ލަމީން ޔަމާލަށް ހާއްސަ އިމްތިޔާޒުތަކަކާއި ދޫދިނުންތަކެއް ދޭކަމަށް ބުނެ ފަތުރާ ވާހަކަތަކާ ހެދި ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ރުޅީގަދަވެއްޖެ އެވެ. 

ސްޕެއިން ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕާ ލަހުން ގުޅުމުގެ ހުއްދަ ޔަމާލަށް ދިނުމުން، އޭނާއާ އެހެން ކުޅުންތެރިންނާ މެދު ތަފާތުކޮށް އަމަލުކުރާ ކަމަށް ބުނެ ވާހަކަތަކެއް ވަނީ ސްޕެއިންގެ މީޑީއާތަކާއި ސޯޝަލް މީޑިއާ ކޮމިޔުނިޓީތަކުގައި ފެތުރިފަ އެވެ. 

ނަމަވެސް ކޯޗު ލަ ފުއެންޓޭ ބުނީ އެ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. 

ޗެކިއާ (ކުރިން ޝެކް ރިޕަބްލިކް) އާ ދެކޮޅަށް ސްޕެއިން މިރޭ ކުޅޭ މެޗަށް ޔަމާލް ޓީމާ އެކު ދަތުރު ނުކުރެ އެވެ. އެކަމަކު އާދީއްތަ ދުވަހު އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެންނާނެ ކަމަށް ބެލެވެ އެވެ.

ޔަމާލަށް ގައުމީ ޓީމާ އެކު ދަތުރުނުކުރަން ހުއްދަ ދިން މައްސަލައިގެ ޚަބަރުތައް ސްޕެއިންގެ މީޑީއާތަކުން ގެނެސްފައިވާ ގޮތާ މެދު ވެސް ލަ ފުއެންޓޭ ހުރީ ހިތްހަމަނެުޖެހިފަ އެވެ. 

ލަ ފުއެންޓޭ ބުނިގޮތުގައި ޓީމާ އެކު ޗެކިއާ އަށް ދަތުރުނުކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް ޔަމާލަށް އަންގާފައި ވަނީ އޭނާގެ ކަނާތު ކަކުލު ހުޅު ދުޅަވެފައިވުމުންނެވެ.  

"އަހަރެމެންގެ މެޑިކަލް ޓީމުން އޭނާގެ ހާލަތު ބެލުމަށްފަހު އަހަރެން ނިންމީ ދަތުރުކުރުމުގެ ބަދަލުގައި ކްލަބުގައި މަޑުކޮށްގެން ފަރުވާ ހޯދުން އޭނާއަށް އެންމެ ރަނގަޅުވާނެ ކަމަށް. ލަމީން [ޔަމާލް] އަކަށް އެއްވެސް ޚާއްސަ އިމްތިޔާޒެއް ނޯންނާނެ. އެހެން ކުޅުންތެރިންނާ މެދު ވެސް އަހަރެމެން ކަންތައް ކުރާނީ ހަމަ އެހެން،" ލަ ފުއެންޓޭ ބުންޏެވެ.

"އަހަންނަށް އެންމެ ބޮޑަށް އަސަރުކުރާ ކަމަކީ ދޮގު ހެދުމާއި ހަގީގަތް ނުބަލައި ވާހަކަދެއްކުމާއި ކަންކަން އުފައްދައިގެން ދެއްކުން. އެހެންވެ އަހަރެން ހިއްސާކުރަން ޖެހޭ ވަރަށްވުރެ މާ ބޮޑަށް ވެސް ތަފްސީލުކޮށް މައުލޫމާތު މި ހިއްސާކުރީ. އެއީ މީހުންނަށް ތެދު ހާމަކޮށްދެވެން އޮތް ހަމައެކަނި ގޮތް ކަމަށްވާތީ. މީހުންނަށް އޮޅުވާލައި ދޮގު ހަދަން އުޅޭ ބަޔަކު އަހަންނަކަށް ކަމަކު ނުދޭ."

ރެއާލް ސޮސިއެޑާޑްގެ ފޯވާޑް އޮޔާޒަބާލް ވެސް ރޯގާ ޖެހިގެން އުޅޭތީ، ގައުމީ ޓީމާ ލަހުން ގުޅުމުގެ ހުއްދަ އޭނާ އަށް ވެސް ދީފައިވާކަމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުންޏެވެ. 

ނޭޝަންސް ލީގުގެ ގްރޫޕްގެ އެއްވަނައިގައި ސްޕެއިން އޮތީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އިންގްލެންޑަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ސްޕެއިން މިހާރު ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފަ އެވެ. ގްރޫޕްގެ ތިންވަނައިގައި އޮތް ކްރޮއޭޝިއާއަށް ތިން ޕޮއިންޓެވެ. ޗެކިއާއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.