މެންޗެސްޓާ ޔުނައިޓެޑްގައި އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރުގައި ވެސް ނަފުސާނީ ބަލީގެ ވޭން ވަރަށް ބޮޑަށް ތަހައްމަލުކުރަން ޖެހުނުކަމަށް، އެ ޓީމުގެ ލެޖެންޑް ވޭން ރޫނީ ބުނެފި އެވެ. 

ޔުނައިޓެޑާއި އިންގްލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އަދާކުރި، ރޫނީ ބުނީ ކައިވެރިކޮށް ފުރަތަމަ ދަރިފުޅު ލިބުނު ފަހުން ވެސް ނަފުސާނީ ބަލީގެ ވޭން އޭނާގެ ކިބައިން ނުފިލާ ކަމަށެވެ. 

އިނގިރޭސިވިލާތުގެ މަޝްހޫރު ބްރޮޑްކާސްޓިން ޕްރެޒެންޓަރު ގެބީ ލޯގަންގެ ޕޮޑްކޯސްޓް ޝޯ، "ލައިފް އެޓް ދަ މިޑްޕޮއިންޓް ވިތު ގެބީ ލޯގަން" ގައި ވާހަކަދައްކަމުން ރޫނީ ބުނީ ނަފުސާނީ ބަލީގެ ވޭނުގައި އެންމެ ހާލު ދެރަވި ދުވަސްވަރު، ދެ ދުވަސް ވަންދެން ގޭގައި އެކަނިއިންނަ ކަމަށެވެ. 

"އަހަރެންގެ މާޒީއަށް ބަލާލާފައި އަހަރެންނަކީ އަމިއްލަ އެދުން ބޮޑު މީހެކޭ ބުނެވިދާނެ. އެކަމަކު އޭރު އަހަރެން ތަހައްމަލު ކުރަމުން ދިޔައީ ވަރަށް އުނދަގޫ ކަންތައްތަކެއް. އަހަރެން އެ ހާލަތުގައި ހުއްޓާ ދަރިފުޅު ކައިއަށް ފެންނާކަށް ބޭނުމެއް ނުވި. އެހެންވެ ފިލައިގެން އުޅުނީ ވެސް،" ރޫނީ ކިޔައިދިނެވެ. 

ޔުނައިޓެޑްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ބުނީ ދަނޑުން ބޭރުގައި އޭނާ އުޅުނީ ވަރަށް ބޮޑަށް އެކަހެރިވެގެން ކަމަށެވެ.

"އަމިއްލައަށް މަރުވާން ވިސްނާ ހިސާބަށް ކަންތައް ދިޔަ. އެއްވެސް މީހެއްގެ ކައިރީގައި ހުންނާކަށް ބޭނުމެއް ނުވޭ. މަގުމަތިން މީހުން ފެންނާކަށް ބޭނުމެއް ނުވޭ. ފިހާރަތަކަށް ދާކަށް ވެސް ބޭނުމެއް ނުވޭ. ފުޓްބޯޅަ ދަނޑުމަތީގައި އަހަރެން އަބަދުވެސް ހުންނަނީ ހަމަޖެހިފައި. އެކަމަކު އެހެން ހުރިހާ ކަމަކާ ކުރިމަތިލާން ވަރަށް އުނދަގޫވި،" އޭނާ ބުންޏެވެ.

ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު، ރޫނީ އެ ޓީމުގެ މެޗެއްގައި --- ފައިލް ފޮޓޯ: ގެޓީ އިމޭޖަސް
ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު، ރޫނީ އެ ޓީމުގެ މެޗެއްގައި --- ފައިލް ފޮޓޯ: ގެޓީ އިމޭޖަސް

ދިރިއުޅުމުގައި ހުރިހާ އުފަލެއް ލިބިފައިވާ ކަމަށް ބޭރުފުށުން ފެނުނު ނަމަވެސް، އޭރު ނަފްސާނީ ހާލަތު ހުރި ގޮތް ގަބޫލުކުރަން ވަރަށް އުނދަގޫވި ކަމަށް ރޫނީ ބުންޏެވެ.

އޭނާ ބުނީ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ކަމަށް ވިޔަސް އެއީ އެންމެ ކާމިޔާބު ދުވަސްތައްކަމަށް ބަލައިގަންން އުނދަގޫވި ކަމަށެވެ. އާންމުކޮށް ފިރިހެނުންގެ ކިބައިގައި ހުންނަ ހިތްވަރުގަދަކމުގެ ސިފަ އޭނާގެ ކިބައިން ކުޑަވާ ކަމަށް އިހުސާސްތައް، ނަފުސާނީ ގޮތުން ކުރިމަތިވަމުންދިޔަ އުނދަގޫތަކުގެ ސަބަބުން ކުރެވުނު ކަމަށް ރޫނީ ބުންޏެވެ. 

"އަހަރެންނަށް ވަމުންދާ ގޮތް ދެނެގަތުމަށް ތެރަޕިސްޓަކާވެސް ވާހަކަދެއްކިން. އެއީ ކެރިއަރުގެ އެންމެ އުހުގައި ހުރެ، ދަރިއަކު ލިބި، ކައިވެނި ކުރި ދުވަސްވަރު. އެއީ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްވަރަށް ވާންޖެހޭނެ. އެކަމަކު އެހެނެއް ނުވި،" ރޫނީ ކިޔައިދިނެވެ.

ރޫނީ ބުނީ، އެ އަނދިރި ދުވަސްތަކުން އަރައިގަތުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ އޭނާގެ އަންހެނުން ކޮލީން ކަމަށެވެ.

"ކޮލީން އަހަރެންނަށް ވަރަށް ބޮޑަށް އެހީތެރިވި. އޭރު ހާލަތު ގޯސްކަމުން އޭނާއަށް އަހަރެން ދޫކޮށްލާފައި ދެވުނީސް، އެކަމަކު އޭނާ އަހަރެންނާ އެކު މަޑުކޮށް އެކަމުން އަރައިގަތުމަށް އެހީތެރިވި،" ރޫނީ ބުންޏެވެ.