ޓީޓީ މޭޒުކައިރީގައި ކޮށްލާ ހަލުވި ސާވްތަކާ އެކު ބައިނަލްއަގުވާމީ މައިދާނުގައި އެ ކުޅިވަރުން ރާއްޖެއަށް، ފާތިމަތު ދީމާ އަލީ ހޯދައިދޭ ރަން މެޑަލްގެ ވާހަކަތައް ދިވެހިންނަކަށް އަލެއް ނުވާނެ އެވެ.

ވާދަވެރި ކޮލިފައިން މުބާރާތެއް ކާމިޔާބުކޮށް، އޮލިމްޕިކްސްއަށް ކޮލިފައިވި ދިވެހި ހަމައެކަނި އެތުލީޓުގެ ޝަރަފު ހޯދި ދީމާއަކީ ރާއްޖޭގައި އުފެއްދި އެންމެ ކާމިޔާބު އެއް އެތުލީޓެވެ. ގައުމީ އެންމެ ބޮޑު ކުޅިވަރު ހަފުލާގައި ރާއްޖޭގެ އެންމެ މޮޅު އެތުލީޓުގެ އެވޯޑްތައް ކޮންމެ އަހަރަކުހެން، ރައީސުންގެ އަތްޕުޅުން އޭނާ އަށް ހަވާލުކޮށްދޭ މަންޒަރު ގިނަ ދިވެހިންނަށް ޓީވީން ވަނީ ފެނިފަ އެވެ.

އެކަމަކު ހަގީގަތުގައި، ދީމާގެ ވިދުން ފެންނަނީ ޓީޓީ ހޯލާއި ކުޅިވަރުގެ އެވޯޑް ހަފުލާތަކުގައި އެކަންޏެއް ނޫނެވެ.

ރޭ އެ މަންޒަރު ފެންނާނީ ސްކޫލް މަރުހަލާގެ އެންމެ ބޮޑު އެވޯޑް ހަފުލާއިންނެވެ. 

އޭ ލެވެލް އާއި އޯ ލެވެލް އިމްތިހާނުގައި މަތީ ވަނަތައް ހޯދި ދަރިވަރުންގެ ކާމިޔާބު ފާހަގަކުރުމަށް ސަރުކާރުން ބޭއްވި އެވޯޑް ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުން ދީމާ، ރޭ ހޯދީ ކިޔެވުމުގެ މަތީ ވަނަ އެވެ.

ޓީޓީ މެޗެއްގެތެރެއިން ދީމާ: ކުޅިވަރުގައި އޭނާ ހޯދި ކާމިޔާބު އާ ވާހަކައަކަށް ނުވާނެ
ޓީޓީ މެޗެއްގެތެރެއިން ދީމާ: ކުޅިވަރުގައި އޭނާ ހޯދި ކާމިޔާބު އާ ވާހަކައަކަށް ނުވާނެ

އިނގިރޭސި މާއްދާއިން މުޅި ދުނިޔެ އާއި ރާއްޖޭން އެއްވަނަ ހޯދައި، ސްކޫލް ތައުލީމީ މަރުހަލާގެ އެންމެ މަތީ އެވޯޑް ހަފުލާގެ ސްޓޭޖުން ދީމާ އަށް ލިބުނު އެވޯޑުން ގިނަ ވާހަކަތަކެއް ބުނެދެ އެވެ.

ކުޅިވަރުގެ ކާމިޔާބަށް ކުޑަވެސް ފަނޑުކަމެއް އަޔަނުދީ ކިޔެވުމުގައި ވެސް ހަމަ އެވަރަށް ވިދުން ފަނޑުނުވެ ކުރިއަށްދެވިދާނެކަން ސާބިތުކޮށްދެއެވެ. 

އޭނާގެ މަންމަ އާއިޝަތު ވަހީދާ ބުނިގޮތުގައި، މިކާމިޔާބުން ކުޅުމާއި ކިޔެވުން އެއްވަރެއްަގައި ކުރިއަށް ގެންދިޔައީ ވަރަށް ގިނަ ގުރުބާނީތަކާ އެކު އެވެ. 

އާއީޝަތު ވަހީދާ ބުނިގޮތުގައި އޯ ލެވެލް އިމްތިހާނާ ދީމާ ކުރިމަތިތީ އަމިއްލަ ގޮތުން ކިޔަވައިގެންނެވެ. އެއީ ގޮންޖެހުން ބޮޑުވި ކަމެކެވެ. ސާނަވީ މަރުހަލާގެ އެންމެ މުހިންމު އަހަރުތައް ދީމާ ކިޔެވީ އޮންލައިކޮށް ޓިއުޝަން މޮޑެލްއަށެވެ. 

ކްލާސްތައް ނަގައިދޭން ހަވާލުވި ބައެއް ޓީޗަރުން، ވަކި ހިސާބަކުން އަމިއްލައަށް އެކަން ދޫކޮށްލަ އެވެ. އަނެއްކާވެސް ޖެހެނީ އާ ޓީޗަރަކު ހޯދާށެވެ. 

2024 ގެ އޮލިމްޕިކްސް ގޭމްސް އަށް ދީމާ ކޮލިފައިވުމުން، އެ ކާމިޔާބު ފާހަގަކުރަން ބޭއްވި ހަފުލާގެތެރެއިން: ދީމާގެ އެ ކާމިޔާބާ އެކު އެއީ ރާއްޖޭގެ ކުޅިވަރުގައި އެންމެ ތާރީހީ އަހަރު --- ފައިލް ފޮޓޯ
2024 ގެ އޮލިމްޕިކްސް ގޭމްސް އަށް ދީމާ ކޮލިފައިވުމުން، އެ ކާމިޔާބު ފާހަގަކުރަން ބޭއްވި ހަފުލާގެތެރެއިން: ދީމާގެ އެ ކާމިޔާބާ އެކު އެއީ ރާއްޖޭގެ ކުޅިވަރުގައި އެންމެ ތާރީހީ އަހަރު --- ފައިލް ފޮޓޯ

ސްކޫލެއްގެ ދަރިވަރަކަށް ނުވާތީ ހަވާލުވި ބައެއް ޓީޗަރުންގެ އެންމެ އިސް ލިސްޓްގައި ދީމާގެ ނަމެއް ނޯވެ އެވެ. އެހެންވެ ބޮޑު އަގެއް ދެއްކިޔަސް އޭނާ އަށް ލިބޭ އަހަމިއްޔަތުކަން އޮންނަނީ ކުޑަވެފައި ކަމަށް ވަހީދާ ބުންޏެވެ.

"މިއީ ވަރަށް ވަރަށް އުނދަގޫވި ކަމެއް. ޕްރައިވެޓްކޮށް ޓިއުޝަން ނަގައިދިނަސް ޓީޗަރުން ބޮޑަށް އިސްކަން ދެނީ ސްކޫލްގައި އެ ޓީޗަރުން ކިޔަވައިދޭ ކުދިނަށް ވަރަށް ބޮޑަށް ފޯކަސްކޮށްގެން އެ ކުދިންނަށް ޓިއުޝަން ނަގައި ދިނުމަށް،" ވަހީދާ ކިޔައި ދިނެވެ.  

އެހެންވެ، އެ ޓީޗަރުންގެ ޝެޑިއުލްގައި ދީމާ އަށް އިސްކަން ދިނުމުގެ މުހިންމުކަން ކުޑަވަނީ އެވެ. 

އޮންލައިން ކްލާހުގެ ގަޑިއަށް ތައްޔާރުވެފައި ވަނިކޮށް، ކްލާސް ކެންސަލްވި ކަމުގެ މެސެޖް ލިބުނު ކިތަންމެ ރެޔެއް ފާއިތުވިކަމަށް ދީމާގެ އާއިލާއިން ބުންޏެވެ. 

ވަހީދާ ބުނިގޮތުގައި، އެހެންވެ ވަރަށް ކައިރިކައިރީގައި ޓީޗަރުން ބަދަލުކުރަން ޖެހުނެވެ. ޕްރައިވެޓް ޓިއުޝަނަށް ބޮޑު އަގެއް ދައްކާއިރު ދީމާ އަށް ވެސް އިސްކަން ދޭނެ ޓީޗަރުން ހޯދުމުގެ ގޮތުންނެވެ.

ކައިރިކައިރީގައ ޓީޗަރުން ބަދަލުވުމުން ކުރިމަތިވި ޓެކްނިކަލް ގޮންޖެހުންތައް ވެސް ހުއްޓެވެ. 

"އެކަމަކު އަލްހަމްދުﷲ. އެ ހުރިހާ ދަތިތަކާ އެކު ވެސް ދީމާ ހޯދި ނަތީޖާއާ މެދު ވަރަށް ވަރަށް ހިތްހަމަޖެހޭ،" އޭނާ ބުންޏެވެ. 

މިދިޔަ އަހަރު އޯ ލެވެލް ހެދުމަށްފަހު، ދީމާ މިހާރު ކިޔަވަމުންދަނީ މެލޭޝިއާގެ ޓޭލާސް ކޮލެޖްގެ ފައުންޑޭޝަން ޕްރޮގްރާމެއްގައެވެ. ބިޒްނަސް ދާއިރާގެ އެ ޕްރޮގްރާމްގައި އޭނާ ކިޔަވަމުންދަނީ ކިޔެވުމާއި ކުޅިވަރުގެ ތަމްރީނުތައް ކުރިއަށްގެންދަމުންނެވެ.

"އެކޮޅުގައި ޓީޓީގެ ޓްރޭނިންތަކަށްވެސް ދަމުން ކިޔަވަނީ. އެކޮޅުގައިވެސް ދީމާ ވަރަށް މަސައްކަތްކުރޭ ކިޔަވަން. އޭގެ ނަތީޖާވެސް ރަނގަޅު. ކޮލެޖްގެ އެންމެ ރަނގަޅު ސްޓޫޑަންޓުންނަށް ދޭ ޑީން އެވޯޑްވެސް ވަނީ ލިބިފައި،" ވަހީދާ ބުންޏެވެ.

ރޭގެ އެވޯޑް ހަފުލާއަށްފަހު ދީމާ ވަނީ، އަނެއްކާވެސް މެލޭޝިއާއަށް ގޮސްފައެވެ. ޓީޓީގެ ތަމްރީނުތަކާއި ކިޔެވުމުގެ ހަރަކާތްތައް އޭނާ ގެންދާނީ އެކުއެކީގައި އެއްވެސް ކަމަކަށް ބުރޫއެރިޔަނުދީއެވެ.