މައިކަލް ކެރިކްގެ ބަދަލުގައި މަންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ކޯޗުކަމާ ހަވާލުވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ކޯމޯގެ ކޯޗު ސެސް ފަބްރިގާސް ރައްދު ދީފި އެވެ.

ޔުނައިޓެޑްގައި ކެރިކްގެ ކުރިމަގާ މެދު ވެސް ވަނީ ސުވާލުއުފެދިފަ އެވެ. އެ ކްލަބުން ދެން ގެންނާނެކަމަށް ބެލެވޭ ކޯޗުންގެ ލިސްޓްގައި ފެބްރެގާސްގެ ނަނަ ވެސް ދަނީ ދައުރުކުރުވަމުންނެވެ. 

ޗެމްޕިއަންސް ލީގުގައި މިރޭ ކޯމޯ އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަބްރިގާސްއާ ކުރިމަތިލާންޖެހުނު އެއް ސުވާލަކަށްވީ އެ ސުވާލެވެ.

ވިލިވިދިގެން ހަ މެޗުން މޮޅެއް ނުލިބި ޕްރެޝަރުގައި ހުރި ކެރިކްގެ މަގާމާ، އޭނާ ހަވާލުވެދާނެތޯ ސުވާލު ކުރުމުން ފެބްރިގާސް ބުނީ އެ ސުވާލަކީ ކެރިކަށް ކުރާ ބޭއިހްތިރާމެއް ކަމަށެވެ. 

"އަހަރެން އެ ސުވާލަކަށް ޖަވާބެއް ނުދޭނަން. ސަބަބަކީ އެއީ އެއްގޮތަކަށްވެސް ރަނގަޅު ސުވާލެއް ކަމަށް އަހަރެން ނުދެކޭތީ. މަންޗެސްޓާ ޔުނައިޓެޑް ފަދަ ބޮޑު ކްލަބެއްގެ އިސްކޮށް ހުރި މައިކަލް ކެރިކް ފަދަ މޮޅު ކުޅުންތެރިޔަކަށް އަދި ކޯޗަކަށް އެކަށީގެންވާ އިހުތިރާމް ދެވޭ ސުވާލެއް ނޫން އެއީ،" އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފަބްރިގާސް ބުންޏެވެ.

މުޅި ސީޒަނުގައި ވެސް އެންމެ ދެ މެޗުން މޮޅުވެފައިވާ ޔުނައިޓެޑަށް އެންމެ ފަހުން މޮޅެއް ލިބިފައިވަނީ މީގެ މަހަކަށް ވުރެ ވެސް ގިނަ ދުވަސް ކުރިންނެވެ. އަނެއްކޮޅުން ފަބްރިގާސްގެ ކޯމޯ އޮތީ އިޓާލިއަން ސެރީ އޭ ތާވަލުގެ ފަސްވަނައިގަ އެވެ.

އެ ޓީމުން ވަނީ އާދީއްތަ ދުވަހު 3-1 އިން ފިއޮރެންޓީނާ ބަލިކޮށްފަ އެވެ.

ކެރިކް ބުނީ ޔުނައިޓެޑަކީ ކިހާވަރެއްގެ ކްލަބެއްކަން އޭނާ އަށް އެނގޭ ކަމަށެވެ. އަދި އެ ކްލަބްގެ ތާރީހާއި ކޯޗިން ޓީމުގެ ގާބިލުކަން ވެސް އޭނާ އަށް ރަނގަޅަށް އޮޅުފިލާކަމަށް ބާސެލޯނާ އާއި އާސެނަލް އަދި ޗެލްސީއަށް ވެސް ކުޅުނު ކުރީގެ މިޑްފީލްޑަރު ބުންޏެވެ. 

"(ޔުނައިޓެޑްގެ އެސިސްޓެންޓް) ސްޓީވް ހޯލަންޑް ވަރަށް ރަނގަޅަށް އަހަރެން ދަންނަން. ސަބަބަކީ ޗެލްސީގައި ގިނަ އަހަރުތަކެއް ވަންދެން އޭނާއާ އެކު މަސައްކަތްކުރެވުމުން. އަދި މައިކަލް [ކެރިކް] ކުރީގެ ކްލަބްތަކުގައި ވެސް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން އަހަރެން ދަންނަން،" ފެބްރިގާސް ބުންޏެވެ. 

"މިދިޔަ ސީޒަނުގައި ވެސް ގިނަ އަހަރުތަކަކަށް ފަހު މަންޗެސްޓާ ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް އަލުން ގެންގޮސްދިނީ އޭނާ. އެހެންވީމާ މުޅިން ގޯހެކޭ ނުބުނެވޭނެ. އަހަރެމެންގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ މީހުންނަށް މެހުމާންދާރީ އަދާކުރުމަކީ އަހަރެމެންނަށް ލިބޭ ބޮޑު ޝަރަފެއް."