ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލާއި މަލާކް ބިންތި މުއިއްޒު ހޯދައިފި އެވެ.

ކުރީގެ މުނިއުފާ ޔޫތު ސެންޓަރުގައި ހުންނަ މާލޭ ޓީޓީ ހޯލުގައި ކުޅުނު މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޝަނު ސިންގަލްސް ފައިނަލް މެޗުގައި ޝައްފާން ވަނީ ތަޖުރިބާކާރު މޫސާ މުންސިފް އަހްމަދުގެ މައްޗަށް ސީދާ ހަތަރު ސެޓުން ކުރިހޯދާފަ އެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ޝައްފާން ސެޓުތައް ގެންދިޔައީ 11-02، 11-08، 11-07 އަދި 11-06 އިންނެވެ.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ފައިނަލުގައި ޝައްފާން ވާދަކުރަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ފައިނަލުގައި ޝައްފާން ވާދަކުރަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ހަމަ އިއްޔެ ކުޅުނު އަންހެން ސިންގަލްސް ފައިނަލު ވެސް، މަލާކް ކާމިޔާބު ކުރީ ސީދާ ހަތަރު ސެޓުންނެވެ. ފައިނަލުގައި އޭނާއާ ދެކޮޅަށް ކުޅުނީ އައިޝަތު މަލަކް ތަހުސީން އެވެ. ހުރިހާ ސެޓެއްގައި މަލަކު ފަރާތުން ވަރުގަދަ ވާދަވެރިކަމެއް ފެނުނެވެ.

ނަމަވެސް މަލާކް ވަނީ ސެޓުތައް 11-08، 11-08، 11-09 އަދި 11-08 އިން ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ ޑަބަލްސް ބައިގެ  ފިރިހެން ޗެމްޕިއަންކަން ހޯދީ ޝައްފާން އާއި މުޙައްމަދު ޚަލަފް ރާފީޢުގެ ޕެއާ އެވެ. އަންހެން ޑަބަލްސް ތަށި ނެގީ މިޝްކާ މުޙައްމަދު އިބްރާހީމާއި މަލަކްގެ ޕެއާ އެވެ. އަދި މިކްސްޑް ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ މުންސިފް އާއި މަލާކް ޕެއާ އެވެ. 

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފައިނަލު މެޗުގައި މަލާކް --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފައިނަލު މެޗުގައި މަލާކް --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ރާއްޖޭގެ އަންމެ ކާމިޔާބު އަންހެން ދެ ކުޅުންތެރިންކަމަށްވާ ފާތީމަތު ދީމާ އަލީ އާއި އާއީޝަތު ރަފާ ނާޒިމު، މިފަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެ އެވެ. އެ ދެ ކުޅުންތެރިން ވެސް ގެންދަނީ ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންނެވެ.