ފްރާންސްގެ ކެޕްޓަން ކިލިޔަން އެމްބާޕޭ، ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގަށް މަލާމާތްކޮށް ވާހަކަދައްކާ ކަމަށް ބެލެވޭ ވީޑިއޯއެއް އިންޓަނެޓުގައި އާންމުވުމުން، ޗައިނާ ދެ ކުންފުންޏަކުން އޭނާގެ ސްޕޮންސާޝިޕް އެއްބަސްވުންތައް އުވާލައިފި އެވެ.

މާއޯއަކީ ޗައިނާގެ މިޒާމާނުގެ ތަރައްގީގެ ބައްޕަ ކަމަށް އެ ގައުމުން ސިފަ ކުރެ އެވެ. އޭނާ އަވަހާރަވީ 1976 ވަނަ އަހަރު އެވެ. އޭނާއަށް މަލާމާތްކުރުމަކީ އިހުތިރާމް ކުޑަކުރުން ކަމަށް ބަލައި، ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ.

މި މައްސަލައާ ގުޅިގެން ޗައިނާގެ ބުއިންތައް އުފައްދާ ޑޮންޕެންގް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ގައުމީ އިހުސާސްތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލަކަށް އެ ކުންފުނިން ޖާގައެއް ނުދޭނެ ކަމަށެވެ. އެހެންވެ އެމްބާޕޭއާއެކު ހަދާފައިވާ އެއްބަސްވުންތައް ވަގުތުން އުވާލާފައިވާ ކަމަށް، އެ ކުންފުނިން ބުންޏެވެ. 

ޗައިނާގައި ކިރު އުފައްދާ އެންމެ ކުންފުނި މެންގްނިއުއިން ވެސް ވަނީ އެމްބާޕޭއާއެކު އޮތް އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަން އިއުލާންކޮށްފާ އެވެ.

"ޗައިނާގެ ރައްޔިތުންގެ އިހުސާސްތަކަށް އަސަރުކުރާ ފަދަ އެއްވެސް ވާހަކައަކަށް ނުވަތަ އަމަލަކަށް މެންގްނިއުއިން ދޫނުދޭނެ،" އެ ކުންފުނިން ބުންޏެވެ. 

މި މައްސަލަ އުފެދުނީ އިންޓަނެޓުގައި އާންމުވި ވީޑިއޯއެއްގައި އެމްބާޕޭ ވާހަކަދައްކަމުން، އިންޓަނެޓުން އޭނާ އަށް ފެނުނު އެންމެ މަޖާ ޕޯސްޓަކަށް އަކީ އޭނާގެ މޫނު "ޗައިނާގެ ޑިކްޓޭޓަރެއްގެ" މޫނުމަތީގައި ޖައްސާފައިވާ ޕޯސްޓެއް ކަމަށެވެ. 

މިއީ މާއޯ ފޮޓޯއަކަށް އެމްބާޕޭގެ މޫނު އެޑިޓްކޮށްގެން ހަދާފައިވާ މީމްއަކަށް ނިސްބަތްކޮށް އޭނާ ދެއްކި ވާހަކައެކެވެ.

މި ވީޑިއޯ އާންމުވުމާ އެކު ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ވޭބޯ' ގައި އެމްބާޕޭއަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފާ އެވެ. އަދި ޗައިނާގެ އެންމެ ބޮޑު ފުޓްބޯޅަ މީޑިއާ 'ޑޮންގްކިއުޑީން ވެސް ވަނީ އެމްބާޕޭގެ މިއަމަލަކީ ޗައިނާގެ ރައްޔިތުންނަށް ކުރެވުނު ފުރައްސާރައެއް ކަމަށް ބުނެފާ އެވެ.

"މިއީ ވަރަށް ނުރައްކާތެރި ގޯސް ވާހަކަތަކެއް. ހުރަސްކުރަން ނުޖެހޭ ހުރިހާ ރަތް ރޮނގުތަކެއް ވަނީ ހުރަސްކޮށްފައި. މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" ވޭބޯ މީހަކު ލިޔެފައިވާ ކަމަށް އޭއެފްޕީން ބުންޏެވެ. 

އުމުރުން 27 އަހަރުގެ އެމްބާޕޭއަކީ މީގެ ކުރިން ޗައިނާގެ ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލު ކުޅުންތެރިޔެކެވެ. ނަމަވެސް މި ހާދިސާއާ އެކު ރެއާލް މެޑްރިޑްގެ ފޯވާޑް މަގުބޫލުކަމަށް، ޗައިނާގައި ލޮޅުން އަރާފައިވާ ކަމަށް އޭއެފްޕީން އެވެ.