ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލް ހޯދައިފި އެވެ.
ގައުމީ ތަށި ދީމާ ހޯދީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިދިޔަ އަހަރު ގައުމީ ފައިނަލުގައި ދީމާ ބަލިކޮށް ތަށި ކާމިޔާބު ކުރީ އާއިޝަތު ރަފާ ނާޒިމް އެވެ.
އިއްޔެ ކުޅުނު ފައިނަލުގައި ވެސް ވާދަކުރީ އެ ދެ ކުޅުންތެރިންނެވެ. ނަމަވެސް ދީމާ ވަނީ މިފަހަރު ރަފާ އަށް ފުރުސަތު ނުދީ ތަށި ގެންގޮސްފަ އެވެ.
ފައިނަލަށް ދީމާ ދަތުރު ކުރީ އާއިޝަތު އަލްސާ ނާފިޒް ބަލިކުރުމަށް ފަހު އެވެ. ސެމީ ފައިނަލު މެޗުގައި ރަފާއާ ދެކޮޅަށް ނުކުތީ މިޝްކާ މުހައްމަދު އިބްރާހިމެވެ.
ފިރިހެން ޑިވިޝަނުގައި، މި އަހަރު ވެސް ޝައްފާން ތަށި ދިފާއު ކުރީ ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް އަހްމަދު ބަލި ކުރުމަށް ފަހު އެވެ.
ދީމާ އާއި ޝައްފާން ވަނީ، މިކްސްޑް ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ޕެއާވެ ހޯދައިފަ އެވެ. ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ނުކުތީ މުންސިފާއި ރަފާގެ ޕެއާ އެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުންސިފާއި މުހައްމަދު އާލް އިމްރާންގެ ޕެއާ އެވެ. އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ނުކުތީ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު މައިޒަރު އާދަމް ޒާހިރުގެ ޕެއާ އާއި ޝައްފާންގެ ޕެއާ އެވެ.
އަންހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ދީމާ އާއި އަލްސާ އެވެ.