބުގެ ވެރިން ގޮތެއް ނިންމުން އެކަށީގެންވެ އެވެ. ކެރިކް ބުނީ އޭނާ މަގާމާ މެދު އެއްގޮތަށް ވެސް ނުވިސްނާ ކަމަށެވެ. އޭނާ ވިސްނަނީ ސަޕޯޓަރުންނާ މެދުކަމަށް، ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.
"އަހަރެންގެ އަމިއްލަ މަގާމާ މެދު އަދި އެއްވެސް ވަރަކަށް ނުވިސްނަން. އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ސަޕޯޓަރުންނާ މެދު. އަހަރެން ވެސް މެޗު ބަލަން ހުރީ އެ ސަޕޯޓަރުންގެ ތެރެއިން މީހެއްގެ ގޮތުގައި، އަދި ފެނުނު ކަންތައްތަކާމެދު އަހަރެން އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ،" ކެރިކް ބުންޏެވެ.
އަމިއްލައަށް މަގާމުން އިސްތިއުފާ ދޭނަންތޯ ސުވާލުކުރުމުން ކެރިކް ބުނީ އެއީ މިވަގުތު އޭނާގެ އަމިއްލަ އިހުސާސްތަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.
"ނޫން. މިއީ މިވަގުތު އަހަރެންގެ އަމިއްލަ ކަންތައްތަކާއި އިހުސާސްތަކާ ގުޅިފައިވާ ކަމެއް ނޫން. މިއީ ޓީމެއްގެ ގޮތުގައި އަދި ފުޓްބޯޅަ ކްލަބެއްގެ ގޮތުގައި އަހަރެމެން ފެންނަން ބޭނުންވާ ގޮތާ ގުޅޭކަމެއް،" އޭނާ ވާހަކަ ދެއްކި އެވެ.
"އަހަރެން ބުނި ފަދައިން ނަތީޖާ އައިސް ގޮސްދާނެ. އެކަމަކު ކަންކަން ކުރަންޖެހޭ ވަކި ގޮތެއް އޮންނާނެ. މިރޭ [ރޭ] ފެނުނީ އެގޮތެއް ނޫން،" ކެރިކް ބުންޏެވެ.
ބްރުނޯ ވަނީ މެޗަށް، ކޯޗުން ޓީމުން ބޭނުން ކުރި ޓެކްޓިސް އަށް ފާޑުކިޔައިފަ އެވެ.
"އެއީ ކޯޗިން ސްޓާފުންގެ ނިންމުމެއް މޭން ޓް މޭން ޕްރެސް ނުކުރުމާ، ބައެއް ފަހަރު ފަހަތުން ޖާގަދީފައި ބޯޅަ ހޯދަން މަޑުކުރުން. އެކަމަކު މިފަދަ ޓީމުތަކަށް ޖާގަ ދިނުމުން އެމީހުންގެ އިތުބާރު ބޮޑުވޭ،" ބްރުނޯ ބުންޏެވެ.
ކެރިކްގެ ޓެކްޓިކްސް ގޯސްތޯ ސުވާލުކުރުމުން ބްރުނޯ ބުނީ އެއީ ކޯޗާއި އޭނާގެ އެސިސްޓެންޓުން ބަލަންޖެހޭ ކަމެއް ކަމަށެވެ.
"އެއީ ކޯޗާއި ކޯޗުން ސްޓާފުން ބަލަންޖެހޭ ކަމެއް. އަހަރެން ބަލަންޖެހޭ ކަމެއް ނޫން. ބައެއް ފަހަރު ޕްރެޝަރުގެ ތެރޭގައި އިތުރަށް ހިތްވަރުގަދަވާންޖެހޭ. ކުރިއަށް ޕްރެސްކޮށްގެން ރިސްކު ނަގައިގެން އެ ޓީމަށް ޗެލެންޖްކުރަން ޖެހޭ،" ބްރުނޯ ބުންޏެވެ.
"އެ ޓީމުގެ ފަރާތުން ފެނުނު ފަދައިން، ސެންޓަ ބެކް ވެސް އަހަރެން މާކްކުރަން އަހަރެމެންގެ ހާފަށް އައި. އަހަރެމެން ވެސް ޓީމެއްގެ ގޮތުގައި އެކަން ކުރަންޖެހޭ. އެކަމަކު އަހަރެމެންނަށް އެކަން ނުކުރެވުނު."
ބްރުނޯ ފާޑުކިޔުންތަކާ ގުޅިގެން ކެރިކް ބުނީ ދެވަނަ ހާފުގައި މޭން ޓް މޭން ޕްރެސްކުރަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ބައިކޮޅަށް ފުރަތަމަ ލަނޑު ވަނީ ވެސް އެ ގޭމަށް ކުޅެން މަސައްކަތް ކުރިފަހުން ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ސިސްޓަމަކަށް ކުޅުނަސް. ކޮންމެ ޓެކްޓިކްސްއެއް ބޭނުންކުރިޔަސް. ކުރިއަށް އަދި ފަހަތަށް ދުވެ ނުހަދާނަމަ މެޗަކުން މޮޅެއް ނުވެވޭނެ،" ކެރިކް ބުންޏެވެ.
ކުރިއަށް އޮތް ބޯންމަތް މެޗުގެ ކުރިން ޓީމުގެ މޫޑު ރަނގަޅުކުރާނީ ކިހިނެއްތޯ ސުވާލުކުރުމުން ކެރިކް ބުނީ އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށެވެ.