ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ފަސްވަނަ ފަހަރަށް ހޯދައި، ކްލަބް ވެމްކޯއިން އަންހެން ވޮލީގައި ނުފޫޒު އިތުރަށް ގަދަކޮށްފި އެވެ. 

އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި އެމްޓީސީސީއާ ވާދަކޮށް ވެމްކޯއިން މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓް ވެމްކޯއިން ގެންދިޔަ އެވެ. އެއީ 25-22 އަދި 25-16 އިންނެވެ. ތިންވަނަ ސެޓްގައި ދެ ޓީމުން ވެސް ވާން ކުރި އެވެ. އެ ސެޓް ގެންދާނެ ހަމަހަމަ ފުރުސަތެއް ދެ ޓީމަށް ވެސް އޮތެވެ. އެ ސެޓް 26-24 ގެންދިޔައީ އެމްޓީސީސީންނެވެ. 

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ވެމްކޯ އާއި އެމްޓީސީސީ ކުޅުނު މެޗުގެ ތެރެއިން: ވެމްކޯއިން ކާމިޔާބު ކުރީ 3-1 ސެޓުން --- ފޮޓޯ: ވީއޭއެމް
ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ވެމްކޯ އާއި އެމްޓީސީސީ ކުޅުނު މެޗުގެ ތެރެއިން: ވެމްކޯއިން ކާމިޔާބު ކުރީ 3-1 ސެޓުން --- ފޮޓޯ: ވީއޭއެމް

އެކަމަކު އެ ސެޓްގައި ދެއްކި ހިތްވަރެއް ދެން އައި ސެޓްގައި އެމްޓީސީސީއަކަށް ނުދެއްކުނެވެ. ވެމްކޯއިން އެ ސެޓް ފަސޭހަކަމާ އެކު ގެންދިޔައި 25-15 އިންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ އެވޯޑްގައި ޑޮމިނޭޓް ކުރީ ވެސް ވެމްކޯގެ ކުޅުންތެރިންނެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އެވޯޑްތައް ގެންދިޔައީ ވެމްކޯގެ ނަރީމާ އިދުރިސް އާއި ފާތިމަތު ޖޫޒާން ޒަރީރުގެ އިތުރުން އެމްޓީސީސީގެ މާޔާ ހުސައިން ސޮލާހެވެ. 

އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ އެވޯޑްތައް ހޯދީ ވެމްކޯގެ ތައިލެންޑް ދެ ކުޅުންތެރިން ކަމަށް ވަރައަންޏާ ސިލޯންގް އަދި ކުޓިކާ ކޭވްޕިންގެ އިތުރުން އެމްޓީސީސީގެ ބްރެޒިލްގެ ކުޅުންތެރިޔާ ފެނާންޑާ ޑޭވީސް ޓޮމޭ އެވެ. 

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފަރުދީ އެވޯޑްތައް ގެންދިޔަ ފަރާތްތައް ފޮޓޯއަކަށް ހުއްޓިލައިގެން: ފަރުދީ އެވޯޑްގައި ވެސް ޑޮމިނޭޓްކުރީ ވެމްކޯ --- ފޮޓޯ: ވީއޭއެމް
ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފަރުދީ އެވޯޑްތައް ގެންދިޔަ ފަރާތްތައް ފޮޓޯއަކަށް ހުއްޓިލައިގެން: ފަރުދީ އެވޯޑްގައި ވެސް ޑޮމިނޭޓްކުރީ ވެމްކޯ --- ފޮޓޯ: ވީއޭއެމް

އުއްމީދީ ކުޅުންތެރިޔާ ނުވަތަ 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މްޓީސީސީގެ އާމިނަތު ފަރާހަތެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހްމަދު އަދީލެވެ. 

މުބާރާތުގެ ފަރުދީ އެވޯޑްތައް:

21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ:

   - އާމިނަތު ފަރާހަތު (އެމްޓީސީސީ)

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން:

   - ނަރީމާ އިދުރިސް (ވެމްކޯ)

   - މާޔާ ހުސައިން ސޮލާހް (އެމްޓީސީސީ)

   - ފާތިމަތު ޖޫޒާން ޒަރީރު (ވެމްކޯ)

އެންމެ މޮޅު ބިދޭސީ ކުޅުންތެރިން:

   - ވަރައަންޏާ ސިލޯންގް (ވެމްކޯ)

   - ފެނާންޑާ ޑޭވީސް ޓޮމޭ (އެމްޓީސީސީ)

  - ކުޓިކާ ކޭވްޕިން (ވެމްކޯ)

އެންމެ މޮޅު ކޯޗު: 

   - އަހްމަދު އަދީލް (ވެމްކޯ)