ކުރިއަށް އޮތް 2030 ގެ ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗު އޮންނާނީ ސްޕެއިނުގައި ކަމަށާއި، އެ ނޫން ހާލަތެއްގައި ވެސް މުބާރާތުން ވަކިވުމާ މެދު ނުވިސްނާ ކަމަށް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ރަފައެލް ލޫޒާން ވިދާޅުވެއްޖެ އެވެ.

އެ މުބާރާތް ހޯސްޓްކުރަނީ ސްޕެއިނާއި، ޕޯޗުގަލް، އަދި މޮރޮކޯ ގުޅިގެންނެވެ. ފައިނަލް މެޗު ބާއްވާނެ ޔަގީންކުރެވިފައި އޮތީ ސްޕެއިނުގަ އެވެ. ޕޯޗުގަލްގައި އެވަރު ސްޓޭޑިއަމެއް ނެތެވެ. އެކަމަކު މޮރޮކޯގައި ބިނާކުރަމުން އަންނަ 115،000 މީހުންގެ ސްޓޭޑިއަމް އެކަމަށް ފުދެ އެވެ. އެހެންވެ މޮރޮކޯ އަށް އެ ފުރުސަތު ދޭން ފީފާ އިން އުޅޭ ކަމުގެ ވާހަކަތައް ވަނީ ދެކެވިފަ އެވެ.

ލޫޒާން ވިދާޅުވީ ސްޕެއިނުގައި ފައިނަލް ބޭއްވުން ފިޔަވައި އެހެން އެއްވެސް ރޭވުމެއް ނެތް ކަމަށެވެ.

"ސްޕެއިން މުބާރާތުން ވަކިވުމުގެ ވިސްނުމެއް ނެތް. ސަބަބަކީ ސްޕެއިނުގައި ފައިނަލް ނުބޭއްވުމުގެ އެއްވެސް ރޭވުމެއް ވެސް ނެތީމާ،" އޭނާ ވިދާޅުވި އެވެ.

ސްޕެއިނުގެ އިދިކޮޅު ސިޔާސީ ލީޑަޑެއް ކަމަށްވާ އަލްބާޓޯ ނޫނޭޒް ވަނީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ސްޕެއިނަށް ފައިނަލް ނުބޭއްވޭ ހާލަތެއްގައި މުބާރާތުން ވަކިވާން ވަކާލާތުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެފަދަ ވިސްނުމެއް ހަމަ އެއްގޮތަކަށްވެސް ނެތް،" އެ ވާހަކަތައް ރައްދުދެއްވައި ލޫޒާން ވިދާޅުވި އެވެ.

ސްޕެއިނުގައި ފައިނަލް މެޗު ބާއްވާނީ މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގަ އެވެ. މިއީ 1982 ވަނަ އަހަރުގެ މުބާރާތް ސްޕެއިނުން ހޯސްޓުކުރިއިރު ވެސް ފައިނަލް ބޭއްވި ސްޓޭޑިއަމެވެ. އެކަމަކު ބާސެލޯނާ އިން ވެސް އަންނަނީ އެ ކްލަބުގެ ކޭމްޕް ނޯގައި ފައިނަލް ބޭއްވޭތޯ ބަލަމުންނެވެ.

ފައިނަލް މެޗު އޮންނަ ތަނަކާއި، ސްޓޭޑިއަމެއް ފީފާ އިން ރަސްމީކޮށް އިއުލާންކުރާނީ 2028 ގަ އެވެ.