ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޯންގަށް މަލާމާތްކޮށް ދެއްކެވުނު "ގޯސް" ވާހަކަތަކާ ގުޅިގެން، އެ ގައުމުގެ ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމުން، ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބޭޕާ މައާފަށް އެދިއްޖެ އެވެ.
ޗައިނާއިން ދެކޭގޮތުގައި މައޯއަކީ، އެ ގައުމުގެ މިޒަމާނުގެ ތަރއްގީގެ ބައްޕަ އެވެ.
އިންޓަނެޓްގައި އާންމުވި ވީޑިއޯއެއްގައި އެމްބާޕޭ ބުނެފައި ވަނީ، ސޯޝަލް މީޑިއާއިން އޭނާ އަށް ފެނުނު އެންމެ މަޖާ ޕޯސްޓަކީ ހުދުމުހުތާރު ލީޑަރެއްގެ މޫނު އޭނާގެ މޫނުގައި ޖައްސައިގެން ހަދާފައިވާ ފޯޓއެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރު ކުރި އެ ފޮޓޯގައި ފެންނަނީ މާއޯ އާއި އެމްބާޕޭ އެވެ.
އެ ވީޑީއޯއާ ގުޅިގެން ޗައިނާގެ ބޮޑު ދެ ކުންފުންޏެއް ކަމަށްވާ ޑޮންގްޕެންގް އަދި މެންގްނިއުއިން، އެމްބާޕޭގެ ސްޕޮންސާޝިޕް އެއްބަސްވުންތައް ވެސް އުވާލި އެވެ.
ޗައިނާގެ ސްޕޮންސަރުންތަކެއް ގެއްލުމާއި އެ ގައުމުގެ އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުމާ ހުރެ، އެމްބާޕޭ ވަނީ އޭނާ އަށް ދެއްކުނު ވާހަކަތަކާ މެދު މައާފަށް އެދިފަ އެވެ.
ރެއާލް މެޑްރިޑްގެ ފޯވާޑް ބުނީ އޭނާ އަށް ދެއްކުނީ "ގޯސް" ވާހަކަތަކެއް ކަމަށެވެ.
"އެއީ ނުވިސްނައި ދެއްކުނު ގޯސް ވާހަކަތަކެއް. ޗައިނާގެ ސަޕޯޓަރުންގެ އިހުސާސްތަކަށް އަސަރުފޯރުވުމުން އަހަރެންމައާފަށް އެދެން،" އެމްބާޕޭ ލިޔެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ސްޕޮންސާޝިޕް އުވާލަމުން ޑޮންގްޕެންގް ކުންފުނިން ބުނީ، ގައުމީ އިހުސާސްތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލަކަށް އެ ކުންފުނިން ޖާގައެއް ނުދޭނެ ކަމަށެވެ. އަދި އެމްބާޕޭއާ އެކު ހަދާފައިވާ އެއްބަސްވުންތައް އުވާލީ އެއީ، އެފަދަ ކަންކަމަށް އެއްވެސް ބަލައިނުގަންނާނެކަން ހާމަކުރުމުގެ ސިޔާސަތުގެދަށުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޗައިނާގެ ވެރިކަންކުރާ ކޮމިޔުނިސްޓް ޕާޓީގެ ފައުންޑިން މެންބަރު މާއޯވަނީ، 27 އަހަރު ޗައިނާގެ ވެރިކަން ކުރައްވާފަ އެވެ. ޗާއިނާގެ ވެރިކަމާ 1949 ވަނަ އަހަރު އޭނާ ހަވާލުވި އިރު އެ ގައުމަކީ އިންތިހާއަށް ފާގިރުކަމާއި ތަދުމަޑުކަން އޮތް ގައުމެކެވެ. ނަމަވެސް އެ ގައުމު ބަދަލުކޮށްލައި އިގްތިސޯދީ ގޮތުން ބާރަކަށް ހެދުމުގެ ބިންގާ އަޅުއްވައި ދެއްވި އެވެ. އުމުރުފުޅުން 82 އަހަރުގައި މާއޯ، އަވަހާރަވީ ސެޕްޓެމްބަރު 1976 ގަ އެވެ. އަވަހާރަވުމާ ހަމައަށް ވެސް އޭނާ ހުންނެވީ ޗައިނާގެ ވެރިކަމުގަ އެވެ.
ނަމަވެސް، ހުޅަނގުގެ މީޑީއާތަކުން މާއޯ، ސިފަކުރަނީ ހުދުމުހުތާރު ލީޑަރެއްގެ ގޮތުގަ އެވެ.